ޚަބަރު ސިޔާސީ

އިންޑިއާ އެންބަސީން މުސާރަ ނަގާ ސިޔާސީ ލީޑަރުން އެބަތިބި: އަދުރޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
Adhurey, Abdul Raheem, PNC, PPM
ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ -- ދެން އިމޭޖްސް

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ފައިސާ ނަންގަވާ ސިޔާސީ ލީޑަރުން ރާއްޖޭގައި އެބަތިބި ކަމަށާއި އެ ފަރާތްތަކަށް ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

Ads by MWSC

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ރޭ ށ. ފޯކައިދޫގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުުން އަދުރޭ ވަނީ، ސިޔާސީ ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އެ ބޭފުޅުންނަކީ އިންޑިއާގެ ދަށުވެފައި ތިބި ބައެއް ކަމަށް ސިފަކުރައްވައިފައެވެ

މިގޮތުން ވިދާޅުވީ، ރައްޔިތުންގެ ޙައްޤުގައި ނިކުމެ ވަޑައިގަތް ހަމައެކަނި ލީޑަރަކީ ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީން ކަމަށެވެ.

އަދުރޭގެ ވާހަކަފުޅުގައި، ސަރުކާރުގެ ކޯލިޝަންގެ ޕާޓީތަކުން، މި ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ޤާއިމްވެފައި ނެތް ކަމަށް ބުނެ ނެރުނު ބަޔާނަށް ވެސް ވަނީ ރައްދު ދެއްވައިފައެވެ. މިގޮތުން ވިދާޅުވީ، ހިއްސުތައް ސަލާމަތުން ހުރި ކޮންމެ ދިވެހި ރައްޔިތަކަށް ވެސް މި ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި ސިޔާސީ ލީޑަރުންނަށް ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަން ނޭނގެނީ ވާނުވާ ނޭނގޭތީ ކަމަށް ވިދާޅުވަމުން އާސަންދައިން އައިނެއް ހޯއްދަވައިގެން ތުރު ކުރެއްވުމަށް އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމްއިން ވަނީ އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިވުމަށް ސިޔާސީ ހުރިހާ ޕާޓީތަކަށް ދައުވަތު ފޮނުވައިފައެވެ. އެހެން ނަމަވެސް މި ދައުވަތު އެއްވެސް ޕާޓީއަކުން ޤަބޫލުކޮށްފައެއް ނުވެއެވެ.

ރޭގެ ޖަލްސާގައި އަދުރޭ ވަނީ ބައެއް ސިޔާސީ ލީޑަރުންނަށް އިންޑިއާ އެންބަސީން ފައިސާ ދޭ ކަމަށް ވެސް ވިދާޅުވެފައެވެ.

"އެންބަސީތަކުން މުސާރަ ނަގައިގެން ބައެއް ސިޔާސީ ލީޑަރުން އުޅުއްވާ. އިންޑިއާ އެންބަސީން މުސާރަ ދީފައި ތިބި ސިޔާސީ ލީޑަރުން މި ޤައުމުގައި އެބަތިބި. ތި ބޭފުޅުން އެ މީހުންނަށް ނޫނެކޭ ބުނަން އެބަ ޖެހޭ." އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވަނީ ބޭރުން ބަޔަކު އަރާ ރާއްޖެ ހިފާއިރު ބަލަން ނުހުރެވޭނެ ކަމަށް ވިދާޅުވެފައެވެ. މިގޮތުން، ކެތްތެރިކަން ކޮޅުންލައިފި ކަމަށާއި އިންޑިއާ ސިފައިން ޖެހޭނީ ފައިބަން ކަމަށް ވިދާޅުވިއެވެ. އަދި އިންޑިއާ ސިފައިން ތިބޭ ތިބުން ރައްޔިތުން ސީރިޔަސްކޮށް ނުނަގައިފި ނަމަ، 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނެ ކަމާ މެދު ޝައްކު ކަމަށް ވިދާޅުވިއެވެ.

"2023ގެ އިންތިޚާބު މިތަނަށް އަންނާނީ އިންޑިއާ ސިފައިން މިތަނުން ބޭލިގެން. މިއޮތް ގޮތަށް މި ރާއްޖެ ހިނގައްޖިއްޔާ 2023 އިންތިޚާބު އޮންނާނެ ކަމެއް ވެސް އަޅުގަނޑުމެންނަށް ނޭނގެ. އެމީހުންގެ ބާރުގެ ދަށުގައި އޮންނާނީ." އަދުރޭ ވިދާޅުވީ އިންޑިއާ މީހުން ރާއްޖޭގައި ލައްކައިން ވަަޒަންވެރި ކުރުވައިގެން އެމީހުންނަށް ވޯޓް ލުމުގެ ޙައްޤު ދީ އިންތިޚާބު ދިވެހިންގެ އަތުން އަތުލާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!