މިއީ އެންމެންގެ ދަރިން، އިންޑިއާ އައުޓު ކެމްޕެއިން ސްކޫލުތަކަށް ނުވައްދާ: ނައިބު ރައީސް

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވަމުންދަނީ އެންމެންގެ ވެސް ދަރިން ކަމަށާއި އެހެންކަމުން އެކި ނަންނަމުގައި ހިންގާ ސިޔާސީ ކެމްޕެއިންތައް ސްކޫލުތަކަށް ނުވެއްދުމަށް ނައިބުރައީސް ފައިސަލް ނަސީމް ގޮވައިލައްވައިފިއެވެ.
ރާއްޖޭގައި ސެޓެލައިޓް ސްކޫލުގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމަށް ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބުރައީސް ވިދާޅުވީ ކޮވިޑް-19ގެ ދަތި ދުވަސްތަކުގައި ދަރިންނަށް ތައުލީމު އުނގަންނައިދިނުމަށް މަސައްކަތްކުރަމުން ދާއިރު ބޭނުން ނުވާ ކަންތައްތަކެއް ވަންނަމުން ދާކަމަށެވެ. އެގޮތުން އެކި ނަންނަމުގައި އަދި އެކި ބޭނުންތަކުގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން ގޮސް ސްކޫލުތަކާއި ހަމައަށް ދިޔުމަކީ ކަންބޮޑުވާ އަދި އެހާމެ ހިތާމަކުރައްވާ ކަމެއްކަމަށް ނައިބުރައީސް ވިދާޅުވިއެވެ.
ސީދާ އިންޑިއާ އައުޓުގެ ނަން ނުގެންނެވި ނަމަވެސް ނައިބު ރައީސް އިޝާރާތް ކުރެއްވީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ހިންގާ އިންޑިއާ އައުޓު ކެމްޕެއިނަށެވެ. އާދިއްތަ ދުވަހު ވަނީ ރާއްޖޭގެ ސްކޫލެއްގެ ފާރުގައި އިންޑިއާ އައުޓު ޖަހައިގެން އެކަން ސަމާލުކަމަށް އައިސްފައެވެ. އެޑިއުކޭޝަނުން ވަނީ އެފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރުންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާކަމަށް ވެސް ބުނެފައެވެ. ނައިބު ރައީސް ވަނީ އެފަދަ ކަންކަން ހުއްޓައިލުމަށް އިދިކޮޅަށް އިލްތިމާސްކޮށްފައެވެ.
"ޓީޗަރުންނަށް އެކި ގޮތްގޮތުން ޓީޗަރުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށް ޓަކައި އެކުރާ މަސައްކަތަކީ އެއީ އަޅުގަނޑުމެން އެކަމެއް ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް. އެނގިވަޑައިގަންނަވާނެ މުޖުތަމައުގެ ތެރޭގައި ސްކޫލުތަކުގައި މިތިބީ އަޅުގަނޑުމެންގެ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ދަރިން" ނައިބު ރައީސް ވިދާޅުވިއެވެ.

ސެޓެލައިޓް ސްކޫލުގެ ހިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ނައިބުރައީސް ވަނީ މިފަދަ ސިޔާސީ ކަންކަން ސްކޫލުތަކަށާއި ހޮސްޕިޓަލްތަކަށް ނުވެއްދުމަށް ގޮވައިލައްވައިފައެވެ. އަދި ވިދާޅުވީ އިލްތިމާސަކީ އަދި ނަސޭހަތަކީ ވެސް ސްކޫލު ދަރިވަރުންގެ ތައުލީމަށް ހުރަސްއެޅޭ ކަންކަން ނުކުރުން ކަމަށެވެ.
ށ. ފުނަދޫ ސްކޫލުގެ ފާރުގައި އިންޑިއާ އައުޓް ލިޔުނު މައްސަލައިގައި އެރަށުގެ ބައެއް މީހުން ބުނާ ގޮތުގައި އެކަން ކުރީ އެމްޑީޕީއަށް ނިސްބަތްވާ ސިޔާސީ އެކްޓިވިސްޓެކެވެ. އެކަން ކުރީ ޕާޓީގެ އިސްވެރިއަކު އިސްވެ ހުންނަވައިގެންކަމަށް ވެސް އަޑު ފެތުރިފައިވެއެވެ. މިކަން ކޮށްފައި ވަނީ އިދިކޮޅުން ހިންގާ ހަރަކާތް ހުއްޓުވުމުގެ ނިޔަތުގައި ކަމަށް އިދިކޮޅުގެ އިސް ފަރާތްތަކުން ތުހުމަތުކުރެއެވެ.
ސްކޫލްތަކުގައި އިންޑިއާ އައުޓް ކިޔުމަކީ އެދެވޭ ކަމެއް ނޫން. އެހެން ކިޔޭނީ އެކުދިންނަކީ ސިޔާސީ ގޮތުން ބޯގުނޭ ކުދިބަޔަކަށް ވަނީނަމަ. މާނައަކީ ވޯޓު ލެވެނީ 18 އަހަރުވީމަ. ފައިސަލް ނަސީމު ކަހަލަ ބެފުޅުންނަކީ އަޅުގަނޑުމެންގެ ދަރީންގެ ތަޢުލީމަށް އަހައްމިއްޔަތުކަން ދެއްވާ ވެރިންކަން މިއަދު ތިޔަ ދައްކުވައދެނީ. ޝުކުރިއްޔާ ނައިބުރައީސް
ވައްދާނަން. އޮއި ފެންބަނޑާ ތަށަ ނިއެނގެންނޭނެ ނުނެ!