ޚަބަރު ރައްޔިތުންގެ މަޖިލިސް

މާލީ ބަޔާނުގައި ދޮގު މައުލޫމާތު ހިމަނައިފި ނަމަ މަގާމުން ވަކިކުރުމާއި ޖަލަށްލެވޭ އިޞްލާޙެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލީ ބަޔާން ހުށަހަޅަން ޖެހޭ ބޭފުޅުން، އެ ބަޔާނުގައި ދޮގު މައުލޫމާތު ހިމަނައިފި ނަމަ 500،000 ރުފިޔާއިން ޖޫރިމަނާކޮށް ގިނަވެގެން ދެ އަހަރަށް ޖަލަށް ލައި އަދި މަގާމުން ވަކިކުރެވޭނެ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

Ads by Hajj Corporation

"މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ގާނޫނު"ގެ ނަމުގައި މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއެވެ. މި ބިލް މަޖިލީހަށް މިއަދު ތައާރަފްކޮށް އޭގެ ފުރަތަމަ ކިޔުން ވެސް ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވައިފައެވެ.

މި ބިލުގެ ބޭނުމަކީ ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ދަށުން މާލީ ބަޔާން ހުށަހަޅަން ޖެހޭ މީހުންނާއި ދައުލަތުގެ މަގާމުތައް އަދާކުރާ ފަރާތްތަކުގެ މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް އެއްހަމަކޮށް ދެފުށް ފެންނަ ގޮތަކަށް މާލީ ބަޔާން ހުށަހެޅުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުން ކަަަމަށް ވެސް ބުނެފައިވެއެވެ.

މި ބިލުގައިވާ ގޮތުން މާލީ ބަޔާން ހުށަހަޅަން ޖެހޭ މަގާމުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއާއި މިނިސްޓަރުންނާއި މަޖިލިސް މެމްބަރުންގެ އިތުރުން އެކި ކޮމިޝަންތަކާއި މުއައްސަސާތަކުގެ އިސް ބޭފުޅުންގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިބޭ ބޭފުޅުން ހިމެނެއެވެ. އަދި ލޯކަލް ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތަކުގެ ޒިންމާދާރުވެރިން ވެސް ހިމެނެއެވެ.

މިއަދު ހުށަހެޅި މި ބިލުގައި އިތުރަށް ބުނެފައި ވަނީ، މާލީ ބަޔާނުގެ ސައްހަކަން ކަށަވަރުކުރުމަށް ކަމާ ގުޅޭ އިދާރާއިން އެ ބަޔާނުގެ ސައްހަކަން ކަށަވަރުކުރުމަށް މިނިވަން މުއްސަސާއާ ހިއްސާކުރަން ޖެހޭނެ ކަމަށެވެ. އަދި މާލީ ބަޔާން ޝާއިއުކޮށް އެ މައުލޫމާތުތައް ބަލަހައްޓައި އަދި ބަޔާންތައް ނައްތައިލެވޭނެ ގޮތް ވެސް ބިލުގައި ހިމަނައިފައިވެއެވެ. އެގޮތުން ބަޔާން ހުށަހަޅާތާ ފަސް އަހަރު ވަންދެން އެ ބަޔާންތައް ބަލަހައްޓަން ޖެހޭއިރު ބަޔާން ނައްތައިލެވޭނީ މުއްދަތު ހަމަވުމަށް ފަހު ރާއްޖޭގެ އަރުޝީފްގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ހޯދުމަށް ފަހުގައެވެ.

މި ބިލުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މާލީ ބަޔާން ހުށަހަޅަން ޖެހޭ މުއްދަތު ފާއިތުވެ 30 ދުވަސް ފަހުން ބަޔާން ހުށަހަޅައިފި ނަމަ ގިނަވެގެން 100،000 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ. އަދި ތަކުރާރުކޮށް ލަހުން ހުށަހަޅާ ނަމަ 500،000 ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ. ހަމައެހެންމެ 30 ދުވަސް ފަހުން ވެސް މާލީ ބަޔާން ހުށަނާޅާ ނަމަ މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި 500،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!