ރިޕޯޓް

ހުތުރު ނަން ލިބެންވީ ކީއްވެ ހެއްޔެވެ؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގައި އުފެދިފައި މި އޮތް ކޯޅުންގަނޑުގެ ވާހަކަ ނޭނގޭނެ އެއްވެސް ދިވެއްސަކު ހުންނާނެހެނެއް ހިއެއް ނުވެއެވެ. ޕާޓީގެ އެންމެ މަތިން އުފެދިގެން މިއުޅޭ ދެބަސްވުންތައް މިހާރު މިވަނީ އާންމު މެމްބަރުންނާ ހިސާބަށް ފޯރައިފައެވެ. މިހާރު ކުރިއަށްދާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގެ ކެމްޕެއިންގައި ކޮންމެވެސް އެއް ފެކްޝަނަކަށް ބުރަވުމަށް އާންމު މެމްބަރުންނަށް އެބަ މަޖުބޫރުވެއެވެ. މެއި މަހުގެ 16ވަނަ ދުވަހު މިނިންމުން އާންމު މެމްބަރުން ވެސް ނިންމާނެއެވެ.

Ads by STELCO

ޕާޓީގެ އެކިއެކި ކަންކަމުގައި ކުދިކުދި ޚިޔާލު ތަފާތުވުންތައް އުފެދިފައިވާއިރު މިމަހުގެ ނުވަވަނަ ދުވަހުގެ ރޭ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ. 115 މެމްބަރުން ބައިވެރިވި އެ ބައްދަލުވުމުގައި އޮތީ އިންތިޚާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމެވެ. ނުވަތަ ކުރިން ކަނޑައަޅައިފައިވާ ތާރީޚް ފަސްކުރުން ނުވަތަ އެ އޮތްގޮތަށް ބޭއްވުމެވެ. ޗެއާޕާސަންކަމަށް ކުރިމަތިލައްވާ ކެނޑިޑޭޓު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ބޭނުންފުޅުވީ އިންތިހާބު ފަސްކުރާށެވެ. އަނެއްކޮޅުން އިމްތިޔާޒް ފަހުމީގެ ޓީމުން ބޭނުންވީ އިންތިހާބު ބާއްވަން ކަނޑައެޅި ތާރީހުގައި ބާއްވާށެވެ. 100 މެމްބަރުންގެ ވޯޓާ އެކު ފާސްވީ ފައްޔާޒު ބޭނުންފުޅުވި ގޮތަށެވެ. އިންތިހާބު ބާއްވަން ނިންމީ މެއި މަހުގެ 16ވަނަ ދުވަހެވެ.

ގައުމީ މަޖިލީހުގެ ޖަލްސާ: ވީ ކިހިނެއް؟

އެރޭގެ ބައްދަލުވުން މިހައި ކުރުކޮށް ދެންނެވި ނަމަވެސް ނިންމުމާ ހަމައަށް ދިޔުމުގެ ކުރިން ބައްދަލުވުމުގައި އެތައް ކަމެއް ހިނގައިދިޔައެވެ. ބައްދަލުވުން ހޫނުވީ އެންމެ ފުރަތަމަ ވާހަކަފުޅު ދައްކަވަން ފުރުސަތު އެރުވި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ސަބަބުންނެވެ. ހުށަހެޅުނު މައްސަލައަށް ވާހަކަދައްކަވަން ކޮންމެ މެމްބަރަކަށް ވެސް އަރުވަނީ ވަކި ވަގުތެކެވެ. ވަގުތު ހަމަވުމުން އަނެއް މެމްބަރަށް ފުރުސަތު ދެއްވަން ޖެހެއެވެ. އާޒިމްގެ ވަގުތު ހަމަވިކަން ރިޔާސަތުން އެންގުމުން ވެސް އަދި 30 ސިކުންތު އެބަ އޮތްކަމަށް ވިދާޅުވެ އޭނާ ވާހަކަ ކުރިއަށް ގެންދެވިއެވެ. އޭގެ ފަހުން މައިކުގެ އަޑު ކަނޑައިލެއްވުމުން ވެސް ވާހަކަ ކުރިއަށް ގެންދެވިއެވެ.

