ހައިޑްރޯގްރަފީ އެގްރިމެންޓާ އެކު ރާއްޖެ "އޮރިޔާން"ވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މި ފަދައިން ވިދާޅުވީ އިދިކޮޅު ޕީޕީއެމްއިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިޔަށްދާ "އިންޑިއާ އައުޓް" ކެންޕެއިންގެ ތެރެއިން މިއަދު އދ. މަހިބަދޫގައި ބޭއްވި ހަރަކާތުގައެވެ.
ސަލީމް ވިދާޅުވީ ޑިފެންސް މިނިސްޓަރ “އިންޑިއާ އައުޓް” ކެމްޕެއިނާ ބެހޭ ގޮތުން ދައްކަވާ ވާހަކަ ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ. އެގޮތުން މިނިސްޓަރ މާރިޔާ އެންމެ ފުރަތަމަ ވިދާޅުވީ އިންޑިއާ ސިފައިން މި ޤައުމުގައި ނެތްކަމަށް ކަމަށާއި ނަމަވެސްއިންޑިއާ ސިފައިން ތިއްބަސް އެމީހުން ބަޑި ނުޖަހާނެކަމަށް މާރިޔާ ފަހުން ވިދާޅުވިކަމަށް ސަލީމް ފާހަގަ ކުރެއްވިއެވެ.
ސަލީމް އިތުރަށް ވިދާޅުވީ ހައިޑްރޯގްރަޕީ ފަދަ އެގްރީމެންޓު ހެދުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އަދި މި ސަރުކާރުން އެއްބަސްވުންތައް ފޮރުވައިގެން އުޅެނީ ރައްޔިތުންނަށް އެކަމުން ކުރާނެ ބޮޑެތި އަސަރުތައް އެނގޭތީކަމަށް ވިދާޅުވިއެވެ.
“ހައިޑްރޯގްރަފީއެކޭ ކިޔާނެ ކަމެއް ނެތް. އެމީހުންނަށް ދިނީ ރާއްޖޭގެ ވަތުބަތާނަ. ރީތި އިބާރާތަކުން ބުނަންޏާ އަމިއްލައަށް އޮރިޔާންވީ އެ. އަޅުގަނޑުމެން ބޭނުންވާނެތޯ އަމިއްލައަށް އޮރިޔާން ވާން” ސަލީމް ވިދާޅުވިއެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ސަލީމް ވިދާޅުވީ އެވަރުގެ ބަޔަކު ޤައުމުގެ ހުންގާނުގައި ތިބުމަކީ ވެސް ޤައުމުގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި ، މިއަދު ރާއްޖޭގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން ޤައުމަށް ތެދުވެރިކަމާ އެކު މަސައްކަތް ކޮށްދެއްވަމުން ދަނީ ހަމައެކަނި ރައީސް ޔާމީން ކަމަށް ސަލީމް ވިދާޅުވިއެވެ.