ގަހުވަ ތަށި އަތަށް ހެޔޮވަރު ކޮށްލައިގެން ފުން ހިޔާލަކަށް ގެއްލިފައި އިންދައި، ސިހުނީ މީހަކު ވަރަށް ބާރަށް ފިޔަވަޅު އަޅަމުން ހިނގައިފައި އަންނަ އަޑަށެވެ. އިސް އުފުލައިލައިފައި ބަލައިލި އަންހެނަކީ ޖެނިފާއެވެ. ކައިރިއަށް އައިސް ހުއްޓުނު ފިރިހެނަކީ ފަޒީލެވެ. ދެމީހުން ދެމީހުންގެ މޫނަށް ބަލައިލިތަނާހެން ވެއިޓަރަކު ކައިރިއަށް އައިސް ހުއްޓިލިއެވެ. އަދި މެނޫ ގެންނަންވީތޯ އަހައިލިއެވެ. ފަޒީލް ވަރަށް އަވަސް އަރުވައިލައިފައި ގަހުވައަކަށް އޯޑަރު ދިނެވެ.

Ads by MWSC

ދެމީހުންގެ ބަސް ވެސް ގޮތަކަށް ވަނީ ހުއްޓިފައެވެ. ނަމަވެސް ހަމަހިމޭންކަން ގެއްލުވައިލީ ކެފޭގެ އަނެއް ފަރާތުގައި ހުރި މޭޒަކުން ބަޔަކު ބާރަށް ހީގެން އަޑެކެވެ. އިޚްތިޔާރުން ބޭރުގައި ދެމީހުންނަށް ވެސް އެ ދިމާލަށް ބަލައިލެވުނެވެ. އަދި އަނބުރާ ނަޒަރު ގެނެސް ގަހުވަ ތަށިތެރެއިން ސުވާލުތަކުގެ ޖަވާބު ހޯދަން ފެށި ކަހަލައެވެ.

'އަސްލު ވީ ގޮތަކީ އިންޓަވިއު ކުރަން އުޅުނީ މާއިލް. އޭނައެއްނު ގުޅީ ވެސް. އެކަމަކު ހަމަ ދެންމެއަކު އޭނަ ފެމިލީ އިމަޖަންސީއެއްގެ ސަބަބުން ދާންޖެހުނީ. މަ ބޭނުން ނުވީ ދެން ޖެނީ މި ތަނަށް ގެނެސް އިން ވާހަކަ ބުނީމަ ކެންސަލް ކޮށްލަން. އަސްލު ނޭނގެ ޖެނީ ކަމެއް ވެސް. އޭނަގެ ޕްރެޖެކްޓެއް ވިއްޔަ މިސީރީސްއަކީ. މަ އުޅެނީ ބޮޑަށް ޑިޒައިންގައި މަސައްކަތް ކުރަން. އެކަމަކު ޖެނީއަށް ކޮންފޮޓަބަލް ނޫނިއްޔާ ވީ ކެން ކެންސަލް.' ފަޒީލް ހުއްޓާލާކަށް ނޫޅެވެ. ޖެނީ ޖަވާބު ދޭން އަނގަ ހުޅުވައިލައިފައި ވެސް މަޑުކޮށްލީ ފަޒީލް ބުނަން ބޭނުންވެފައި ހުރި އެއްޗެހި އަދި ނުނިމޭކަން އެނގިގެންނެވެ.

'މިއަދު ދެން ކެންސަލް ކޮށްފިއްޔާ ނޭނގެދޯ ފްރީ ވާނެ ދުވަހެއް ވެސް. އަހަރެންނަށް އެނގިފައި އޮތް ގޮތުން ވެއްޖެއްޔާ ކޮންމެ ވެސް ސީކްރެޓް ޕްރޮޖެކްޓެއްގެ މަސައްކަތުގައި ޔޫ އާ ލީވިންގް؟ ސޯ ޕްލީޒް، ހިނގާބަ މިއަދު މިކަން ކޮށްލަން.' އެ ހުރިހާ އާދޭހެއްގެ ކުރިމަތީގައި ނޫނެކޭ ބުނަން ބޭނުން ނުވާތީ، ޖެނީ ހީނލާފައި ބޯ ޖަހައިލިއެވެ. ހިތާހިތުން ކިހާ ވަރަކުން ދާނެބާއޭ ހިތަށް އެރިއެވެ.