އެހައި ހިސާބުން މެމްބަރުން އަޑުގަދަ ކުރައްވަން ފެއްޓެވިއެވެ. ބައެއް މެމްބަރުން ކޮޅަށް ތެދުވެ ވަޑައިގެން އާޒިމަށް އަޑު ހަރުކޮށް ބަސް ވިދާޅުވިއެވެ. އޭގެ ފަހުން 30 ސިކުންތުގެ ވަގުތެއް ދެއްވުމަށް ރިޔާސަތުން އާޒިމްގެ މައިކަށް އަޑުދިނެވެ. ލިބުނު ފުރުސަތުގައި ސީދާ ފައްޔާޒަށް އިޝާރާތް ކުރައްވައި "މިނިސްޓަރު ތިޔަހެން ނުހެއްދެވުމަށް" އެދިވަޑައިގެންނެވިއެވެ. އެހައި ހިސާބުން ފައްޔާޒު ވެސް ތެދުވެވަޑައިގެންނެވިއެވެ. އޭނާއަށް ތާއީދުކުރައްވާ ގިނަ މެމްބަރުން ތެދުވެވަޑައިގެން ހަޅޭއްލަވަން ފެއްޓެވިއެވެ. ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، އާޒިމް އަތުން މައިކު އަތުލަން ޖެހޭކަމަށް ބުނެ ހަޅޭއްލަވަމުން ދިޔައެވެ.

އާޒިމްގެ ވާހަކަ އިރުތަކެއް ވަންދެން ކުރިއަށް ގެންދެވިއެވެ. އިތުރު ތިން މިނެޓުގެ ވަގުތު ނުފޫޒުން ނަންގަވައިގެން ހުންނަވައި އާޒިމް ދެއްކެވީ އިދިކޮޅު ފެކްޝަނުން ނުފޫޒު ފޯރުވާ ވާހަކައެވެ. އާޒިމްގެ ވާހަކައިގައި ފައްޔާޒަށް އިޝާރާތް ކުރައްވައި ކޮރަޕްޝަންގެ ވާހަކަ ވެސް ދެއްކެވިއެވެ. ރައްދުގައި ބައެއް މެމްބަރުން ވިދާޅުވަމުން ގެންދެވީ ނުފޫޒު ފޯރުވަނީ އާޒިމާއި އޭނާގެ ޓީމުން ކަމަށެވެ. އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވަމުން ގެންދެވީ އާޒިމަކީ ފެއިލިއާއެއް ކަމަށެވެ. އަދި އުސޫލުން ކަންކަން ކުރުމަށް ވެސް ރޮޒައިނާ ވިދާޅުވަމުން ގެންދެވިއެވެ.

ގިނަ މެމްބަރުންތަކެއް ކޮޅަށް ތެދުވެވަޑައިގެން ހަޅޭއްލަވަމުން ގެންދެވިއިރު ވެސް އިމްތިޔާޒް ފަހުމީއާއި އޭނާއަށް ތާއީދު ކުރައްވާ 13 ވަރަކަށް މެމްބަރުން އިށީންދެވަޑައިގެން ތިއްބެވިއެވެ. މަންޒަރުތައް ބައްލަވަމުން މެމްބަރު އީވާ އަބްދުﷲއާއި އިމްތިޔާޒްއާ ދެބޭފުޅުން އަތާއި އަތް ޖައްސަވައި ހިނިފުޅުވަޑުވަމުން ދިޔައެވެ.

