ކޮވިޑް-19 ނިމުމަކަށް އައިސްފައިވާ ކަމަށް އަދި ނިންމައިގެން ނުވާނެ: ހެލްތު މިނިސްޓަރު
ކުރިމަތިވެފައިވާ ކޮވިޑް-19ގެ އާލަމީ ވަބާ ރާއްޖެއަށް އަދި ނިމުމަކަށް އައިސްފައިވާ ކަމަށް ނިންމައިގެން ނުވާނެ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް މިއަދު ވިދާޅުުވެއްޖެއެވެ.
2020ވަނަ އަހަރުގެ ސިއްޙީ ދާއިރާގެ ތަފާސްހިސާބު ރިޕޯޓު އާންމުކުރުމަށް މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ނަސީމް ވިދާޅުވީ ދުނިޔޭގައި އުޅޭއިރު ކުރިމަތިވާ ކަންކަމުން އިބުރަތް ހާސިލު ކުރަން ޖެހޭނެ ކަމަށެވެ.
މާޒީގައި ވެސް ރާއްޖޭގައި ބަލިމަޑުކަން ފެތުރި، ތަފާތު ކާރިސާތައް ވެސް ހިނގައިފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރ ނަސީމް ވިދާޅުވީ، މާޒީގެ ކަންކަމަށް ބަލާއިރު ކޮވިޑް ނިމިއްޖެ ކަމަށް ނިންމަން އަދި އަވަސް ކަމުގައެވެ.
"ދުނިޔޭގައި އުޅޭހައި ހިނދަކު އަޅުގަނޑުމެންނަށް އަބަދު ވެސް މިކަހަލަ ކަންކަމާ ދިމާވާނެ. އެއްކަމަކުން އިބްރަތް ހޯދައިގެން އަނެއް ކަމަކަށް ތައްޔާރުވެގެން އަބަދު ތިބެން ޖެހޭނީ،" ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނަސީމް އިތުރަށް ވިދާޅުވީ، ތަފާސްހިސާބު ބަލަހައްޓަން ފެށުމުން ކަންކަން ރާވައިގެން ކުރިއަށް ގެންދަން ފަސޭހަވުމުގެ އިތުރުން ފިޔަވަޅުތައް އަަޅަން ވެސް ފަސޭހަވާ ކަމަށެވެ.
ކޮވިޑް-19 ނިމިއްޖެކަމަށް ދެކެން އަދި މާ އަވަސް ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވި ނަމަވެސް، ކޮވިޑާ ގުޅިގެން ރާއްޖޭގައި އަޅައިފައިވާ ބައެއް ހަރުކަށި ފިޔަވަޅުތަކަށް މިހާރު ސަރުކާރުން ވަނީ ލުއިދީފައެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކޮންމެ 30 ދުވަހަކުން އަދިވެސް އިތުރުކުރަމުން ގެންދެއެވެ.