ޚަބަރު

ރައީސް ޔާމީންގެ ޙުކުމް އަވަސްކުރި މައްސަލަ ބަލައިދޭން ޖުޑީޝަރީ ކޮމިޓީގައި އެދިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިދިކޮޅު ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ސަރުކާރާއި އެމްޑީޕީ ގުޅިގެން އުފައްދައިފައިވާ ދެ ދައުވާގެ ޙުކުމް ކުރުމަށް ކްރިމިނަލް ކޯޓުން އެކުލަވައިލާ ޢާންމުކޮށްފައިވާ ތާރީޚް އަވަސް ކުރި މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބަލައިދިނުމަށް އެދިއްޖެއެވެ.

Ads by Hajj Corporation

ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިރޭ ފޮނުވި ސިޓީއެއްގައި ވިދާޅުވީ، ވ. އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވާ ދެ ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންދިޔުމަށް ކްރިމިނަލް ކޯޓުން އެންމެ ފަހުން މި މަހުގެ 27ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އެކުލަވައިލި ތާވަލަށް ބޮޑު ބަދަލެއް ގެނެސް، އެމައްސަލައިގައި މިއަހަރުގެ ޖޫން މަހު ހުކުމް ކުރާ ގޮތަށް ސަރުކާރުގެ ނުފޫޒުން މިހާރު ނިންމައިފައިވާ ކަމަށެވެ.

މި މައްސަލައިގެ ދައުވާގެ އަޑުއެހުންތައް ނިންމައި، ހުކުމް ކުރުން މީގެ ކުރިން އެކުލަވައިލި ތާވަލުގައިވާ ގޮތުން އޮތީ މި އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގައިކަން ވެސް މެމްބަރު ޝިޔާމް ފާހަގަކޮށްފައިވެއެވެ.

ޝިޔާމްގެ ސިޓީގައި ވަނީ، އެމްއެމްޕީއާރްސީގެ މައްސަލައިގައި ދައުވާ އުފުލިފައިވާ މި ސަރުކާރުގެ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ ޝަރީއަތް ކޮވިޑް-19އާ ގުޅިގެން ފަސްކޮށްފައިކަން ވެސް ފާހަގަ ކުރައްވައިފައެވެ.

"ކޯޓުތަކުން ކުރާ ޝަރީޢަތަކީ ހުރިހާ ފަރާތްތަކަކަށް ވެސް އަދުލުވެރިކަމާއި އިންސާފުވެރި ކަމާއެކު ކުރެވޭ ޝަރީއަތްތަކަކަށް ވާންޖެހޭނެއެވެ. ނަމަވެސް މިހާރު ފެނިގެން މިދަނީ ސަރުކާރުން ކޯޓުތަކުގެ ތެރެއަށް އަތްބާނާ، ރައީސް ޔާމީންގެ ޙައްޤުތަކަށް އަރައިގަނެ ޤާނޫނު އަސާސީގެ 20ވަނަ މާއްދާގައި ބުނާ ހަމަހަމަކަމުގެ ހައްޤު ނިގުޅައިގަންނަމުންދާ ތަނެވެ." ޝިޔާމް ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީންއަށް ކޮށްފައިވާ ދައުވާތަކަށް ހުކުމް އިއްވުން އަވަސް ކުރުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީއިން ވެސް މިރޭ ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ދެފަރާތެއްގެ ދެމެދުގައި ހިނގަމުންދާ މައްސަލައެއް ކުރިއަށް ގެންދިއުމަށް އެކުލަވާލެވޭ ތާރީޚްތަކަށް، އެ ދެ ފަރާތާ މަޝްވަރާ ކުރުމެއް ނެތި ބަދަލު ގެނައުމަކީ ޤާނޫނު ނަންބަރު 2016/12 (ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު)އާ މުޅިން ޚިލާފު ކަމެއް ކަމަށެވެ.

"މިހާރު އޮތް ގޮތުން ކުރިއަށް އޮތް 3 މަހެއްހައި ދުވަހު ކޮންމެ ދެ ދުވަހަކުން އެއްދުވަހަކުހެން ކަހަލަ ގޮތަކަށް އެމަނިކުފާނު ހޭދަ ކުރައްވަން ޖެހިވަޑައިގަންނަވާނީ މިމައްސަލައިގެ އަޑުއެހުންތަކުގައި ކޯޓުގައި. ހަމަ އެއާ އެކު މިކަމަކީ ކަނޑައެޅިގެން ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ ނުފޫޒު އޮވެގެން ގެނެސްފައިވާ ބަދަލެއްގެ ގޮތުގައި ދިވެހި ރައްޔިތުން ސިފަ ކުރެއެވެ. " އިދިކޮޅުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދާދި ފަހުން ސަރުކާރުގެ ވަޒީންނާއި މަޖިލީސް މެންބަރުންގެ އިތުރުން، ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި އެމް.ޑީޕީގެ އެކްޓިވިސްޓުން ސިޔާސީ ޕޯޑިއަމްތަކާއި ސޯޝަލް މީޑިއާގެ އިތުރުން ތަފާތު ފޯރަމްތަކުގައި ވެސް ރައީސް ޔާމީން ހުންނަވަންޖެހޭނީ ޖަލުގައި ކަމަށާއި، ވަރަށް އަވަހަށް ޖަލަށް ލާނެ ކަމަށާއި މީގެ އިތުރުން ވެސް މިއަހަރުގެ ރަމަޟާން މަހުގެ ކުރިން ޖަލަށް ލާނެ ކަމަށް ބުނެ ވަރަށް ފާޅުކަން ބޮޑުކޮށް ވާހަކަ ދައްކާ އެކަމަށް ބާރު އަޅާ މަސައްކަތް ކުރަމުން ދާކަމަށް ވެސް އިދިކޮޅުން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!