ރިޕޯޓް

ޑީއާރުޕީގެ ދަތުރު އެމްޑީޕީއަށް!

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ރާއްޖޭގެ ސިޔާސީ ތާރީހުގައި މިހައިތަނަށް އުފެދުނު އެންމެ ތާއީދު ބޮޑު އަދި މެމްބަރުން ގިނަ އެއް ޕާޓީއަކީ ދިވެހިރައްޔިތުންގެ ޕާޓީ ، ޑީއާރުޕީއެވެ. ކުރީގެ ރައީސް ، ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަން ބަދަލުވިއިރު ވެސް ޑީއާރުޕީ އޮތީ އެންމެ ވަރުގަދަ އެއް ޕާޓީގެ ގޮތުގައެވެ. އެހެން ނަމަވެސް އެތެރޭގައި އުފެދުނު ބޮޑު ޚިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ޕާޓީ ދެފަޅިވެގެން ދާކަށް މާ ގިނަ ދުވަހެއް ނުނެގިއެވެ. މިއާ އެކު ބިކަވެ ހާލުގައި ޖެހުނީ ޑީއާރުޕީއެވެ. ރައީސް މައުމޫނާ އެކު ނިކުމެވަޑައިގެންނެވި "ޒެޑް ފެކްޝަނުން" އުފެއްދި ޕީޕީއެމް ވެގެން ދިޔައީ އަސްލު ޑީއާރުޕީ ފިކުރަށެވެ.

Ads by Sosun Fihaara

ދުވަސްތައް ފާއިތުވަމުން ގޮސް ޕީޕީއެމްގެ ފުރަތަމަ ވެރިކަން 2013ވަނަ އަހަރުގައި ވުޖޫދުވިއެވެ. މިއާ އެކު ރައީސް އަބްދުﷲ ޔާމީންގެ ބާރު ޕާޓީގެ އެތެރޭގައި އަދި އާންމު މެމްބަރުންގެ މެދުގައި ގަދަވިއެވެ. ދެން ޚިޔާލު ތަފާތުވުން އުފެދުނީ ރައީސް ޔާމީނާއި ރައީސް މައުމޫނާ ދެމެދުއެވެ. މި ފަހަރު ރައީސް މައުމޫނަށް ޖެހިވަޑައިގެންނެވީ ޕީޕީއެމް ދޫކޮށް ވަޑައިގަންނަވާށެވެ. ރައީސް މައުމޫނުގެ ޕާޓީއަށް މެމްބަރުން ހަމަކުރެއްވުނީ ވެސް ކިރިޔާއެވެ. ހަގީގަތަށް ދަންނަވާ ނަމަ މިއަދާ ހަމައަށް ވެސް އެއީ ވަކި ފިކުރެއްގެ ގޮތުގައި އާންމުން ބަލައިގަތް ޕާޓީއަކަށް ނުވިއެވެ.

އެމްޑީޕީގެ ދިގު މާޒީ

މަގުމަތިން ބާރު ހޯއްދަވައި ރައްޔިތުންގެ ބޮޑު ތާއީދަކާ އެކު 2004ވަނަ އަހަރު ފުރަތަމަ ފަހަރަށް އިދިކޮޅު ސިޔާސީ ފިކުރެއް އުފެއްދިއެވެ. އެ ފިކުރަށް ކިޔުނީ އެމްޑީޕީއެވެ. ރައީސް މުހައްމަދު ނަޝީދާ އެކު މަދު ބޭފުޅުންކޮޅެއް އިސްވެ އުފެއްދި މި ޕާޓީ ބޮޑުވެ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށްވާން އަހަރުތަކެއް ހޭދަވިއެވެ. މިޕާޓީއަކީ އެތެރޭގެ ހިންގުން އެންމެ ވަރުގަދަ އަދި އިސް ބޭފުޅުންގެ ގުޅުން އެންމެ ރަނގަޅު ޕާޓީއެވެ. އެހެން ނަމަވެސް ކޮންމެ ވެސް ސިފައެއްގައި ވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން އަބަދު ވެސް އޮވެއެވެ.

