ޚަބަރު ސިޔާސީ

ބައި-އިލެކްޝަންގެ ކެމްޕެއިނާ ބެހޭގޮތުން އިދިކޮޅުން ހުށަހަޅައިފައިވާ ޝަކުވާތަކުގައި ބުރަދަނެއް ނެތް: އީސީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

މި މަހުގެ ފަސްވަނަ ދުވަހު ކޮމަންޑުގައި ބޭއްވި ބައި-އިލެކްޝަންގެ ކެމްޕެއިނާ ބެހޭ ގޮތުން އިދިކޮޅުން ހުށަހަޅައިފައިވާ ޝަކުވާތަކުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށާއި އެހެންކަމުން އެ އިންތިހާބަކީ ވަރަށް އިންސާފުވެރި އިންތިހާބެއް ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ބުނެފިއެވެ.

Ads by Sosun Fihaara

ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ރަސްމީ ނަތީޖާ މިއަދު އިއުލާނު ކުރުމަށް ފަހު، އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އިންތިހާބާ ގުޅޭގޮތުން ނުވަ ޝަކުވާއެއް ލިބިފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ފުއާދު ވިދާޅުވީ، މީހަކު އެއްޗެއް ނުބުނާނެ ގޮތަކަށް އެއްވެސް ޤައުމެއްގައި އެއްވެސް އިންތިހާބެއް ނުބޭއްވޭނެ ކަމަށެވެ. އެހެން ނަމަވެސް ސާބިތު ކުރެވޭވަރުގެ ހެއްކާ އެކު މައްސަލައެއް ހުށަހަޅައިފި ނަމަ ކޮންޕްލެއިންސް ބިއުރޯއިން އެ މައްސަލައެއް ތަހުގީގު ކުރުމަށް ފަހު އަޅަންޖެހުނު ފިޔަވަޅެއް އަޅާނެ ކަމަށް ވިދާޅުވިއެވެ.

"ގިނަ ޝަކުވާ ހުށަހަޅައިފައި މިވަނީ ޕީޕީއެމްގެ ފަރާތުން. ނަމަވެސް އެމްއެންޕީގެ ފަރާތުން ވެސް ޝަކުވާއެއް ހުށަހަޅައިފައި އެބަވޭ. ނަމަވެސް މި ޝަކުވާތައް ލިބިފައިވާއިރު ސާބިތު ކުރުމަށް ބޭނުންވާ ހެކިތައް ހުށަހަޅައިފައެއް ނުވޭ،" އީސީގެ ރައީސް ވިދާޅުވިއެވެ.

ފުއާދު އިތުރަށް ވިދާޅުވީ، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި އެ ހިނގާދިޔަ ކަންކަމާ އަޅައިބާލާއިރު، ކޮމަންޑު ދާއިރާގެ ބައި-އިލެކްޝަން ފެނިގެން ދިޔައީ ވަރަށް އޮމާންކަމާއި އަމާންކަމާ އެކީގައި ކަމަށް އެ ކޮމިޝަންގެ މެމްބަރުންނަށް ވެސް ފާހަގަ ވެފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!