ސިނގިރޭޓެއް ނަގައި ރޯ ކޮށްލަން އުޅުމުގެ ތެރޭގައި ފަޒީލްގެ ލޯ ޖެނީއާ ދިމާވިއެވެ. އަދި ފަޒީލްގެ ހަރަކާތް ހުއްޓުނެވެ. ޖެނީ އަނެއްކާ ވެސް ދިރާސާ ކުރަން ފެށީ ގަހުވަ ތައްޓެވެ. ފަޒީލްގެ ހުރިހާ މަސްތަކަކާއި ލޭނާރުތަކެއް އެއްއަޑަކުން ދުންކޮޅަކަށް އެދި ގޮވަގޮވާ އޮއްވާ، ބޮޑު ގާބުރިއެއްގެ ބަރުދަން ހުރި އެއްޗެއް ފަދައިން ސިނގިރޭޓު އަލުން ފޮއްޓަށްލައި ފުން ނޭވާއެއް ލިއެވެ. ކަޑަ ނުވާން ވެގެން ކޮފީ ތަށި ކޮބައިބާއޭ ބުނެ ފަޒީލް ކައުންޓަރާ ދިމާލަށް ބަލައިލިއެވެ. ޖެނީ އަމިއްލަ ތަށިން ކޯވަރެއް ބޯލާ ހުސްތަށި މޭޒުގައި ބެހެއްޓިއެވެ. އަދި ޖެހިލުމެއްގެ ކަންފުޅެއް ވެސް ފެންނަން ނެތް ނަޒަރަކުން ފަޒީލާ ދިމާލަށް ބަލައިލިއެވެ. ތިމަންނަ ބިރެއް ނުގަނޭ ބުނާ ކަހަލަ ގޮތަކަށެވެ. ފަޒީލްގެ ގައިން ހީބިހި ނެގިއެވެ. އެނަޒަރާއި ނަޒަރު ދިމާ ކުރާކަށް ނުކެރުނެވެ. އޮޅުވައިލައިފައި ދަބަހުން ނޯޓު ފޮތެއް ނެގިއެވެ. އަދި މާއިލް ތައްޔާރުކޮށްފައިވާ ސުވާލުތައް ލިޔެފައި ހުރި ގަނޑު ހޯދާހޯދާ ނުފެނުމުން ހުސްގަނޑެއް ހޯދުމަށް ފަހު ކިޔަނީ ކަމަށް ހަދައިގެން އިނެވެ. އަދި ފޯނުން ރިކޯޑަށް ޖައްސައިލައިފައި ޖެނީ ކައިރި ބާއްވަމުން އޯކޭދޯއޭ އަހައިލިއެވެ. ޖެނީ ބޯ ޖަހައިލިއެވެ.

'ޖެނީއަކީ އަސްލު ކާކު؟' ފަޒީލް ހީވަނީ ޖެނީއާ އެކު ރާޒުވާ ގަނޑަކަށް އަރާ އިން މީހެއްހެންނެވެ. ފަޒީލްއަށް ޖެނީ ގޮންޖަހައިފައިވާ ކަމުގައި ފަޒީލްއަށް ހީވާ ކަހަލައެވެ. ޖެނީ ކުޑަ ހިނިގަނޑެއް އިއްވައިލިއެވެ. 'ރިއަލީ؟' ޖެނީ ބޯ އަރިކޮށްލައިފައި ބުމަ ގޮއްޖަހައިލިއެވެ. 'ހޭ އަމް ޖަސްޓް އިންޓަވިއުއިންގ.' ކޮނޑު ހިއްލައިލައިފައި ފަޒީލް ބުނެލިއެވެ. ޖެނީ ކުރިމަތީގައި މަކަރު ހަދައިލުމަކީ ފަޒީލަކަށް އެއްވެސް ކަމެއް ނޫންވިއްޔާއެވެ. އަދި އެއީ އޭނައަކަށް އައު ކަމެއް ވެސް ނޫނެވެ.

'ވަޓް ޑަޒް ދެޓް މީން؟ ކެން ޔޫ ބީ މޯ ސްޕެސިޕިކް؟' ޖެނީ އިނީ އިންޓަވިއު ފެށުމުގެ ކުރިން ވެސް އިންޓަވިއު ނިންމައިލާން ބޭނުންވެފައެވެ. މިކަންތައް ފަޒީލްއަށް ދެނެގަނެވުނު ފަދައެވެ. އަދި އަވަހަށް މާހައުލު އިސްލާހު ކޮށްލެވޭތޯ އޭނާ ބެލިއެވެ. ކުޅިބައިން ކުޅިއެއް ފަަހަތަށް ޖައްސަން ޖެހުނު ފަދައެވެ. 'މިބުނީ ޖެނީގެ އަމިއްލަ އަނގައިން ޖެނީ މީހަކަށް ސިފަކޮށްދެންޏާ ސިފަކޮށްދޭނީ ކިހިނެތް؟'

ޖެނީ ބޯ ޖަހައިލިއެވެ، އެބަ ރަނގަޅުވޭ ބުނާ އުސޫލުންނެވެ.

