އިގްތިޞާދީ މަސައްކަތަށް ވިލިމާލޭން ބިން ދޫކުރަނީ

އިގްތިޞާދީ މަސައްކަތް ކުރުމަށް ވިލިމާލޭ ސިނާއީ ސަރަހައްދުން ބިން ދޫކުރަން މާލެ ސިޓީ ކައުންސިލުން ހުޅުވައިލައިފިއެވެ.
މާލޭ ކައުންސިލުން މިއަދު މި ނިންމުން ނިންމީ، އެ ކައުންސިލުގެ 40 ވަނަ ޖަލްސާގައެވެ.
އިގްތިޞާދީ މަސައްކަތް ކުރުމަށް ވިލިމާލޭ ސިނާއީ ސަރަހައްދުން ބިން ދޫކުރަން މާލެ ސިޓީ ކައުންސިލުން ހުޅުވައިލީ، މިއަދު ބޭއްވި އެ ޖަލްސާގައި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ ހުށަހަޅުއްވައި ކައުންސިލަރު ސައިފް ތާއީދު ކުރެއްވި ހުށައެޅުން ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރުމާ ގުޅިގެންނެވެ.
މި ހުށަހެޅުމުގައި ވަނީ ވިލިމާލޭ ސިނާއީ ސަރަހައްދުގައި މިވަގުތު ހުސްކޮށް އޮތް 13 ސްލޮޓު ސިނާއީ މަސައްކަތްތައް ކުރަން ދިނުމަށް ފުރުސަތު ހުޅުވައިލާން ފެންނަކަމަށެވެ. މާލޭ ރަށްވެހިންނަށް ވެސް ފުރުސަތު ލިބޭ ގޮތަށް މި ފުރުސަތު ހުޅުވައިލައިފައިވާ އިރު، މަދުވެގެން ދެ ބައިކުޅަ އެއްބައި ވިލިމާލޭ ރައްޔިތުންނަށް ހާއްސަ ކުރުމަށް ވެސް ބުނެފައިވެއެވެ.
ކައުންސިލުން އިތުރަށް ނިންމައިފައި ވަނީ ވިލިމާލޭ ސިނާއީ މަސައްކަތް ކުރާ މީހުން ކުއްޔަށް ހިފައިފައިވާ ޕްލޮޓްތަކުން ދައްކަން ޖެހޭ ފައިސާ ދެއްކުމަށް އެންމެ ފަހު ފުރުސަތު މިދިޔަ ޑިސެންބަރު 31ގެ ނިޔަލަށް ދީފައިވުމާ އެކު މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ ހުރި މީހުންގެ އެގްރިމެންޓް ބާތިލްކޮށް ބިން ވަކިކޮށް ނުލިބިވާ ފައިސާ ހޯދުމަށް ގާނޫނީ އިޖްރާއަތްތަކުގެ ތެރެއިން ކުރަން ހުރި ހުރިހާ މަސައްކަތެއް ކުރުމަށެވެ.





.webp)
ކޮމެންޓް