ސިޔާސީ

އިންޑިއާ އައުޓް ގޮވާ އަޑު ރައީސް އޮފީސް ތެރެއިން ވެސް ދެން އިވޭނެ: ސައީދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު

ގާނޫނެއް ހަދައިގެން "އިންޑިއާ އައުޓް" ހުއްޓުވަން އުޅޭ ނަމަ، ރައީސް އޮފީސް ތެރެއިންނާއި، ސަރުކާރު އޮފީސްތަކުން ވެސް ދެން އިވިގެންދާނީ "އިންޑިއާ އައުޓް"ކަމަށް ކުރީގެ އިގްތިސާދީ ވަޒީރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ސައީދު މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިންޑިއާ އައުޓާ ދެކޮޅަށް ފަރުމާ ކުރާ "ދިވެހިރާއްޖެއިން ބޭރު ގައުމުތަކާއެކު ގާއިމު ކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލު" ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވަނީ ވިދާޅުވެފައެވެ.

މި ބިލުގައިވާ ގޮތުން އެހެން ގައުމަކާއެކު ދިވެހި ސަރުކާރުން އެކުލަވައިލައިފައިވާ އެއްބަސްވުމަކާ ދެކޮޅަށް މުޒާހަރާކޮށް އަޑު އުފުލުމަކީ ޖިނާއީ ކުށަކަށް ވާނެއެވެ. އަދި މިކުށް ކުރާ މީހަކު، ޖަލު އަދަބުގެ އިތުރުން  20،000 ރުފިޔާއިން ޖޫރިމަނާ ވެސް ކުރެވޭނެއެވެ.

މި ބިލާމެދު ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ވަކި ގާނޫނެއް ހަދައިގެން "އިންޑިއާ އައުޓް" ހުއްޓުވަން އުޅޭއިރު، ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރާ ގާނޫނު އަސާސީ އެއަށް ވުރެ މާ ބާރުގަދަ ވާނެ ކަމަށެވެ.

ގާނޫނު އަސާސީއަށާއި ރައްޔިތުންގެ އިހްސާސްތަކަށް ބެލުމެއް ނެތި، މި ސަރުކާރު ވެރިކަމަށް ގެނެސްދިން އިންޑިއާއަށް ބައިއަތު ހިފުމުގެ ގޮތުން އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާކަން ރައްޔިތުންނަށް ނޯޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން، އިންޑިއާގެ ސިފައިން ރާއްޖޭގައި ބޭތިއްބުމާއި، ރާއްޖޭގެ 26 ސަރަހައްދެއްގައި އެގައުމުގެ ނުފޫޒު ފޯރާ ރާޑަރު ހަރު ކުރުމާއި، އަސްކަރީ ނެވަލް ބޭސްއެއް ގާއިމު ކުރުމަކީ، އިންޑިއާއިން ވެރިކަން ހޯދައިދިނުމުން ދައްކާ އުޖޫރަ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީކީ ރައްޔިތުންނަށް ކަންކަން ފަހި ކޮށްދޭން އަންނަ ސަރުކާރަކުން ކޮށްގެންވާނެ ކަންކަމެއް ނޫން. ނުވެސް ކުރެވޭނެ، އަދި އެކަން ކުރަންޏާ، ރައްޔިތުން، އެ ވެރިޔަކު، އެ ސަރުކާރެއް ހުއްޓުވާނެ." އޭނާ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!