ރައީސް ނަޝީދަށް މިމަންޒަރު ވަރަށް ހުތުރު

އެރޭގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އެހެން ނަމަވެސް އަނެއް ދުވަހު އެ ބައްދަލުވުމަށް އިޝާރާތް ކުރައްވައި ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ލިޔުއްވިއެވެ. ވިދާޅުވީ ރޮޒައިނާއާއި ފައްޔާޒުމެން ފަދަ ބޭބޭފުޅުން އަތް އުކައި، ކަނޑިކި ނަންގަވައި ހަޅޭއްލަވައި ހެދުމަކީ ހުތުރު ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ޕާޓީއަށް ވެސް ހުތުރު ނަން ލިބޭކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދިގެން މިއުޅޭ ހިޔާލު ތަފާތުވުންތަކުގައި ރައީސް ނަޝީދު ހުންނެވީ އިމްތިޔާޒް ފަހުމީގެ ފަޅީގައެވެ. ފައްޔާޒާއި ރޮޒައިނާއަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފަޅިއެވެ. އެހެންކަމުން މިހާރު ފައްޔާޒާއި ރޮޒައިނާއާ ކުރައްވާ ކަންކަން ރައީސް ނަޝީދަށް ހުތުރުވުމަކީ ހައިރާނަކަށް ނުވެއެވެ. އެހެން ނަމަވެސް ކަން އޮތީ މިހެން ހެއްޔެވެ؟

ބައްދަލުވުމެއްގެ ތެރެއިން ކަނޑިކި ނަންގަވައި އަތް އުކައި ހެދުމަކީ އެމްޑީޕީ މެމްބަރުންނަށް އެއްގޮތަކަށް ވެސް އައުކަމެއް ނޫނެވެ. ހާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޖިލިސް ޖަލްސާތަކުގައި އެމްޑީޕީ މެމްބަރުން ހަމައެކަނި ކުރެއްވި ކަމަކީ އެ ވިދާޅުވާ ހުތުރު ސިފަތައް ގެންގުޅުމެވެ. އޭރު ކަނޑިކި ނަންގަވައި ހަޅޭއްލަވަން ތިއްބެވީ އިމްތިޔާޒާއި އީވާއާއި މިނިސްޓަރު މާރިޔާ ދީދީ ފަދަ ބޭބޭފުޅުންނެވެ. މަޖިލިސް ޖަލްސާތަކުގައި އޭރު އެ މެމްބަރުން ގެންދެވީ ތާޅަފިލި ފުމެމުންނެވެ. ރިޔާސީ ބަޔާނެއް އިއްވަވާ އިރު އެހެން މެމްބަރުން ތިއްބަވަން ޖެހެނީ ހެޑްސެޓު އަޅުއްވައިގެންނެވެ. އެމްޑީޕީ މެމްބަރުންގެ އަޑު އެހައި ވެސް ގަދައެވެ.

އޭރު ރައީސް ނަޝީދަށް މިދެންނެވި މަންޒަރުތައް ހުތުރެއް ނޫނެވެ. ބައެއް މެމްބަރުން މޭޒު މައްޗަށް ކޮޅަށް އަރުއްވައި ގާނޫނު އަސާސީ މައްޗަށް ފައިން އެރުއްވި އިރު ވެސް ރައީސް ނަޝީދަށް އެ މަންޒަރު ހުތުރެއް ނުވިއެވެ. އަދި ޕާޓީއަކަށް ވެސް ހުތުރެއް ނުވިއެވެ. ހަގީގަތުގައި އޭރު ރައީސް ނަޝީދު ގެންދެވީ މިކަމަށް ހިތްވަރު ދެއްވަމުންނެވެ. ވީއިރު މިއަދު ހިތްޕުޅާ ނުވާ ބަޔަކު ހަމަ އެގޮތަށް ކަން ކުރެއްވުމުން މަންޒަރު ހުތުރުވާންވީ ސަބަބެއް އޮތްކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