ޑިމޮކްރަސީގެ އުސޫލަކީ ހިޔާލު ތަފާތުވުންތަކަށް ޖާގަ ދިނުމެވެ. މި އުސޫލު ދުވަސްތަކެއް ވަންދެން އެމްޑީޕީގެ އެތެރޭގައި ދެމެހެއްޓިއެވެ. އެހެން ނަމަވެސް ދުވަސްތަކެއް ފަހުން މިމަންޒަރު ވަރަށް ބޮޑަށް ބަދަލުވާން ފެށިއެވެ. ޕާޓީގެ އިސް ލީޑަރު ރައީސް ނަޝީދާއި ޚިޔާލު ތަފާތުވާ ކޮންމެ ބޭފުޅަކު ޕާޓީން ބޭރުވާން ފެށިއެވެ. ޗެއާޕާސަންކަމާއި، ރައީސްކަމުގެ މަގާމު ވެސް އެ ފަދަ ފަރާތްތަކަށް ގެއްލެން ފެށިއެވެ. ބައެއް ބޭފުޅުން މިކަމާ ހިތްޕުޅާ ނުވެ އާންމުކޮށް މި ވާހަކަ ދައްކަން ވެސް ފެށިއެވެ. ސިޔާސީ ގޮތުން ވަރުގަދަ މީހުން ވެސް ޕާޓީން ވަކިވިއެވެ.

ރައީސް ނަޝީދާ ޚިޔާލު ތަފާތުވެ މިގޮތަށް ވަކިވާ ކޮންމެ ބޭފުޅަކު ވެސް ސިޔާސީ މައިދާނުން ފަހުން ގެއްލެނީއެވެ. ރީކޯ މޫސާ މަނިކާއި، ޑރ. މުހައްމަދު މުނައްވަރާއި އިބްރާހިމް އިސްމާއީލް(އިބްރާ)ގެ އިތުރުން ޑރ. އިބްރާހިމް ދީދީގެ އިތުރުން އަލްހާން ފަހުމީ މިސާލު ނިކަން ނަންގަވާށެވެ. މިއިން ކޮންމެ ބޭފުޅަކީ ވެސް އެއް އިރެއްގައި އެމްޑީޕީގެ އިސް މަގާމުތައް ފުރުއްވި ބޭބޭފުޅުންނެވެ. އެހެން ނަމަވެސް ޕާޓީން ވަކިވުމާ އެކު ސިޔާސީ ހަޔާތް ވެސް ނިމުމަކަށް އަންނަނީއެވެ.

ރައީސް ނަޝީދާއި ރައީސް ޞާލިހުގެ ކޯޅުން

މިހާރު އާދެވިފައި މިއޮތީ އެމްޑީޕީއަށް ވަރަށް ވެސް ނާޒުކު ދަނޑިވަޅެއް ކުރިމަތިވެފައިވާ ދުވަސްވަރަކަށެވެ. މައްސަލަ ފެށުނީ ކިހިނެއްތޯ ސުވާލު އުފައްދާ ނަމަ އެ ސުވާލުގެ ޖަވާބުގައި އަޅުގަނޑުގެ ޚިޔާލު ދަންނަވަންތޯއެވެ. 2018ވަނަ އަހަރަކީ އެމްޑީޕީގެ ތާރީހަށް ވަރަށް ވެސް ބޮޑު ބަދަލެއް އައި އަހަރެކެވެ. ރައީސް ނަޝީދު ނޫން އެހެން ބޭފުޅަކު ޕާޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވަން ޖާގަ ދެވުނީ އެ އަހަރެވެ. ގައުމުގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ވެސް އެ ޕާޓީގެ އެހެން ބޭފުޅަކަށް ވަޑައިގެންނެވުނީ މުޅިން އަލަށެވެ. އެއާ އެކު ޕާޓީގެ އާންމު މެމްބަރުންނަށް ވެސް ރައީސް ނަޝީދަށް ދެވޭވަރުގެ ގަދަރެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ދެވެން ފެށުނެވެ.

ކުއްލިއަކަށް ޕާޓީގެ އަސާސީ ގަވާއިދަށް ވެސް ބަދަލުއައެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ މީހާއަކީ ދައުރު ނިމެންދެން ޕާޓީގެ ރައީސްގެ ގޮތުގައި ބަލައިގަންނަން ޖެހޭކަމަށް އޮތް އޮތުން ނިމުމަކަށް ގެނެސް ޕާޓީގެ ރައީސްކަމަށް ރައީސް ނަޝީދު ގެންނެވިއެވެ. ރައީސް ޞާލިހަށް އެރުވީ އިސް ލީޑަރުގެ މަގާމެވެ. ރައީސް ޞާލިހާއި ރައީސް ނަޝީދާ ދެމެދު ޚިޔާލު ތަފާތުވާން ފެށީ ހަގީގަތުގައި 2018ގެ އިންތިޚާބުގެ ކެމްޕެއިން ތެރެއިންނެވެ. އޭގެ ފަހުން ގިނަ މައްސަލަތަކުގައި މިކަން ތަކުރާރުވަމުން ދިޔައެވެ.

