ޚަބަރު ޝަރުޢީ ދާއިރާ

މަހްމޫދުގެ މަރު: ހުކުމް އިއްވުން އަންނަ މަހު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މަހްމޫދު މަރާލި ކަމަށް އިއުތިރާފުވި ސާލިމް / ފޮޓޯ: މިހާރު

ތޫނު އެއްޗެއް ބޭނުން ކޮށްގެން މަރައިލި އދ. ދަނގެތީ ، މޮނަލާލްސް މަހްމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި އަންނަ މަހު ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

Ads by Sosun Fihaara

ދަނގެތީގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހްމޫދު މަރައިލީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހުގެ ރެއެވެ. މަހްމޫދުއަށް ތޫނު އެއްޗަކުން ހަމަލާދީ، ޒަހަމް ކޮށްލުމަށް ފަހު، އޭނާގެ ހަށިގަނޑު ވަނީ ދެ ގޯންޏަށް ލައި، އެރަށުގައި ހުރި ފަޅު ގެއެއްގެ ވަޅެއްގެ ތެރެއަށް އެއްލައިލައިފައެވެ.

މަހްމޫދުގެ ހަށިގަނޑު ފެނުނީ، އޭނާ ނުފެނިގެން އާއިލާއިން ރަށުގެ ރައްޔިތުންނާ އެކު ވެގެން އޭނާ ހޯދަމުން ދަނިކޮށް، އޮކްޓޯބަރު މަހުގެ 14ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައެވެ.

މަހްމޫދުގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރީ ދަނގެތީގައި އުމުރުން ދުވަސްވީ މީހަކު ބެލުމަށް ގޮސް ހުރި ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް)އެވެ.

ސާލިމް ވަނީ މަހްމޫދު މަރައިލިކަމަށް އިއުތިރާފުވެފައެވެ. އެގޮތުން ސާލިމްގެެ މައްޗަށް ކުރި ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއަށް އޭނާ އެއްބަސްވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ނިންމައިފައެވެ.

ސާލިމް ޝަރީއަތުގައި އިއުތިރާފްވި ނަމަވެސް، މިއަދު ވެސް ދައުލަތުން އެދުނީ އޭނާއާ ދެކޮޅަށް ހެކި ހުށަޅުމުގެ ފުރުސަތު ދިނުމަށެވެ.

ނަމަވެސް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އިއުތިރާފަށް ވުރެ ވަރުގަދަ ހެއްކެއް އޮންނާނެ ކަމަށް ޝަރީއަތަށް ގަބޫލު ނުކުރެވޭ ކަމަށާއި ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ވެސް އޮންނަނީ އިއުތިރާފްވުމުން އަވަހަށް މައްސަލަ ނިންމަން ކަމަށެވެ. އެހެންވެ ހެކި ހުށަހަޅަން ފުރުސަތު ނުދޭން ގާޒީ ނިންމެވިއެވެ.

މި މައްސަލައިގައި ސާލިމްގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއަށް ވެސް އޭނާ އިއުތިރާފުވެފައި ވާތީ، މަހްމޫދުގެ އާއިލާއިން ބުނެފައި ވަނީ މަހްމޫދުގެ ވާރިސުން ބޭނުންވަނީ މަރަށް މަރު ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!