ޚަބަރު ސިޔާސީ

އެމްއެންޕީން މަސައްކަތް ކުރަނީ ޕީޕީއެމްއަށް ގޮނޑި ހޯދައިދޭން: ސިއްޕެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކާނަލް ނާޒިމާއި އަބްދުﷲ ރިޔާޒް އިސްކޮށް ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން މަސައްކަތް ކުރަނީ އިދިކޮޅު ޕީޕީއެމްއަށް، ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްދިނުމަށް ޓަކައި ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ސިއްޕެ) ވިދާޅުވެއްޖެއެވެ.

Ads by STELCO

ސިއްޕެ މިހެން ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް މިރޭ ށ. މަރޮށީގައި ބޭއްވި ކަންމަތީ ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ސިއްޕެ ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި އެތައް އަނިޔާއެއް ދިން މީހުންތަކެއް އިސްވެ، އުފެއްދި އެމްއެންޕީން ވެސް މިއަދު މަސައްކަތް ކުރަނީ، ރައީސް ޔާމީންގެ ޕާޓީއަށް ގޮނޑިއެއް ހޯދައިދިނުމަށް ކަމަށެވެ. އަދި މި އުސޫލުން ކަންތައް ކުރަނީ މި ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފި ނަމަ ސިޔާސީ މައިދާނުގައި އެ ޕާޓީއާ ކުޑަކޮށް ވެސް ގާތް ނުވެވޭނެކަން އެމްއެންޕީއަށް އެނގޭތީ ކަމަށެވެ. އަދި އެމްއެންޕީގެ މަސައްކަތަކީ އެމްޑީޕީގެ ސިޔާސީ މުސްތަގުބަލަށް ހުރަސް އެޅުމުގެ ގޮތުން ކުރާ މަސައްކަތެއްގެ ގޮތުގައި ސިއްޕެ ސިފަ ކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ ވޯޓް މަދު ކުރަން އުފައްދައިގެން އުޅޭ ޕާޓީގެ އަވައިގައި ތިބޭފުޅުން ޖެހި ވަޑައިނުގަންނަވާ. އެ ބޭފުޅުންނަށް މި ސަރުކާރު ވަރަށް ރަނގަޅު. އެ ބޭފުޅުންނަށް މިއަށް ވުރެ ވަކި ރަނގަޅު ސަރުކާރެއް ނެތް ކަމަށް ކެނޑިޑޭޓަކު ނެރުނު ދުވަހުގެ ކުރީ ދުވަހާ ހަމައަށް ވާހަކަ ދައްކަމުން ދިޔައީ. ކެނޑިޑޭޓެއް ލިބުނު ފަހުން އެ ބޭފުޅުން އެކުރައްވަނީ ޕީޕީއެމްގެ ކެނޑިޑޭޓަށް ކޮށްދޭ މަސައްކަތެއް." ސިއްޕެ ވިދާޅުވިއެވެ.

އެމްޑީޕީ މެންބަރުންނަށް އިޝާރާތް ކުރައްވައި ސިއްޕެ ވިދާޅުވީ، އެ ޕާޓީގެ މެންބަރުންނަކީ އަބަދުވެސް ތިލަ ފަތަށް ވޯޓްލާ ބައެއް ކަމަށާއި މިފަހަރު އެކަން ތަފާތު ވެގެން ނުވާނެ ކަމަށެވެ. އަދި އެންމެ ވޯޓެއް ވެސް ގުޑުވައިލުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވެސް ސިއްޕެ ވިދާޅުވިއެވެ.

"އެމްޑީޕީގެ އެއްވެސް ވޯޓެއް ގުޑައިލިޔަ ދީގެން ނުވާނެ. އެމްޑީޕީގެ ބޭފުޅުން، އެމްޑީޕީ އުފެދި މިއަދާ ހަމައަށް ވެސް ކުރަމުން މިގެންދިޔަ މަސައްކަތަކީ ތިލަފަތުގައި ވޯޓު ޖެހުން. އެމްޑީޕީ މެންބަރުންނަށް ވޯޓް ކަރުދާސްކޮޅު އަތަށް ލިބުނީމާ ދެން ވާދަ ކުރާ ކެނޑިޑޭޓުންނާ ދިމާޔަކަށް ނުބަލާނެ. ތިލަފަތުގައި އެ ބޭފުޅުން ވޯޓް ޖައްސަވާނީ" ސިއްޕެ ވިދާޅުވިއެވެ،

އަންނަ މަހު ފަސްވަނަ ދުވަހު އޮންނަ މި އިންތިޚާބުގައި، އެމްޑީޕީގެ އިތުރުން، އެމްއެންޕީ އަދި ޕީޕީއެމްއިން ވާދަކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!