ކުރީކޮޅުގައި ގަދަ ވަނީ ރައީސް ނަޝީދުގެ ކޮޅެވެ. އެހެން ނަމަވެސް ސަރުކާރުން ލިބުނު ބާރުތަކާ އެކު ޕާޓީގެ އެތެރޭގައި ވެސް މެޖޯރިޓީ ، ރައީސް ޞާލިހަށް ވަފާތެރިކަން ދައްކަވަން ފެއްޓެވިއެވެ. މިއަދުގެ ހަގީގަތަކީ ރައީސް ނަޝީދަށް އެމްޑީޕީގެ އިސް ސަފުން ތާއީދު ކުޑަކަމެވެ. އަދި ރައީސް ޞާލިހަށް އޮތް ތާއީދު ބޮޑުކަމެވެ. އާންމު މެމްބަރުންގެ ވިސްނުން ހުރި ގޮތެއް މުޅިން ސާފެއް ނުވެއެވެ. ނަމަވެސް އާންމު މެމްބަރުންގެ މެދަށް ފޭދިގެން ދަނީ މަޖިލީހުގެ މެމްބަރުންނާއި ވަޒީރުންނާއި އިސްމަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ތާއީދާއި ނުފޫޒުކަމަށް ވުމާ އެކު އާންމު މެމްބަރުންގެ މެދުގައި ވެސް އެކަން އޮތީ އެހެންކަން ގަބޫލުކުރުމުގެ ފުރުސަތު ބޮޑެވެ.

ޕާޓީގެ އެތެރެ ފަޅައިގެން ހިނގައިދާނެ

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ އެމްޑީޕީގެ އެތެރެ ހޫނުވެފައިވާ މިންވަރު ކިތަންމެ ރަނގަޅަކަށް ވެސް ދައްކުވައިދިން ޖަލްސާއެކެވެ. އެމްޑީޕީގެ އެއް މެމްބަރު އަނެއް މެމްބަރަށް ދެމުންދިޔަ ބަހުގެ ހޫނު ހަމަލާތަކުން އެތެރޭގެ ކޯޅުން ބޭރުވިއެވެ. ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެމްޑީޕީގެ ސަރުކާރެއް އޮވެމެ ޕާޓީގެ އިހުލާސްތެރިންނަށް ހައްގު ގެއްލުމެވެ. ވަކި ބޭފުޅަކަށް ތާއީދު ނުކުރާ ނަމަ ސަރުކާރެއްގެ މަގާމުގައި ނުހުންނެވޭނެކަމަށް ދަންނަވާ ދެންނެވުމެވެ.

ރައީސް ޞާލިހަށް އިހުލާސްތެރި ބައެއް މެމްބަރުން އެމްޑީޕީން އިދިކޮޅު ހަރަކާތް ހިންގައި ސަރުކާރު ވައްޓާލަން އުޅޭކަމުގެ ތުހުމަތު ވެސް ކުރިއެވެ.

މި (ކުއްލި މައްސަލަ) ލައިގެން މިއުޅޭ މެމްބަރުންނަކީ، އެމްޑީޕީ މެމްބަރުން. އަޅުގަނޑުމެން މިތާގައި އެމްޑީޕީ މީހުންނަށް ބޭއިންސާފުވެރިވާން ހެދީމާ، އަޅުގަނޑުމެން ވަކާލާތު ކުރާނަން. އިމްތިޔާޒު ފަހުމީމެން ނުކުމެވަޑައިގެން އެކުރި ހިތްވަރު ނުކުރި ނަމަ، މިއަދު ކޮން ސަރުކާރެއްތޯ، އިއްޒަތްތެރި ރައީސް، އޮންނާނީ؟

- މެމްބަރު އީވާ އަބްދުﷲ

ސަރުކާރަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުން ސަރުކާރު ދިފާއުކުރެއްވިއެވެ. ވިދާޅުވީ އެމްޑީޕީ މެމްބަރަކަށް ވިޔަސް މަސްއޫލިއްޔަތު އަދާނުކުރެވޭ ނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށެވެ.

އެމްޑީޕީގެ މެމްބަރުން ވަޒީފާއިން ވަކިކުރަން އަދާލަތު ޕާޓީގެ މެމްބަރުންގެ ސޮޔާ އެކު ލިޔުން ފޮނުވުމަކީ ކަންބޮޑުވާކަމެއްކަމަށް މެމްބަރުން ފާހަގަކުރަމުން ދިޔައެވެ.

