ދަތިކުރުމުގެ ރައްދު ފިޔަވަޅުތަކާ އެކު، ރަޝިޔާއިން އެމެރިކާގެ ފައި މައްޗަށް ނުވެއްޓޭނެކަމުގެ ވަރުގަދަ މެސެޖެއް
ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމާ ގުޅިގެން ހުޅަނގުން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބަދަލު ހިފުމަށް ރަޝިޔާއިން ވެސް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ.
ޓެލެކޮމް، މެޑިކަލް، އޮޓޯ، އެގްރިކަލްޗަރަލް، އިލެކްޓްރިކަލް އަދި ޓެކް އިކުއިޕްމަންޓްގެ އިތުރުން ބައެއް ފޮރެސްޓްރީ ޕްރޮޑަކްޓްތައް އެކްސްޕޯޓް ކުރުން 202 ވަނަ އަހަރުގެ ނިޔަލަށް ރަޝިޔާއިން ވަނީ މަނާކޮށްފައެވެ.
"މި ފިޔަވަޅުތަކަކީ ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތަކަށް އިޖާބައެއް، މިއީ އިގުތިސޯދުގެ މުހިންމު ސިނާއަތްތައް މެދުނުކެނޑި ހިންގުން ކަށަވަރުކުރުމުގެ މަގުސަދުގައި އަޅާ ފިޔަވަޅުތަކެއް،" އިކޮނޮމީ މިނިސްޓްރީން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ފަހު ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.
މީގެ އިތުރުން ރަޝިޔާއިން ވަނީ އިތުރު ފިޔަވަޅުތަކެއް ވެސް އެޅުމަށް ނިންމައިފައެވެ. އޭގެ ތެރޭގައި ބޭރުގެ ބޯޓުތައް ރަޝިޔާގެ ބަނދަރުތަކަށް ވަނުން މަނާކުރުމާއި، ހުޅަނގުގެ ފާމްތަކުން ކުއްޔަށް ހިފައިފައިވާ ޖެޓްތައް އެމީހުންގެ އަމިއްލަ މިލްކެއްގެ ގޮތުގައި ރަޖިސްޓަރީކުރުމުގެ ހުއްދަ ރަޝިޔާގެ އެއަރލައިންތަކަށް ދިނުން ވެސް ހިމެނޭކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ
އިންޓަފެކްސް ނޫސް އޭޖެންސީން ބުނީ ރަޝިޔާއިން ޔޫރަޕިއަން ޔޫނިއަން (އީއީޔޫ)ގެ ބައެއް ގައުމުތައް ހިމެނޭ ގޮތަށް ކުރީގެ ސޯވިއެޓް އިއްތިހާދުގެ ގްރޫޕަކަށް ގުދަން އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން މަނާކޮށްފާނެ ކަމަށާއި، އަދި އީއީޔޫ ސަރަހައްދުން ބޭރުގައި ހަކުރު އެކްސްޕޯޓް ކުރުން ވެސް ރަޝިޔާއިން ވަގުތީ ގޮތުން މަނާކޮށްފައިވާ ކަމަށެވެ.
މި ފިޔަވަޅުތަކަކީ ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމާ ގުޅިގެން ރަޝިޔާގެ އިޤްތިޞާދު ބަނގުރޫޓުވާނެ ކަމުގެ ބިރު ހީވެފައިވާތީ ހުޅަނގުން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ޖަވާބު ދިނުމަށް އެޅި ފިޔަވަޅު ތަކެކެވެ.
އެމެރިކާ، ޔޫރަޕިއަން ޔޫނިއަން އަދި އިނގިރޭސިވިލާތް ގުޅިގެން މޮސްކޯއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާ އެކު ހުޅަނގުގެ ކުންފުނިތަކުން ވަނީ ރަޝިޔާއިން ވަކިވެފައެވެ. އެކަމާ ގުޅިގެން ސަރުކާރުގެ ކޮމިޝަނަކުން ބުދަ ދުވަހު ފާސްކުރި ފުރަތަމަ ފިޔަވަޅަކީ، އެ ޤައުމުން ބޭރުވާ ފާމްތަކުގެ އެސެޓްތައް ސަރުކާރަށް ނެގުމެވެ.