ދުނިޔެ

މިއީ ޔޫކްރެއިން އިސްތިއުމާރުކުރަން ފެށުން ކަމަށް ބައިޑަން ވިދާޅުވި ނަމަވެސް އެޅުއްވީ ފިނި ފިޔަވަޅުތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސްގެ ދެ ދަޢުލަތް ކަމަށްވާ، ލާހުންސްކް ޕީޕަލްސް ރިޕަބްލިކް އަދި ޑާންޔެސްކް ޕީޕަލްސް ރިޕަބްލިކްގެ މިނިވަންކަން ޤަބޫލުކޮށް ޞުލްޙަޔާއި އަމާންކަން ޤާއިމުކުރުމަށް އެ ސަރަޙައްދަށް ސިފައިން ފޮނުއްވުމަށް ރަޝިޔާއިން ނިންމި ނިންމުމަކީ ޔޫކްރެއިން އިސްތިއުމާރު ކުރުމުގެ ފުރަތަމަ ހަރުފަތް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިރޭ ބޭއްވި ކުރު ނޫސްވެރިންގެ ބައްދަލުވުމުގައި ޖޯ ބައިޑަން ވަނީ އެމެރިކާއިން، ރަޝިއާއާ ދެކޮޅަށް އަޅަން ނިންމައިފައިވާ ފިޔަވަޅުތައް ހާމަކޮށްފައެވެ. ނަމަވެސް މާ ބޮޑު ފިޔަވަޅެއް އަޅައިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ބައިޑަންގެ ވާހަކަފުޅު ފައްޓަވަމުން ވިދާޅުވީ، ޕޫޓިން ރޭ ދެއްވި ތަޤްރީރުން، އޭނާގެ މަޤްސަދު ސާފުވާ ކަމަށެވެ. ޕޫޓިން ބޭނުން ވަނީ އިސްތިއުމާރު ކުރަން ކަމަށް ބައިޑަން ވިދާޅުވިއެވެ. އަދި ވަކިވެގެންފައިވާ ހަނގުރާވެރި ދެ ޖަމާއަތެއް ވަކި ދެ ދައުލަތެއްގެ ގޮތުގައި ޕޫޓިންއަށް ބަލައި ނުގަނެވޭނެ ކަމަށާއި އެއީ ބައިނަލް އަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ދޮންބާސަށް ފަހު ޔޫކްރެއިނުގެ އިތުރު ސަރަޙައްދުތައް ރަޝިޔާގެ ބާރުގެ ދަށަށް ގެންނާނެ. ދޮންބާސަކީ ފެށުމެއް" ބައިޑަން ވިދާޅުވިއެވެ.

އެމެރިކާއިން މިހާރު އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅަކީ، ރަޝިއާގެ އެންމެ ބޮޑު ބޭންކް ކަމަށްވާ ވީއީބީއާއި މިލިޓަރީ ބޭންކްއާ ދެމެދު އެއްވެސް ފައިސާގެ މުއާމަލާތެއް ނުހިންގުމެވެ. އަދި ރަޝިއާގެ މުއްސަދިންނާއި ބައެއް މުއްސަދި އާއިލާތަކާ އެކު ވިޔަފާރި ނުކުރަން ވެސް އެމެރިކާއިން ވަނީ ނިންމައިފައެވެ.

މީގެ އިތުރުން އެމެރިކާއިން ވަނީ އެސްޓޯނިއާ، ލެޓްވިއާ، ލިތުވޭނިއާގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިންގެ އަދަދު އިތުރުކޮށްފައެވެ. ނަމަވެސް މިއީ ރަޝިއާއާ ހަނގުރާމަ ކުރަން ކުރި ކަމެއް ނޫން ކަމަށް ބައިޑަން ވިދާޅުވިއެވެ.

"ހަނގުރާމަ ކުރުމުގެ ވިސްނުމެއް ނެތް. މިއީ ނޭޓޯގެ ޤައުމުތަކުގެ ދިފާއުގައި ސިފައިން އިތުރު ކުރި ކުރުމެއް" ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ހަމަޖެހިފައިވާ ވަގުތުގެ ގަޑިއިރެއް ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިޑަން ވިދާޅުވިއެވެ.

ރަޝިއާއާއި ޔޫކްރެއިންއާ މިފަހަރުގެ މައްސަލަ ފެށިފައި ވަނީ ގޮތުން ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ މެންބަރުކަން ޔޫކްރެއިން ހޯދުމަށް މަސައްކަތް ކުރަމުން ދާތީއެވެ. ރަޝިއާއިން ޤަބޫލު ކުރާ ގޮތުގައި، ހުޅަނގުގެ އަސްކަރީ އިއްތިޙާދު (ނޭޓޯ) ލިބިއްޖެ ނަމަ އެއީ ސީދާ ރަޝިޔާގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްކަމަށެވެ. އަދި ހުޅަނގާއި ރަޝިޔާއާ ދެމެދު އޮތް ވާދަވެރިކަމުގެ ތެރެއަށް ޔޫކްރެއިން ވަދެ ރަޝިޔާގެ ސަލާމަތަށް ގެއްލުންވާނެ ފަދަ ނިންމުންތަކެއް ނިންމުމަށް ޖާގަނުދެއްވާނެކަމަށް ރަޝިއާގެ ރައީސް ޕޫޓިން ވަނީ މީގެ ކުރިން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!