ތިނަދޫ ހޮސްޕިޓަލަށް ފޮނުވާ ޑޮކްޓަރުން ފިލަނީ ކީއްވެގެން ކަމެއް ނޭނގެ: ނަސީމް

ގދ.ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންނަ ޑޮކްޓަރުން ފިލައިގެންދާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ތިނަދޫ ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރަކު ހަރުނުލާ މައްސަލަ ހައްލު ކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރެއްވުމުން އޭނާ ވަނީ، ދާދި ފަހުން ވެސް އެތަނަށް ފަސް ޑޮކްޓަރުން ފޮނުވުނުއިރު، އެ ޑޮކްޓަރުން ފިލައިގެން ދިޔައީ ކަމަށް ވިދާޅުވެފައެވެ.
"ދެން އަޅުގަނޑަކަށް ނޭނގެ ކިހިނެއް ކަމެއް ފިލައިގެން ދިޔައީކީ. ދެން އަޅުގަނޑަށް އެތަނަށް ޑޮކްޓަރުން ފޮނުވާ، އެކަހަލަ ކަންތައް އެބަ ކުރެވޭ. ދެން ހިފެހެއްޓޭތޯ ބައްލަވައި ދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. ދެން އެމީހުން ފިލައިގެން ދިޔުމުގެ ކުރިން އަޅުގަނޑުމެންނަށް އެނގޭ ކަމަށް ވަންޏާ، އަޅުގަނޑުމެންނަށް ހުއްޓުވޭނެ ވެސްމެ." ނަސީމް ވިދާޅުވިއެވެ.އޭނާ ވިދާޅުވީ ހޮސްޕިޓަލުތަކަށް ގެންނަ ޑޮކްޓަރުންނަށް ފިލައިގެން ދެން ނުދެވޭނެ ކަމަށާއި، އެކަން ބެލުމަށް އެއާޕޯޓަށް ވެސް މިހާރު އަންގާފައިވާނެ ކަމަށެވެ. މިކަމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ދެވެން އޮތް އެއްބާރުލުމެއްދޭނެ ކަމަށް ވިދާޅުވެ، މިނިސްޓަރު ވަނީ ހޮސްޕިޓަލުތަކުން ވެސް ޑޮކްޓަރުންނަށް ވާނުވާ ރަނގަޅަށް ބެލުމަށް އެދިވަޑައިގެންފައެވެ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖްމަންޓުން، ވަރަށް ފަހުން ވެސް ވަނީ އެ ހޮސްޕިޓަލުގެ ހާލަތާ މެދުގައި ވަަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް، ވަސީލަތްތައް ނެތްކަމުގެ ޝަކުވާ ކޮށްފައެވެ. އެގޮތުން އެ ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރަކާއި، އެތެރެހަށީގެ ޑޮކްޓަރެއް ނެތްކަން ވެސް ފާހަގަކޮށްފައިވެއެވެ.






ކޮމެންޓް