ޔޫކްރޭން ހަނގުރާމަ: އެކަނިމާއެކަނި ބޯޑަރު ހުރަސްކޮށް ސްލޮވާކިއާއަށް ދިޔަ 11 އަހަރުގެ ކުއްޖެއް

ރަޝިއާގެ އަސްކަރިއްޔާއިން އަރައި ޔޫކްރޭންގައި ހަނގުރާމަ ކުރަމުންދާތީ ރައްކާތެރިވުމުގެ ގޮތުން 11 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް ، އެކަނިމާއެކަނި ބޯޑަރު ހުރަސްކޮށް ސްލޮވާކިއާއަށް ގޮސްފިއެވެ.
ސްލޮވާކިޔާގެ ހޯމް މިނިސްްޓްރީން ވަނީީ މިކަން ފާހަގަކޮށް އެ ކުއްޖާއަށް ތަޢުރީފްކޮށްފައެވެ. އަދި އެ ކުއްޖާގެ ސަލާމަތަށް ޓަކައި އެ ކުއްޖާގެ މަންމަ ޢަމަލުކުރި ގޮތް ވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ޚަބަރުތައް ބުނާ ގޮތުގައި ޔޫކްރޭންގެ ޒަޕޮރިއީޒާއިން ސްލޮވާކިއާގެ ބޯޑަރަށް އެ ކުއްޖާކުރި މި ދަތުރަކީ 1000 ކިލޯ މީޓަރުގެ ރާސްތާއެއްގެ ދަތުރެވެ. ރޭލުގައި އެ ކުއްޖާ ސްލޮވާކިއާއަށް ދިޔައީ ދަބަހެއް އަޅުވައިގެން ކަމަށާއި އެ ދަބަހުގައި އޮތީ ޕްލާސްޓިކް ފުޅިއަކާއި އޭނާގެ ޕާސްޕޯޓްކަމަށް ވެސް ޔޫކްރޭންގެ ހޯމް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި ސްލޮވާކިއާގައި ތިބި އެ ކުއްޖާގެ އާއިލާ މީހުންގެ މައުލޫމާތު އޮތް ނޯޓްކޮޅެއް ޕާސްޕޯޓް ތެރޭގައި އޮތް ކަމަށާއި ކުއްޖާގެ އަތުގައި ފޯން ނަމްބަރެއް ވެސް ލިޔެފައި އޮތް ކަމަށް ވެސް ސްލޮވާކިއާގެ ހޯމް މިނިސްޓްރީން ބުނެފައި ވެއެވެ.
ސްލޮވާކިއާގެ ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސްލޮވާކިއާގެ ބޯޑަރު ބަލަހައްޓާ ފަރާތްތަކަށް ، އެ ނޯޓްކޮޅުގެ އެހީގައި ކުއްޖާގެ އާއިލާގެ މީހުން ދެނެގަނެވުނު ކަމަށާއި އަދި އެ އާއިލާއިން އެ ކުއްޖާއާ ހަވާލުވެފައިވާ ކަމަށެވެ.
އެ ކުއްޖާގެ ސަލާމަތަށް ޓަކައި އެކަނި ގައުމުން ބޭރުކޮށްލަން ޖެހުނީ ، ބަލިވެ، ހިނގާބިނގާވެ ނޫޅޭ އޭނާގެ މާމަ ގާތުގައި އޭނާގެ މަންމަ ހުންނަން ޖެހުމުން ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.
ޖެހިލުން ކުޑަ މި ކުއްޖާ ދިރިއުޅޭ ޒަޕޮރިއީޒާއަކީ ޔޫކްރޭންގެ އެންމެ ބޮޑު ނިއުކްލިއަރ ޕްލާންޓް ހުންނަ ސިޓީއެވެ. ރަޝިއާގެ ސިފައިން ވަނީ އެތަނަށް ވެސް ހަމަލާދީފައެވެ.