ޚަބަރު ސިޔާސީ

ޓޫރިޒަމް ސެކްޓާ ތަރައްގީކުރަނީ އިންތިޚާބަށް ބަލައިގެންނެއް ނޫން: ޑރ. މައުސޫމް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް

ޓޫރިޒަމް ދާއިރާއިން ރާއްޖެއަށް ތަރައްގީ ގެންނަނީ އިންތިހާބެއް ބޯމަތިވުމުން އެ އިންތިހާބަށް ބަލައިގެން ނޫންކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުޞޫމު ވިދާޅުވެއްޖެއެވެ.

Ads by STELCO

ށ. ކޮމަންޑޫއާއި އެ އަތޮޅު މަރޮށީގެ އިތުރުން ފޯކައިދޫ ހިމެނޭ ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވުމާ ގުޅިގެން އެދާއިރާގެ ބައި އިލެކްޝަނަކަށް ދަނީ ތައްޔާރުވަމުންނެވެ. ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ހިމެނޭހެން ތިން ކެނޑިޑޭޓުން ކުރިމަތިލައި ކެމްޕެއިން ވެސް ފަށައިފައިވާ މި ބައި އިލެކްޝަނާ ދިމާކޮށް ކޮމަންޑޫ ދާއިރާއާ ގުޅުން ހުރި ތަރައްގީގެ ބައެއް މަޝްރޫއުތައް އިއުލާންކޮށް ފަށައިގެން ކުރިއަށް ގެންދާތީ އެކަމުގެ ކަންބޮޑުވުން އިދިކޮޅުން ދަނީ ފާޅުކުރަމުންނެވެ. އެގޮތުން ކޮމަންޑޫއާއި ކައިރިން އޮންނަ ދިގުވެއްޔާއި، އެ ރަށާ ގުޅިފައިވާ މެދު ރަށާއި ދިގުރަށުގައި ރިޒޯޓު ތަރައްގީކުރުމަށް އިއުލާންކޮށް ސަރުކާރުން ވަނީ އެރަށްތައް ބިޑަށް ލައިފައެވެ.

މިއީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓުތަކެއް ކަމަށް އިދިކޮޅުން ކުރަމުންދާ ތުހުމަތުތަކާ ގުޅިގެން މިނިސްޓަރު މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަށް ގެންނަ ތަރައްގީއާއި އިންތިހާބުތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. މީގެ ކުރިން އައްޑޫ ސިޓީގެ ޓޫރިޒަމް މަޝްރޫއެއް ފެއްޓެވުމަށް އެ ރަށަށް ވަޑައިގެންނެވުނީ ވެސް އިންތިހާބަކާ ދިމާކޮށް ކަމަށާއި އެހެން ނަމަވެސް އެއީވެސް އިއްތިފާގެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ށ. އަތޮޅުގައި ކުރިން، މިދިޔަ އަހަރު ހުޅުވޭނެކަމަށް ބެލި ރަށްތަކެއް ނުހުޅުވޭ. އެހެންވީމަ އަޅުގަނޑުމެން އެ ރަށްތައް ހުޅުވޭނެކަމަށް އިންތިޒާރުކޮށްގެން ތިބެވޭކަށް ނެތް." މިނިސްޓަރު ވިދާޅުވިއެވެ.

ޑރ. މައުސޫމު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ކަންކަން ކުރަނީ އިންތިހާބެއް ބޯމަތިވެގެން ނޫން ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްދީ ރައްޔިތުންނަށް އުފާވެރިކަން ގެނުވުމަށް ކޮންމެހެން ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރާނެކަމަށެވެ.

"އިގްތިޞާދު ނުހިނގާ ކިހިނެއްތޯ ކަންތައްތައް ކުރާނީ" މައުސޫމު ވިދާޅުވިއެވެ.

އިދިކޮޅުން ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓުގެ ކެމްޕެއިން ޖަލްސާއެއްގައި ކޮމަންޑޫގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ވަނީ ޕީޕީއެމްގެ ވެރިކަމެއްގައި ދިގުވެލީގައި އެއާޕޯޓެއް އަޅުއްވާނެކަމަށް ވިދާޅުވެފައެވެ. އެރަށުގައި ރިޒޯޓެއް ތަރައްގީކުރަން ސަރުކާރުން އިއުލާންކުރީ އޭގެ ދެ ދުވަސް ފަހުންނެވެ.

ށ. އަތޮޅަށް މިވަގުތު އެންމެ ބޭނުން ވަނީ ރިޒޯޓެއްތޯ ނުވަތަ އެއާޕޯޓެއްތޯ އެއްސެވުމުން ޑރ. މައުސޫމް ވިދާޅުވީ އެއާޕޯޓު ވެސް ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް އެއާޕޯޓު އަޅާނެ ތަނަކާ މެދު އަދި ޖެހޭނީ ވިސްނަވައިލައްވަންކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެއާޕޯޓެއް އެޅުމުގެ ކުރިން އެ އެއާޕޯޓަށް ދަތުރުކުރާ މަތިންދާ ބޯޓުގައި އުފުލާނެ ބަޔަކު ވެސް ތިބެން ޖެހޭނެ ކަމަށާއި އެމީހުންނަކީ ފަތުރުވެރިންކަމަށް ވެސް މިނިސްޓަރު މައުސޫމް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ރިޒޯޓު ތަރައްގީކޮށް މަސައްކަތް ކުރަނީ ފަތުރުވެރިން އިތުރުކުރުމަށްކަމަށް ވެސް ވިދާޅުވިއެވެ.

"އިކޮނޮމީން ހިސާބު ޖައްސަވާ ބޭފުޅުން މިކަމާ އެއްބަސްވާނެ. ދެން ސިޔާސީ ގޮތުން ހިސާބު ޖައްސަވާ ބޭފުޅުން ދެން މިކަމާ ހަމަ ތަފާތު ބަހަނާތައް ދައްކާނެ. އެހެން ނަމަވެސް އިކޮނޮމީ އޮފް ސްކޭލް ހޯދަން މިކުރާ ކަންތައްތަކެއް އެބަހުރި" ށ. އަތޮޅުގައި ރިޒޯޓުތައް ތަރައްގީކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މައުސޫމް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ސަރުކާރުން ވަނީ ކޮމަންޑޫއާއި އެ ރަށާ ޖެހިގެން އޮތް މަތިކޮމަންޑޫ ގުޅައިލުމުގެ މަސައްކަތް ވެސް ފަށައިފައެވެ. މީގެ އިތުރުން މަރޮށީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ފަށައިފިއެވެ. މި މަޝްރޫއުތަކަށް ޚަރަދުވާ ފައިސާ މިހިނގާ 2022ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިފައެއް ނުވެއެވެ. އެހެން ނަމަވެސް ރައީސް ޞާލިހު ވިދާޅުވެފައި ވަނީ އެމަޝްރޫއުތަކާއި އިންތިހާބާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އެކަންކަމަކީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ނުހަނު ބޭނުން ޖެހިފައިވާ ކަންތައްތަކަށް ވާތީ މަޝްރޫއުތައް އަވަހަށް ފަށައި ނިންމައިލާން ޖެހޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Ads by HDC
  1. ސަސް

    ކަލޭ ބުނޭ އިރު އަރަނީ ހުޅަގުންނޭ ! ދިވެހިންނަކީ ގަމާރުންކަމަށްތަ ކަލެޔަށް ހީވަނީ!