'އަހަރެންނަކީ އަހަރެންގެ މަސައްކަތަށް ވަރަށް އިސްކަންދޭ މީހެއް. އަހަރެންގެ ހިތުގެ ވިންދާއި ފުރާނައާ ގުޅިފައި ވަނީ ފޮތާއި ގަލަން. މިހާރު ދެން ބުނަންޏާ ލެޕްޓޮޕްގެ ކީބޯޑު ދޯ. ލިޔުމަކީ އަހަރެންގެ ހުރިހައި ވެސް އެއްޗަކީ. ދެން އޭގެ އިތުރުން އަހަރެންނާއި ފިރިމީހާ މި ހިންގާ ވިޔަފާރިއަކީ ދިރިއުޅުމުގެ ބޮޑުބައެއް ހިފައިފައިވާ އެއްޗެއް. ދެން އޮންނާނީ ފިރިމީހާ، އެއީ މަގޭ ޕާޓްނާރ. މަގޭ ރޮކް. ދެމީހުން އެކުގައި ފަން ވަރަށް. ސޯ އައި ގެސް އަމް އަ ރައިޓަރ، އެން އޮންޓްރަޕްރުނާރ އެންޑް އަމް ހެޕިލީ މެރީޑް.' ޖެނީ ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލައިފައި ފަޒީލާ ދިމާލަށް ހީނލިއެވެ. ޔުއޯ މޫވް އޭ ބުނާ ކަހަލަ ގޮތަކަށެވެ.

ފަޒީލް މޫނަށް ގޮތެއް ހަދައިލިއެވެ. ޖެނީގެ ވާހަކަތަކުން އަސަރެއް ނުކުރާކަމުގައި ދައްކުވައިދޭން ފަޒީލް ބޭނުންވީ އެ ވަގުތު އިހުސާސް ކުރެވުނު ގޮތާ ޚިލާފަށް ބަހުރުވަ ބަހައްޓާށެވެ. 'އަމް ވެރީ ހެޕީ ފޯ ޔޫ.' ފަޒީލް ގަދަކަމުން ހިނިތުންވެލިއެވެ. ޖެނީ ކުރީގައި ވެސް ވީ ހިނިތުންވުން ދެމެހެއްޓިއެވެ.

ފަޒީލް ފޮތާ ދިމާލަށް ބަލައިލިއެވެ. ހިތްނުތަނަވަސްވި ވަރު ޖެނީއަށް ދައްކާކަށް އެއްވެސް ވަރަކަށް ބޭނުމެއް ނުވިއެވެ. އަދި ސަޔާ ހިސާބަށް ނުގޮސް ރައްކާތެރި ކުޅުމަކުން ކުޅެން ނިންމިއެވެ. ހުސްގަނޑުގައި އޮތް އެއްޗެއް ކިޔައިލި ކަމަށް ހަދައިފައި ޖެނީއަށް އަނެއްކާ ވެސް ސުވާލެއް ހުށައެޅިއެވެ. 'ދެންމެ ބުނެފި ލިޔުންތެރިކަމަކީ ވަރަށް ހިތާއި ގާތް އެއްޗެއް ކަމުގައި. އެކަމުގެ ތެރެއަށް ވަދެވުނީ ކިހިނެތް؟ އަދި މިހައި ހިސާބަށް އައި އިރު ލިޔުންތެރިއެއްގެ ހައިސިއްޔަތުން ޖެނީ ގަބޫލުކުރާ ގޮތުގައި ކުރިއެރިފައި ނުވަތަ ތަރައްގީވެފައި ހުރީ ކިހާ ވަރަކަށް އަދި ކިހިނެތް؟' މި ފަހަރު ފަޒީލްގެ މޫނުމަތީގައި ހިނިތުންވުމެއް ނެތެވެ. ސުވާލުގެ ޖަވާބުގެ އެއްބައި ފަޒީލަށް އެނގޭތީ ކަމަށް ވެސް ވެދާނެއެވެ.

