މުދައްރިސުން މޫނު ބުރުގާ އެޅުމާ އެމްޑީޕީން ދެކޮޅު

ސްކޫލުތަކުގައި ކިޔަވައިދެއްވާ މުދައްރިސުންނަކީ ކޮންބައެއްކަން ދަރިވަރުންނަށް އެނގުން މުހިއްމު ކަމަށް ދިވެހިރާއްޖޭގެ ވެރިކަންކުރާ ޕާޓީ އެމްޑީޕީއިން ބުނެފިއެވެ.
ސްކޫލުތަކުގައި މޫނުބުރުގާ އަޅައިގެން ކިޔަވައިދިނުމަށް ބައެއް ފަރާތްތަކުން ބާރުއަޅާތީވެ އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދިވެހި މުޖުތަމައުގައި މައިންބަފައިންނާއި ބެލެނިވެރިންނާއި އަދި ދަރިވަރުންނަކީ މަދުރަސާތަކުގައި ކިޔަވައިދެއްވާ މުދައްރިސުންނާ ކުރިމަތިލާން ޖެހޭ ބަޔަކަށްވާއިރު، އެ މުދައްރިސުން މޫނު ބުރުގާއިން މޫނު ނުފޮރުއްވައި، އަދި އެއީ ކޮންބޭފުޅުންނެއްކަން ދަރިވަރުންނަށް ރަނގަޅަށް ސާފުވާގޮތަށް ތިއްބެވުމަކީ ބޭނުން ކަމެއް ކަމުގައެވެ.
އެ ނޫސްބަޔާނުގައި ވަނީ މަދަރުސާތަކަކީ ދަރިވަރުންގެ މަސްލަޙަތު ނަގަހައްޓަން ޖެހޭ އަދި ދަރިވަރުންނަށް ރައްކާތެރިކަން ވެސް އޮންނަންޖެހޭ ޚާއްޞަ ތަންތަންކަމަށް ވާއިރު، ކިޔަވައިދެއްވުމަށް ދަރިވަރުންނާ ބައްދަލު ކުރައްވާއިރު މުދައްރިސުންގެ އައިޑެންޓިޓީ ޔަޤީންވާން ޖެހޭނެކަމަށް އެމްޑީޕީއިން ދެކޭ ކަމަށެވެ.
އަދި މިއީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދަކާދައަކަށް ވެފައި މުދައްރިސުންނާއި ސްކޫލުތަކުން މި މިންގަނޑު ދަމަހައްޓައިފައި ވާކަމަށް ވެސް ބުނެފައިވެއެވެ. ހަމައެހެންމެ މިގޮތަށް ވާހަކަ ދައްކާ މީހުންނަކީ ދީނުން ބޭރުވެފައިވާ މީހުންކަމަށް ސިފަކުރާތީ އެމްޑީޕީއިން ކަންބޮޑުވާކަމަށް ވެސް ބުނެފައިވެއެވެ.
އަދި މީގެ ކުރިން ވެސް މިފަދަ ކަންތައް ދިމާވުމުގެ ސަބަބުން މީހުންގެ ފުރާނައަށް ނުރައްކާވެފައި ވާކަން ވެސް އެ ޕާޓީއިން ވަނީ ފާހަގަ ކޮށްފައެވެ. އަދި އެފަދަ ކުށްތަކުގެ މައްސަލަތައް ބެއްލެވުމުގައި އިތުރަށް ސަމާލުވުމަށް ދައުލަތުގެ އިދާރާތަކަށް ގޮވައިލައްވައިފައިވެއެވެ.
އެމްޑީޕީން މިފަދަ ބަޔާނެއް ނެރުނު ނަމަވެސް ތުނބުޅި ދިގު ކުރާ މީހުންނާއި، މޫނު ބުރުގާ އަޅާ މީހުންނާ މެދު އޮތް ތަފާތު ކުރުންތައް ނައްތައިލާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ވައުދުވެވަޑައިގެންފައެވެ.





.webp)

ކޮމެންޓް