ޑޮކްޓަރަކު ނެތުމުން ރައްޔިތުން ނިކުމެ ކުޑަރިކިލު ސިއްހީ މަރުކަޒުގައި ތަޅު އަޅުވައިފި

ބ. ކުޑަރިކިލުގައި ޑޮކްޓަރެއް ނެތުމުން އެރަށު ރައްޔިތުން އެކަމާ ނުރުހުން ފާޅުކޮށް އެރަށު ސިއްޙީ މަރުކަޒުގައި ބޮޑުތަޅު އަޅުވައިފިއެވެ.
”ދެންއަށް މަޢުލޫމާތު ދެއްވަމުން ކުޑަރިކިލު ކައުންސިލްގެ ރައީސް، އަބްދުލް ހަންނާން އައްބާސް ވިދާޅުވީ ކުޑަރިކިލު ސިއްހީ މަރުކަޒުގައި ޑޮކްޓަރެއް ނެތުމުން އާންމުން ނިކުމެ މުޒާހަރާކޮށްފައިވާ ކަމަށެވެ.
“ޑޮކްޓަރެއް ނެތީމާ އާންމުން ނިކުމެ ނުރުހުން ފާޅުކުރަމުން ދަނީ. އަދިވެސް ސިއްހީ މަރުކަޒު ބަންދުކޮށްފައި ހުރީ. ޑޮކްޓަރެއް ގެނެވޭތޯ ކުރަން ޖެހޭ ކަންތައްތައް ކައުންސިލްގެ ފަރާތުން ކުރަމުން މިދަނީ” ހަންނާން ވިދާޅުވިއެވެ.
މީގެ އިތުރުން ހަންނާން ވިދާޅުވީ ރައްޔިތުން ނިކުމެ ސިއްހީ މަރުކަޒު ބަންދުކޮށްފައިވާ ކަމަށާއި ނުރުހުން ފާޅުކުރަމުންދާ ކަމަށެވެ. މުޒާހަރާގެ ބައިވެރިން ބޯޑުތަކުގައި ޝުޢޫރު ފާޅުކޮށް ސިއްހީ މަރުކަޒު ކުރިމަތީގައި ތިބި މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ވެސް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެގޮތުން “ޑޮކްޓަރަކު މި ރަށަށް އައުމުން ނޫން ގޮތަކަށް ގެއަކަށް ނުދާނަން” ކަމަށާއި ރައްޔިތުން ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށްވެސް އެ ބޯޑުތަކުގައި ލިޔެފައިވެއެވެ.

ހަންނާން ވިދާޅުވީ އެ ރަށުގައި ޑޮކްޓަރެއް ނެތި މިހާރު ހަފްތާއެއް ވެދާނެ ކަމަށާއި ސިއްހީ މަރުކަޒުގައި ތިބެނީ 3 ނަރުހުން ކަމަށެވެ. މިހާރު އެ ރަށު މީހުން ޑޮކްޓަރަށް ދައްކަނީ އޮންލައިންކޮށް ކަމަށާއި މަރުކަޒަށް ގުޅުމުން ނަރުހުން އައިޖީއެމްއެޗާއި އަތޮޅު ހޮސްޕިޓަލަށް ބަލިމީހާގެ މަޢުލޫމާތު ހިއްސާކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ރަށުގައި ކުރިން ހުރީ މިސްރުގެ ޑޮކްޓަރެއް ކަމަށާއި އޭނާ މި މަހު 10ގައި ޗުއްޓީއަށް ގޮސްފައިވާ ކަމަށް ހަންނާން ވިދާޅުވިއެވެ. އަދި މި މައްސަލަ ވަރަށް ގާތުން ކައުންސިލްގެ ފަރާތުން ބަލަމުންދާ ކަމަށާއި އަތޮޅު ކައުންސިލާ ގުޅިގެން ޑޮކްޓަރަކު ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ރަށުން ގާތްގަޑަކަށް 20 މީހުން މި ބައްޔަށް ފަރުވާ ހޯދަމުންދާ ކަމަށާއި މި ބަލީގައި ބައެއް ކުޑަކުދިންގެ ހާލު ދެރަވެފައިވާ ކަމަށް ވެސް ހަންނާން ވިދާޅުވިއެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް ރަށުން ފުރައިގެން ކައިރި ރަށްރަށަށް ވެސް މީހުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއް ކުޑަރިކިލުގައި ހަލުއިކަމާ އެކު ފެތުރެމުން ދާއިރު ކޮވިޑް-19އަށް ވެސް އެ ރަށުން މީހަކު ވަނީ ފައްސިވެފައެވެ.




.webp)

ކޮމެންޓް