ނަރުހުގެ މަރު: މާވިންގެ ބަންދަށް 30 ދުވަސް
އައިޖީއެޗްގައި މަސައްކަތް ކުރަމުން ދިޔަ ޕިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރައިލުމުގެ ދައުވާ ކުރެވޭ އޭނާގެ ފިރިމީހާ މާވިންގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ދީފިއެވެ.
މާވިންގެ މައްޗަށް ދައުލަތުން ކުރަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާއެވެ. މިދިޔަ އޮކްޓޯބަރު މަހު ހިނގި މި ގަތުލުގައި، މާވިންގެ ފިރިމީހާގެ ލޯބިވެރިޔާ ޅ. ހިންނަވަރު، މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލައިފައެވެ.
ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން ދެ ދައުވާއެކެވެ. އެއީ ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއެވެ.
މިމައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި މާވިން ބުނެފައި ވަނީ މައްސަލައައިގެން ކުރިއަށްދާން ބޭނުންވަނީ ވަކީލަކާ އެކު ކަމަށެވެ. މީގެ ކުރިން ވެސް މާވިންގެ ބަންދު މުއްދަތުގެ އަޑުއެހުންތައް ކުރިއަށް ދިޔައިރު ވަކީލަކު ހުއްޓެވެ. މިއަދުގެ އަޑުއެހުމުގައި ވަކީލު ބައިވެރިވެފައެއް ނުވެއެވެ. އަދި ވަކީލަކު ހަމަޖައްސައިފައިވާކަމުގެ އެއްވެސް ލިޔުމެއް ހުށަހަޅައިފައި ނުވާކަން ވެސް ގާޒީ ފާހަގަކުރެއްވިއެވެ. އެހެންކަމުން ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ ފުރުސަތެއް ދީފައިވެއެވެ.
މާވިންގެ ބަންދަށް ކުރިން ކޯޓުން ދީފައިވާ މުއްދަތު މިއަދު ހަމަވާތީ ދައުލަތުން އެދުނީ، ޝަރީއަތް ނިމެންދެން މާވިން ބަންދު ކުރުމުގެ އަމުރަކަށެވެ.
މިއަދުގެ އަޑުއެހުމުގައި މާވިންގެ ވަކީލަކު ނެތުމުން ވަކީލަކު އައްޔަން ކުރަން 10 ދުވަހުގެ މުއްދަތެއް ގާޒީ ދެއްވިއެވެ. އަދި މި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ މާވިންގެ ބަންދަށް 30 ދުވަސް އިތުރުކޮށްދީފައެވެ. ވަކީލަކު އައްޔަން ކުރުމަށް ފަހު، މާވިންގެ ބަންދު މުރާޖައާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.
މާވިންގެ މައްޗަށް ދައުލަތުން އުފުލައިފައިވާ ދައުވާ ސާބިތު ވެއްޖެ ނަމަ އޭނާގެ މައްޗަށް 10 އަހަރު ދުވަހުގެ ހުކުމެއް އަންނާނެއެވެ.
ނަރުސް މޭރީގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މާވިންއާއި ލަމްހާގެ ޝަރީއަތް ކުރިއަށް ގެންދަނީ ވަކިވަކިންނެވެ.