އަޅުގަނޑުމެންގެ އެ ދާއިރާއިން އެންމެ މީހަކަށް ވެސް ވަޒީފާ ނުދީ އެވަނީ. ބޮޑު ވެގެންވާ ނާއިންސާފެއް، އިއްޒަތްތެރި ރައީސް. އަޅުގަނޑަކީ މި މަޖިލީހަށް ނިސްބަތްވާ ތިންވަނަ ދައުރު އަދާ ކުރަމުންދާ މީހެއް. އަޅުގަނޑުގެ ރިކުއެސްޓަކަށް ސިޔާސީ މަގާމެއް ދޭން ހުށަހެޅީމާ، މާ ފަހުން، ފުރަތަމަ ދައުރަށް ހޮވިވަޑައިގަންނަވާ ބޭފުޅުން އަޅުގަނޑުމެންގެ މައްޗަށް އިސްކޮށްފައި އެބަ ވަޒީފާ ދެވޭ

- މެމްބަރު އިމްތިޔާޒު ފަހުމީ

ނަޝީދުގެ ފަޅި ބަލިވެދާނެ

ރައީސް ނަޝީދު މިއަދު ހިންގަވަމުން ގެންދަވާ މަގަށް ބަލާ ނަމަ އެ މަނިކުފާނު އެމްޑީޕީން އެކަހެރިވެދާނެކަމުގެ މަންޒަރު އެބަފެނެއެވެ. ކޮންމެ ފަހަރަކު ރައީސް ނަޝީދުގެ ފިކުރާ ތަފާތުވާ ކޮންމެ މީހަކު ޕާޓީން ބޭރުކުރާ ގޮތަށް އަށަގަނެފައި ނުވަތަ އަށަގަންނުވައިފައި އޮތް ސަފާގަތް މިހާރު ނިމުމަކަށް އައިސްފިކަމަށް ދެންނެވިދާނެއެވެ. އިކޮނޮމިކް މިނިސްޓަރުކަމުގައި ހުންނެވި އަދި މިހާރު އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ފައްޔާޒް އިސްމާއީލް މަގާމުން ދުރު ނުކުރެވި އެމްޑީޕީގެ އެންމެ ބާރުގަދަ އެއް ބޭފުޅާގެ ގޮތުގައި ހުންނެވި ހުންނެވުމަކީ މީގެ ސާފު މިސާލެކެވެ.

ފައްޔާޒަކީ ރައީސް ނަޝީދު މާ ގަޔާވާ ބޭފުޅެއް ނޫނެވެ. އެ މަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި އެއީ ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދު އެޅުއްވި ފަދަ "ބްރޯ"ފަންޏެކެވެ. މިނިސްޓަރުކަމުން ދުރުކުރުމުގެ މަސައްކަތް ވެސް ކޮންމެވެސް ސިފައެއްގައި ކުރެއްވިއެވެ. އެހެން ނަމަވެސް އެކަން ނުވެ އޮތީ ރައީސް ޞާލިހުގެ އެއްބާރުލުން އެކަމަށް ލިބިވަޑައިނުގަތުމުގެ ސަބަބުންނެވެ.

ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތުގައި ވެސް ޕާޓީ ތެރެއިން ވެސް ހުރަސްތަކެއް މިހާރު އެބަ ހުއްޓެވެ. ސަރުކާރުގައި ތިއްބެވި އެމްޑީޕީގެ ބޭފުޅުން ބަރުލަމާނީ ނިޒާމަކަށް މާބޮޑަށް ތާއީދެއް ނުކުރައްވައެވެ. ވިދާޅު ވަނީ މިއީ ރަނގަޅު ވަގުތު ނޫން ކަމަށެވެ. ރައީސް ނަޝީދާ އެކު ތިއްބެވީ ގްރާސްރޫޓުގެ ބޭފުޅުންނެވެ. އާންމު މެމްބަރުންގެ ވިސްނުން އެނގޭނީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައެވެ. މި އިންތިޚާބާ އެކު ވަރަށް ގިނަ ކަންކަން ނިމިގެންދާނެއެވެ.

  1. ދުނިޔޭގައި މަތިވާ ކޮންމެ އެއްޗެހި ތިރިވެސް ވާނެ ! ބޮޑުވާ ދިޔަގަޑު ކުޑަވާހެން ! އެއީ ﷲ މިކާއިނާތުގައި ލައްވާފައިވާ ޤުދުރަތުގެ ނިޒާން !