'އަހަރެން ވަރަށް ގަޔާވޭ ފޮތާއި ގަލަންދެކެ. އެންމެ ކުރިން ވެސް، ސްކޫލްގައި އުޅުނުއިރު  ވެސް، އެހެން ކުދިން ކިޔަވާނީ ބާރަށް ކިޔައިގެން ނޫނީ މަޑުން ކިޔައިގެން. އަހަރެން ފިލާވަޅުތައް ދަސްކުރަނީ ލިޔެގެން. އެހެން ކުދިންގެ އަތުލިޔުން ސަފްހާތައް ވެސް ލިޔެދެން. ދެން ހަމަ ގޭގައި އިންނަ އިރު ވެސް އަބަދު ލިޔާނީ. ކަމަކާ ދެރަވިޔަސް ނޫނީ އުނދަގޫ ހާލަތަކާ ކުރިމަތި ވިޔަސް އަހަރެން ލިޔެގެން އެ ކަމަކާ ޑީލް ކުރަނީ. ވަރަށް ވާހަކަ ލިޔާ ހިތްވޭ. ދެން ވަކި އެއްޗެއް ނުބަލާ ހަމަ ލިޔެލަލިޔެލާ އަހަރެން އިންނަނީ. އޭރަކު ނުވިސްނަން ލިޔުމަކީ އާމްދަނީ ހޯދަން ކުރެވޭނޭ މަސައްކަތެއް ކަމަކަށް. ނޫނީ މީހުންނަށް އެހީވެދީ، މީހުންގެ ދިރިއުޅުމަށް ބަދަލު ގެނުވައިދެވިދާނެ އެއްޗެއް ކަމަކަށް. އަހަރެންގެ އަމިއްލަ ދުނިޔޭގައި އުޅެމުން އަހަރެން ދިޔައީ. ދެން އަސްލު ވީ ގޮތަކީ ދިރިއުޅުމުގެ ވަކި ހިސާބަކުން...' ޖެނީގެ އަޑާ އެކު ހަރަކާތް ކުރަމުން ދިޔަ ދެ އަތް ވެސް ހުއްޓިއްޖެއެވެ. އަދި ފަޒީލާ ދިމާލަށް ބަލަމުން ފުން ނޭވާއެއް ބޭރު ކޮށްލިއެވެ. އަދި މޫނުމަތިން ފެންނަމުން ދިޔަ ހާސްކަން ، މަތި އަޅަން ވެގެން ހިނިތުންވެލިއެވެ.

ފަޒީލް އިން ގޮނޑީގައި ހަމަޖެހިލިއެވެ. އަދި ދުރު ބަލައިލިއެވެ. ހަތަރުކަޅި ހަމަނުކޮށް ފަޒީލް ބުންޏެވެ. 'ކުރިއަށް ގެންދޭ. އިޓްސް ޔުއޯ ސްޓޯރީ.' ޖެނީއަށް ކުރިއަށްދާން އުނދަގޫވި ނަމަވެސް ކުރިއަށް ދިޔައެވެ. 'އަހަރެން އަަލަތު ކައިވެންޏެއް ކުރިން. އަދި ފިރިމީހާއަކަށް އެހައި ކަމަކު ނުދިޔަ އަހަރެންގެ އެ އާދައެއް. ދެން ވަރަށް އުނދަގު ދުވަސްތަކަކަށް ވި އެ ދުވަސްތައް އަހަންނަށް. އަހަންނަށް ލިޔަން މަނާ ކުރުމުން ހީވީ ގައިން ބައެއް މަދުވިހެން. ކުޑައިރުއްސުރެ ދިމާވި ހުރިހާ ބިރުވެރި ނުވަތަ ސްޓްރެސްފުލް ކަންކަމުގެ ތެރޭގައި ހަމަ ލިޔުން ބޭނުން ކޮށްގެން ޑީލް ކުރި މީހެއްމީ. ދެން އަލަތު ކައިވެންޏެއްގެ ތެރެއިން އިހުސާސް ކުރެވުނު ހުރިހައި އައު އިހުސާސްތަކާއި، ފިރިމީހާއާ ވެވުނު ހުރިހާ ދެބަސްވުމެއްގެ ވާހަކަ ވެސް އަހަރެން ބޭނުންވީ ލިޔެގެން އެކަމާ ޑީލްކޮށް، އަހަރެންގެ ހިތުތެރޭގައި މައްސަލަ ހައްލު ކުރަން. އެ އިހުސާސްތައް ފޮތަށް ބޭރު ކޮށްލަން. އެކަމަކު ހީވީ މީހަކު އަހަރެން ވަރަށް ބޮޑަށް ރޯން ބޭނުންވެފައި ހުއްޓާ ރޮއެގެން ނުވާނޭ ކިޔައިފައި ހިފަހައްޓައިފައި ހުންނަހެން.' ޖެނީ ހުއްޓައިލިއެވެ. އަދި ފެންފުޅި ކަނޑައިލުމަށް ފަހު ފޮދުވަރެއް ބޯލިއެވެ.

