ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޝްރޫއުތައް ފުރިހަމަ ކުރެވޭނީ ދައުރު ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެން: އަނދުން ހުސައިން

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް

މަޝްރޫއުތައް ފުރިހަމަ ކުރެވޭނީ ސަރުކާރަށް އަމާންކަމާ އެކުގައި ދައުރު ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް(އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަކީ އެމްޑީޕީގެ ކުރީގެ ސަރުކާރާއި މިހާރުގެ ސަރުކާރުގެ ވެސް މުހިންމު ވައުދެއް ކަމަށެވެ.

އަނދުން ހުސައިންގެ ވާހަކައިގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަމަށް ފާޑުވިދާޅުވެ، އެ ވެރިކަމުގައި ރައްޔިތުންނަށް އެންމެ އަސާސީ ބޭނުންތައް ވެސް ފުއްދައިދެވުނީ، ޓެކްސްގެ ނިޒާމެއް ތައާރަފުކޮށް، ދައުލަތުގެ އާމްދަނީ އިތުރު ކުރަން ނޭނގުމުން ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިވެހީން ގައިން ތާހިރުވާން ޖެހޭނީ ނަޖިސް ފެނުން ނޫން ކަމާއި، ވޯޓު ލާން ޖެހޭނީ ހަމައެކަނި ފެންނަ ނުފެންނައަށް ނޫން ކަމަށް ބުނެދިނީ އެމްޑީޕީން ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ އާންމު މެމްބަރުން މަގުމައްޗަށް ނުކުމެ ކުރި މަސައްކަތުން ވެރިކަމުގެ ނިޒާމު ބަދަލުކޮށް ގާނޫނު އަސާސީ ބަދަލުކޮށް ހައްގުތައް ކަށަވަރުވަމުންދާ ކަމަށެވެ. އަދި 70އަށް ވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ހިނގަމުން އަންނައިރު، އޭނާ ވަނީ އެތެރޭގެ އިންތިޚާބުތަކާ ދިމާކޮށް އެމްޑީޕީ ބައިބައިވާ ގޮތަށް އަަމަލު ކުރަމުން އަންނާތީ، އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

"އިއްޒަތްތެރި ރައީސް، ރައްޔިތުންނަށް ބޭނުންވާ އަަސާސީ ކަންކަން ގެނައުމުގައި ހުރަަހަކަށް، ކެމްޕެއިންތައް ވެގެނެއް ނުވާނެ." އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާ ދިމާކޮށް، އެޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލޭތީ ޕާޓީގެ އަސާސީ ގަވައިދަށް ބަދަލު ގެނެސް، އެ މަގާމުން ވަކިވާ މީހަކު، އެހެން މީހަކު އައްޔަންކޮށްފައި ދާ ގޮތަށް ވެސް ހެދިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!