ޚަބަރު ރިޕޯޓް

ކޮވިޑް ތިންވަނަ އަހަރުގެ ތެރެއަށް: ހަ މިލިއަން މީހުން ދުނިޔެދޫކޮށްފި 

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2019ވަނަ އަހަރުގެ ޑިސެމްބަރމަހުގައި ޗައިނާގެ ވުހާންއިން ފެނުނު ކޮވިޑް19 ބަލީގައި ހަމިލިއަން މީހުން ދުނިޔެދޫކޮށްފިއެވެ.

Ads by STELCO

ކޮވިޑްގެ އެންމެ ފަހުގެ ނަމްބަރުތައް ދައްކާ ގޮތުގައި މި ބަލީގެ ޝިކާރައަކަށްވެ ދުނިޔެދޫކުރި މީހުންގެ އަދަދު މިހާރު ވަނީ ހަމިލިއަން ނަވާރަ ހާސް ހުރަސްކޮށްފައެވެ.

މި ބަލީގައި އެންމެ ގިނައިން މަރު ރެކޯޑްކޮށްފައި ވަނީ އެންމެ ގިނަ އަދަދަކަށް މީހުން ފައްސިވި އެމެރިކާއާއި ބުރެޒިލުންނެވެ. އެ ގޮތުން އެމެރިކާއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 984،000އަށް ވުރެ އިތުރުވެ މިލިއަނަކާ ގާތްކޮށްފައެވެ. އަދި ބުރެޒިލުން ރެކޯޑްކުރި މަރުގެ އަދަދު ވަނީ 652،000އަށް ވުރެ އިތުރުވެފައެވެ. އަވަށްޓެރި އިންޑިއާއިން ވެސް ބައިލައްކައަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑްގައި މަރުވެފައެވެ.

މި ބަލީގައި ދުނިޔެ ދޫކުރި ހަމިލިއަން މީހުންގެ ތެރޭގައި 50ލައްކައަށް ވުރެ ގިނަ ކުދީންގެ ބެލެނިވެރީން ހިމެނެއެވެ.

ޗައިނާގެ ވުހާންއަށް އެރި ކޮވިޑްގެ ރާޅު ދުނިޔެއަށް ބިންދައިލީ 2020ވަނަ އަހަރުގެ މަރޗްގައެވެ. އެ ތާރީޚަށް ދެއަހަރު ފުރި ތިންވަނަ އަހަރަށް ކުރިމަތިލާ އިރު ކޮވިޑާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދީ ބައެއް ގައުމުތައް ވަނީ އާންމު ހާލަތަކަށް ރުޖޫއަވެފައެވެ. މި ބަލީގެ ނުރައްކާތެރިކަން ކުޑަވެފައި ވީ ނަމަވެސް ، އިތުރަށް ސަމާލުކަން ދޭން ޖެހޭ ކަންކަން ދަނީ އިތުރުވަމުންނެވެ. އެގޮތުން އެންމެ ފަހުން ފެނުނު އޮމިކްރޯންގެ "ދަރި" ، ނުވަތަ ބީއޭ.2 ވޭރިއަންޓް ފެނި އޭގެ އަދަދުތައް ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ފެންނަމުންނެވެ.

ޔޫރަޕަށް ބަލާއިރު މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ޔޫކްރޭންގެ ހަނގުރާމައެވެ. މި ހަނގުރާމައާ ގުޅިގެން ޕޮލެންޑް، ރުމޭނިއާ އަދި ހަންގޭރީ ފަދަ ގައުމުތަކަށް ހިޖުރަކުރި ޔޫކްރޭން ރައްޔިތުންގެ އަދަދު މިލިއަނަކަށް އަރައިފައިވާ އިރު ޔޫކްރޭން ހިމެނިފައި ވަނީ ވެކްސިނޭޝަން ދަށް ގައުމެއްގެ ގޮތުގައެވެ. އެހެންކަމުން މި ހިޖުރައިގެ ސަބަބުން ފައްސި އަދަދުތައް އިތުރުވެދާނެކަމުގެ ބިރު ވެސް އެބައޮތެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަކުން ދެކޭ ގޮތުގައި އާލަމީ ވަބާއެއްގެ ގޮތުގައި ކޮވިޑް ފެށިގެން އައި ނަމަވެސް މިހާރު ދުނިޔެއަށް މަޖުބޫރުވެފައި ވަނީ އިގްތިޞާދުތަކާއި އާންމު ދިރިއުޅުން ހުއްޓައި ނުލައި ، ކޮވިޑަކީ އާންމު ރޯގާއެއްކަމުގައި ބަލައިގަނެ ދިރިއުޅުން ކުރިއަށް ގެންދާށެވެ. ސަބަބަކީ ރައްކާތެރިވުމުގެ ގޮތުން އަޅާ ހަރުކަށި ފިޔަވަޅުތަކާ އެކު ވެސް އެހެނިހެން ގޮތްގޮތުން އާންމު ރައްޔިތުންނަށް ލިބޭ ނިކަމެތިކަމެވެ.

ކޮވިޑާ އެކު ދިރިއުޅޭ އިތުރު އަހަރަކަށް ވަންނައިރު މި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވެސް މިވަނީ 297އަށް އަރައި އެތައް އާއިލާތަކެއް ހަމަހިމޭންކޮށްލައިފައެވެ. ބައެއް ކުދީންގެ މަންމަ ، އަނެއް ބައި ކުދީންގެ ބައްޕަ ، ނުވަތަ ކާފައާއި މާމަ ދުނިޔެ ދޫކޮށް އާއިލާތަކަށް ވަނީ މޮޅިވެރިކަން ގެނުވައިފައެވެ. ދިރިއުޅުން މުޅީން ބަދަލުކޮށްލައިފައެވެ.

ކޮންމެއަކަސް ކޮވިޑާ އެކު ދިރިއުޅޭން ދުނިޔެ ފަރިތަވީ ނަމަވެސް ، އަދި ނުރައްކާ ކުޑަވި ނަމަވެސް ، ކޮވިޑްގެ ބޯވިލާތައް އަދި އެކީގައި ކެހިގެން ނުދެއެވެ. ތިން އަހަރުގެ ނަމްބަރުތަކާއި އުފަންވާ އައު ވޭރިއަންޓްތައް ބުނެދެނީ އެ ވާހަކައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!