ގުޅީގެ ފެނާއި ނަރުދަމާގެ ހިދުމަތާ އެކު ރަށުގެ އިޤްތިސާދަށް ކުރިއެރުން ލިބޭނެ: މުޣްނީ
މާލެ އަތޮޅު ގުޅީގައި މި ސަރުކާރުން ގާއިމްކުރި ފެނާއި ނަރުދަމާގެ ހިދުމަތާ އެކު އެ ރަށުގެ އިޤްތިސާދަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣްނީ ވިދާޅުވެއްޖެއެވެ.
ގުޅީގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމާ، ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ ހިދުމަތް ދޭން ފެށުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން މުޣްނީ ވިދާޅުވީ މިއީ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމަށް ވެވަޑައިގެންފައިވާ ވައުދުގެ ދަށުން މި ސަރުކާރުން ފެނާއި ނަރުދަމާގެ ހިދުމަތް އެންމެ ފުރަތަމަ ފަށައިގަނެވޭ ރަށް ކަމަށެވެ.
"އެގޮތުން 2019ވަނަ އަހަރު ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ކުރެވުނު މަސައްކަތުގެ ދަށުން މިއަދު މި ހިދުމަތް ގުޅީ ރައްޔިތުންނަށް ލިބިގެންދިއުމަކީ، ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި އަދި އެހާމެ މުހިންމު އަސާސީ ދެ ޚިދުމަތެއް" މުޣްނީ ފާހަގަކުރެއްވިއެވެ.
މިއީ ޤައުމުގެ ތަރައްޤީއަށާއި ޚާއްސަކޮށް ރަށުގެ ކުރިއެރުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަން ފާހަގަ ކުރައްވަމުން މުޣްނީ ވިދާޅުވީ ގުޅިއަކީ މިހާރު ވެސް ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށެއް ކަމަށާއި މިހާރު ވެސް ގިނަބަޔަކު އިންވެސްޓްކޮށް އެކަމުން ނަފާ ލިބެމުން އަންނަ ރަށެއް ކަމަށެވެ.
މީގެ އިތުރުން މުޢުނީ ވިދާޅުވީ ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރާ ފަދައިން ފެނާ ނަރުދަމާގެ ޚިދުމަތުގައި ވެސް އީޖާދީ ގޮތްތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.