ޚަބަރު

ޖަލަށް އެއްޗެހިތަކެއް އެތެރެ ކުރަން އުޅުނު ހަ މީހަކު ހައްޔަރުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖަލަށް އެއްޗެހިތަކެއް އެތެރެކުރަން އުޅުނު ހަ މީހަކު މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހިން ހައްޔަރުކޮށްފިއެވެ.

Ads by MWSC

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މީހުން ހައްޔަރު ކުރީ މިއަދު ހެނދުނު ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަމަށެވެ. އެއީ ފުލުހުން ހުޅުމާލެގެ އެ ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔައިރު ތިޖޫރީއެއް ހިފައިގެން އުޅުނު ދެ މީހަކު ހައްޔަރުކޮށް އިތުރަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން ތިޖޫރީއެއް ހިފައިގެން ފޭސް ދޭއްގެ ޓަވަރަކަށް އެރި ދެ މީހުންނަށް ފުލުހުން ފެނުމުން، ތިޖޫރީ އެއްލައިލައިފައި އެ މީހުން ވަނީ ފިލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުލުހުން އެ ދެ މީހުން ހުއްޓުވައި އެ މީހުން ގެންގުޅުނު ތިޖޫރީއާއި އެ ދެ މީހުން ބަލައި ފާސްކުރިއިރު އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ.

އެކަމާ ގުޅޭގޮތުން އެމީހުންނާ އިތުރަށް ސުވާލު ކުރުމުން އެ ތިޖޫރީއަށް އަޅައިގެން ގެންގުޅުނު ކަމަށް ބެލެވޭ ތަކެއްޗާ އެކު ހަތަރު މީހަކު ހިޔާ ފްލެޓުގެ އެޕާޓްމަންޓަކުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަންގައި ވަނީ 18 މޯބައިލް ފޯނާއި، 28 ޗާޖަރާއި، 28 ހެޑް ސެޓާއި، 10 މެމޮރީ ކާޑާއި، 12 ސިމް ކާޑު އަދި އެހެނިހެން ތަކެތި އެ އެޕާޓްމަންޓުން ފެނިފައެވެ. މި ތަކެއްޗަކީ ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައި ހުރި ތަކެތިކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 18 އަހަރުގެ މީހަކާއި 20 އަހަރުގެ ހަތަރު މީހަކާ އަދި 24 އަހަރުގެ މީހެކެވެ. މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!