ޚަބަރު

ހުޅުމާލޭ ކޯޓު އުވައިލުމުގެ މަސައްކަތް ފަށައިފިން: ޖޭއެސްސީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވައިލުމާ ބެހޭ މައްސަލަ ސުޕްރީމް ކޯޓުން މުރާޖައާކޮށް ނުދިނުމުން އެ ކޯޓު އުވައިލެވޭނެ އެހެން ގޮތެއް ހޯދަމުން އަންނަ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވިދާޅުވެއްޖެއެވެ.

Ads by MWSC

ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނާ ހިލާފަށް އުފައްދައިފައިވާ ކޯޓެއް ކަމަށް ވާތީ އެ ކޯޓު އުވައިލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް 04 އޮކްޓޯބަރު 2020ވަނަ ދުވަހު އެ ކޮމިޝަނުން ނިންމައިފައިވާ ކަމަށެވެ.

އެ ބަޔާނުގައި ޖޭއެސްސީން ވިދާޅުވީ ހުޅުމާލޭ ކޯޓު އުވައިލުމުގެ މަސައްކަތުގެ ތެރެއިން ފާހަގަވި އެއް ކަމަކީ އެ ކޯޓު އުފެދިފައިވާ ގޮތުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުޕްރީމް ކޯޓުން މީގެ ކުރިން ފައިސަލާކޮށް ނިޔާ ކަނޑައަޅައިފައިވުން ކަމަށެވެ

އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ އެ ނިޔާއަކީ ގާނޫނާ ހިލާފަށް އަދި ޙަޤީޤަތާ ވެސް ހިލާފް ކަންތައްތަކެއްގެ މައްޗަށް ނިންމައިފައިވާ ނިންމުމެއްކަން ޖޭއެސްސީން ވަނީ ފާހަގަކޮށްފައެވެ. އެހެން ކަމުން އެ ނިންމުން މުރާޖާކޮށްދިނުމަށް ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

ސްޕްރީމް ކޯޓުން 8 ފެބްރުއަރީ 2022ވަނަ ދުވަހު ނިންމަވައިފައި ވަނީ އެ ގަޟިއްޔާގެ ނިޔާ މުރާޖާކޮށްދެވެން ނެތް ކަމަށެވެ.

ޖޭއެސްސީގެ ބަޔާނުގައި، ކޯޓުތަކާ ބެހޭ ގާނޫނުގައި ކަނޑައަޅާފައި ވަނީ މާލޭގައި އުފައްދާނީ ސްޕީރިއާ ކޯޓުތައް ކަމަށާއި އަދި ރަށްރަށުގައި ހުންނަނީ މެޖިސްޓްރޭޓް ކޯޓުތައް ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ގާނޫނުއަސާސީގައި މާލެ މާނަކޮށްފައި ވަނީ ވިލިނގިއްޔާއި ހުޅުމާލެ ވެސް ހިމެނޭ ގޮތަށް ވާތީ، ހުޅުމާލެއަކީ އަދި ވިލިނގިއްޔަކީ ވެސް އިދާރީ ވަކި ރަށްރަށެއް ނޫން ކަމަށާއި މާލޭގެ އަވަށްތައް ކަމަށް އެ ބަޔާނުގައި ފާހަގަ ކުރިއެވެ. ހަމައެހެންމެ މާލޭގައި ސްޕީރިއާ ކޯޓުތައް ގާއިމުކޮށްފައި، އަދި ހަމަ މާލޭގެ އަވަށްއަވަށުގައި މެޖިސްޓްރޭޓް ކޯޓުތައްމެ ގާއިމުކުރުމަކީ ގާނޫނާ ހިލާފު ނުވެ ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައިވެެވެ.

ބަޔާން ނިންމައިލަމުން ޖޭއެސްސީއިން ބުނެފައި ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުފެދިފައިވާ ގޮތާ މެދު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކުރައްވައިފައިވާ ނިޔާ މުރާޖާކޮށްދެވެން ނެތް ކަމަށް އެ ކޯޓުން ނިންމި ނަމަވެސް، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވައިލުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!