ރަމަޟާން މަހަށް ޚާއްސަ ކަންތައްތަކެއް ކުރުމަށް މާލެސިޓީ ކައުންސިލުން ނިންމައިފި
ރަމަޟާން މަހަށް ޚާއްޞަކޮށްގެން މުހިންމު ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.
މި ނިންމުންތައް ނިންމައިފައި ވަނީ މިއަދު ބޭއްވި މާލެސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 41 ވަނަ އާއްމު ޖަލްސާގައެވެ.
ރަމަޟާން މަހަށް ޚާއްޞަކޮށްގެން ގެންދާނެ ކަންތައްތަކުގެ ތެރޭގައި ކުޑަކުދިންނަށް ޚާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް އެ ކައުންސިލުން ވަނީ ނިންމައިފައެވެ.
އޭގެ ތެރޭގައި 6 އަހަރުން ދަށާއި 9 އަހަރުން ދަށާއި 12 އަހަރުން ދަށަށް ޚާއްޞަކޮށްގެން ސިޓީ ކައުންސިލުން ރާވައިގެން މަދަޙަ މުބާރާތެއް ކުރިއަށް ގެންދިއުމާއި، ހެޔޮ އެދޭ ފަރާތްތަކާ މަޝްވަރާކޮށްގެން ޤުރުއާން މުބާރާތެއް ކުރިއަށް ގެންދިއުމަށް މިއަދުގެ ޖަލްސާގައި ވަނީ ނިންމައިފައެވެ.
މީގެ އިތުރުން ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރު ކަމުން އިސްލާމިކް މިނިސްޓްރީއާ މަޝްވަރާކޮށްގެން އަސުރު ނަމާދަށްފަހު މާލޭގެ ހުރިހާ މިސްކިތެއްގައި ދަރުސް ދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި، އަމިއްލަ ޖަމާޢަތްތަކުން މީގެ ކުރިން ކުރިއަށް ގެންދިޔަ ފޯރުންތެރިކަން ނެތް ފަރާތްތަކަށް ރޯދަ ވީއްލުމަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ކުރިއަށް ދޭތޯ ބަލައި އެކަން ކުރިއަށްދާ ނަމަ އެ ޕްރޮގްރާމް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށް ކައުންސިލުން އެހީތެރިކަން ދެވެން އޮތްކަންކަން ފާހަގަކޮށް އެކަމަށް އެހީތެރިކަން ދިނުމަށް ވެސް ވަނީ ނިންމައިފައެވެ.
އަދި އެ ޕްރޮގްރާމް ކުރިއަށް ނުދާނަމަ ފުދުންތެރިކަން ނެތް ފަރާތްތަކަށް ރޯދަ ވީއްލުމަށް އެހީތެރިކަން ދެވޭނެ ގޮތްތައް ބަލައި އެކަން އިންތިޒާމް ކުރުމަށް މަސައްކަތް ކުރުމާއި، އަމިއްލަ ފަރާތްތަކުން ރޯދަ ވީއްލުމުގެ އިންތިޒާމް ހަމަޖައްސަވާއިރު ބޭނުންވާ ގޮނޑި މޭޒު ފަދަ ތަކެތި ސިޓީ ކައުންސިލުން ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަށް ވެސް ނިންމައިފައިވެއެވެ.
މީގެ އިތުރުން މާލޭގެ އެންމެ ބޮޑު އާބާދީއަކީ ޒުވާނުން ކަމަށްވާތީ ޒުވާނުންނާއި ގުޅުން ހުރި ބައެއް ޙަރަކާތްތައް ވެސް ރޭވުމަށް ވަނީ ނިންމައިފައެވެ.
މީގެ އިތުރުން ރަމަޟާން މަހަކީ އެކި އުމުރުފުރާގެ ފަރާތްތަކުން ކުޅިވަރު ކުޅެ ކަސްރަތުކޮށް އުޅޭ މަހެއްކަމުން ކުޅިވަރުގެ މުބާރާތްތަކެއް ރޭވުމަށް ނިންމައިފައިވެއެވެ. އެގޮތުން ފުޓްސަލް، އަދި ފޯރ ބައި ފޯރ، ވޮލީ މުބާރާތެއްގެ އިތުރުން ދިވެހިވަންތަ ކުޅިވަރެއް ކަމުގައިވާ ތިންމުގޯލި ފަދަ މުބާރާތްތަކެއް ބޭއްވޭ ކަމަށްވާ ނަމަ އެކަން ކުރެވޭނެ ގޮތްތަކެއް ބަލައި ދިރާސާކޮށް އެކަން ކުރެވޭނަމަ އެކަން ކުރުމަށް ވެސް ވަނީ ނިންމައިފައެވެ.
މިއާ އެކު ރޯދަމަހަށް މާލެތެރެ ޒީނަތްތެރި ކުރުމަށާއި، ކުނިމެނޭޖް ކުރެވޭނެ ގޮތްތަކެއް ރޭވުމާއި، ދިވެހިންގެ ސަގާފަތެއްގެ ގޮތުން ރަމަޟާން މަސް އައުމުގެ ކުރިން ބާއްވާ މާހެފުން ބޭއްވުން ތަރުތީބު ކުރުމަށް ޓަކައި އިޢުލާންކޮށްގެން އެ ދުވަސްތަކުގައި މާހެފުމަށް މަގު ބަންދު ކުރުމުގެ ފުރުޞަތު ދިނުމަށް ނިންމައިފައިވެއެވެ.
އަދި ރަމަޟާން މަހު ކުޑަކުދިންނާއި އާއިލާތައް ހަވީރު ގަޑީގައި ނިކުމެލާ އުޅޭނެ ފުރުޞަތު ދިނުމުގެ ގޮތުން ކޮންމެ ހަފްތާއަކު ވެސް ކަނޑައެޅޭ ދުވަހެއްގައި ބޮޑެތި މަގުތައް ނުހިމެނޭ ގޮތަށް ހަނި ގޯޅިތައް ނުވަތަ ޓްރެފިކް ލުއި ގޯޅިތައް ބަލައި ބަންދުކުރުމަށް ފުރުޞަތު ދިނުމަށް ވެސް މިއަދުގެ ޖަލްސާގައި ވަނީ ނިންމައިފައެވެ.
ރަމަޟާން މަހަށް ތައްޔާރީތައްވުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ޓަކައި ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވައިގެން ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރުމަށް ކައުންސިލަރުންނަށް މޭޔަރު މުޢިއްޒު ވަނީ އިލްތިމާސް ކުރައްވައިފައެވެ.