ޚަބަރު

މީހުން ދިރިއުޅޭ 148 ރަށެއްގައި ކޮވިޑްގެ ވޭދަނަތައް މިވަގުތު އެބައޮތް!

  • މިވަގުތު އަތޮޅު ތެރެއިން އެންމެ ގިނަ ކޭސް ފެނިފައިވަނީ ސ.ހިތަދޫން
ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރަށެއްގެ މަގުމަތި.. ދެން އިމޭޖްސް

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 148 ރަށެއްގައި މި ވަގުތު ކޮވިޑް-19 ވޭދަނަތައް އެބައޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

Ads by MWSC

އެޗްޕީއޭއިން މިއަދު ވިދާޅުވީ، އަތޮޅު ތެރޭގެ ރަށްތަކުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި މި ވަގުތު 3050 ކޭސް އެބައޮތް ކަމަށެވެ. މި ވަގުތު މޮނިޓަރިންގައި 25 އޮތްއިރު، މޮނިޓަރިންނަށް ނުލާ ރަށްތަކުން ވެސް ގިނަ ވޭދަނަތަކެއް ދަނީ ފެންނަމުންނެވެ.

މި ވަގުތު އަތޮޅުތަކުގެ ތެރެއިން އެންމެ ގިނަ ވޭދަނަ ފެނިފައި ވަނީ ސ. ހިތަދޫންނެވެ. އެރަށުގައި މި ވަގުތު ބަލި ޖެހިފައި 275 މީހުން އެބަތިއްބެވެ. އެ ސިޓީގެ ފޭދޫގައި 156 މީހަކަށް ބަލި ޖެހިފައި މިވަގުތު ތިބިއިރު، ހުޅުމީދޫގައި 166 މީހަކު ބަލި ޖެހިފައި އެބަ ތިއްބެވެ. މި ވަގުތު އައްޑޫ ސިޓީގެ އެއްވެސް ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައި ނޫންކަން ފާހަގަކޮށްލެވެއެވެ.

ދެވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިފައި މި ވަގުތު ތިބީ ފުވައްމުލައް ސިޓީގައެވެ. އެ ސިޓީ ވެސް މި ވަގުތު އޮތީ މޮނިޓަރިން ހާލަތުގައެއް ނޫނެވެ. އެރަށުގައި މި ބަލި ޖެހިފައިވާ 203 މީހަކު އެބަތިއްބެވެ. ކުޅުދުއްފުށީ ސިޓީގައި 181 މީހުން ބައްޔަށް ފައްސިވެފައިވާއިރު، މިމަހު 22ވަނަ ދުވަހު އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ސިޓީތައް ފިޔަވައި މި ވަގުތު އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވަނީ ކ. ގުރައިދޫންނެވެ. އެއީ 121 މީހެކެވެ.

ކޮވިޑް-19 ވޭދަނަތައް ރިކޯޑް އަދަދަކަށް ދަނީ އިތުރުވަމުންނެވެ. މިގޮތުން އިއްޔެ އެކަނި ވެސް ރާއްޖެއިން 2484 މީހަކަށް ބަލި ޖެހިފައިވާއިރު، ހަރަކާތްތެރި ވޭދަނަތަކުގެ އަދަދު ވަނީ 14636އަށް އިތުރު ވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!