އެމްޑީޕީގެ މާޒީ

މިހާރު އުފެދިގެން އުޅޭ ހިޔާލު ތަފާތުވުންތަކުގައި ޕާޓީގެ އެތެރޭގައި ބޮޑެތި ކޯޅުންތަކެއް ހިނގަމުންދާއިރު މިއީ އެމްޑީޕީއަށް އައު ކަމެކޭ ވެސް ދެންނެވޭކަށް ނެތެވެ. އެހެން ނަމަވެސް މިފަދަ ކަމެއް އާންމު މެމްބަރުންނާއި ހަމައަށް މިހައި ފާޅުކަން ބޮޑުގޮތެއްގައި ދިޔަ މިއީ ފުރަތަމަ ފަހަރޭ ދެންނެވިދާނެއެވެ. މީގެ ކުރިން ވެސް ޗެއާޕާސަންކަމާއި، ޕާޓީގެ ރައީސްކަމުގެ މަގާމާ ގުޅުވައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ. އެހެން ނަމަވެސް ކޮންމެ ފަހަރަކު ވެސް އެކަން ނިންމައިލަނީ ރައީސް ނަޝީދާ ހިޔާލު ތަފާތުވާ ބޭފުޅަކު ޕާޓީން ބޭރުކޮށްލައިގެންނެވެ. އެހެންވެ މަޝްރަހު މިހާ ބޮޑަށް ހޫނުވެގެންނެއް ނުދެއެވެ.

މިފަހަރު ރައީސް ނަޝީދާ ހިޔާލު ތަފާތުވުން އުފެދުނީ ގައުމުގެ ރައީސުލްޖުމްހޫރިއްޔާއާއެވެ. އެމްޑީޕީގެ އިސް ލީޑަރާއެވެ. ރައީސް ނަޝީދަށް މިއީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެމްޑީޕީގެ ތާއީދަށް ބަލާނަމަ ދެފަޅިއަށް ވެސް އެއްވަރެވެ. މިހާރު ރައީސް ނަޝީދު ކަން ކުރައްވާ ގޮތުން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ދެކޭ އާންމު މެމްބަރުން ވެސް މަދެއް ނޫނެވެ.

ހުތުރު މަންޒަރެއް ފާޅުކަން ބޮޑު ގޮތެއްގައި މިހާރު ފެންނަމުން ދިޔަ ނަމަވެސް އެމްޑީޕީގެ އެތެރޭގެ ހާލަތު އަބަދުވެސް އޮތީ ހުތުރުކޮށެވެ. އެތެރޭގެ އިންތިހާބުތަކާ ދިމާކޮށް ހުތުރު ވާހަކަތައް ވެސް އަބަދު ދެކެވެއެވެ. ކޮންމެވެސް ސަބަބަކާ ހުރެ މިކަން މާ ލަސްތަކެއް ނުވެ ނިމެނީއެވެ. އެހެންކަމުން ޕާޓީއަށް ހުތުރު ނަމެއް މިހާރު ލިބެންވީ ސަބަބެއް ވެސް ނެތެވެ. ލިބޭ ނަމަ އެ ނަން އޮތީ މާކުރިން ވެސް ލިބިފައެވެ.

ހުތުރު ވަނީ ދައުލަތުގެ ހުރިހައި ބާރެއް އެމްޑީޕީއަށް ލިބިއޮވެމެ ޕާޓީގެ އެތެރޭގައި ދެފެކްޝަނެއް އުފެދިގެން ދިޔުމުންނެވެ. ހުތުރު ވަނީ ވެރިކަމާ އެކު މަޖިލީހުގެ އަޣްލަބިއްޔަތު އޮވެ، ހެޔޮ ވެރިކަމެއް ކޮށް ނުދެވުމުންނެވެ. ހުތުރު ވަނީ ރައްޔިތުންނަށްވި ރިޔާސީ ވައުދުތައް ފުއްދައި ނުދެވުމުންނެވެ. އަދި ހުތުރު ވަނީ ޕާޓީގެ ރައީސަށް ދޭން ޖެހޭ ގަދަރު ޕާޓީ ތެރެއިން ނުދެވުމުންނެވެ.

  1. ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ހައްތާވެސް މިސިޔާސީ ވެގެން މާވަރަކަށް މިއުޅެނީ ، ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ޗޯރުން ގިނައީ !