ފަޒީލް މިހާރު އިނީ ކަޅި ޖަހައި ވެސް ނުލާ ޖެނީއާ ދިމާލަށް ބަލާށެވެ. 'އިޒް ދެޓް ޔުއޯ އިންޓަޕްރިޓޭޝަން އޮފް ވަޓް ހެޕެންޑް؟' ފަޒީލް ގާތަށް ހުރީ ރުޅި އައިސްފައެވެ. އެކަމަކު އެ ރުޅި މައިތިރި ކުރަން ހަށިގަނޑުގައި ހުރި ހުރިހައި ވަރެއް އޭނާ ބޭނުންކުރަމުން ދިޔައެވެ. ފަޒީލް ބޭނުންވީ ސައިވާނެ ކުޅިއެއް ކުޅެލާށެވެ.

'ތިއީ ވެސް އިންޓަވިއުގެ ސުވާލެއްތަ؟' ޖެނީ ޖެހިލުމެއް ނުވެ އަހައިލިއެވެ. 'އިންޓަވިއުގެ ތެރޭގައި ނޫނީ އަހަރެންގެ ސުވާލަކަށް ޖަވާބެއް ނުލިބޭނެތަ؟' ޖެނީގެ ސުވާލަށް ސުވާލަކުން ފަޒީލް ޖަވާބު ދިނެވެ. ޖެނީ ގޮނޑީގައި އިން ގޮތް ބަދަލު ކޮށްލައިފައި ކެފޭގެ އަނެއް ފަރާތަށް ބަލަން އިނެވެ. 'އިނޓަވިއުއައިގެން ކުރިއަށް ދާންވީނު.' ޖެނީ ބުނެލިއެވެ.

ސައެއް ނުވިއެވެ.

ފަޒީލް މި ވަގުތަށް ކުޅުން ހުއްޓައިލިއެވެ. ' އޯކޭ އެހެންވީމަ ދެން އޭގެ ފަހުން ކިހިނެތްވީ. އެ ސުވާލުގެ ޖަވާބުދީ ނުނިމޭ ދޯ އަދި.' 'ޔެސް. ކުރިމަރައިލީއެއްނު. ޖެނީ ހީނލާފައި ކުރިއަށް ގެންދިޔައެވެ. ފަޒީލަކަށް މަޖަލެއް ނުވިއެވެ. ނަމަވެސް އޭނާ އަޑުއަހަން ދާދި ބޭނުންވިއެވެ. ދުރުން ބަލަން އިން މީހަކަށް ވެސް އެވަރު ސާފުވާނެއެވެ. މި ކުޅި މިހެން ކުޅެގެން ސައިވާނީ ހަމަގައިމު ވެސް ޖެނީއެއް ނޫނެވެ.

'އެކައިވެނި ވަރަށް އަވަހަށް ނިމުމަކަށް އަތުވެއްޖެ. އޭގެ ފަހުން އަހަރެން އަނެއްކާ ވެސް އެންމެ ކުރާ ހިތްވާ ކަން ކަމުގައިވާ ލިޔުމާ ގާތް ވެވިއްޖެ. އަދި އަހަރެންނަށް އެއްދުވަހަކު ދިމާވީ މީހަކާ ކެފޭއަކުން. އަހަރެން އިނީ ލިޔަން ކެފޭއެއްގައި. ދެން މި ރައްޓެހި މީހާ އަސްލު އިސްވެ އަހަންނާ ވާހަކަ ދައްކަން ފެށީ. އޭނާ ބުނީ އަހަރެން ވަރަށް ގިނައިން ލިޔަން އިންނަ ތަން ފެނެޔޭ. އަދި އެގޮތުން ދެމީހުންގެ ރައްޓެހިކަން ފެށި އަހަރެންގެ ހުނަރު އޭނާއަށް ދެނެގަނެވުނީ. އޭނާއަކީ ޕަބްލިޝަރއެއް. އޭނާ އަހަންނާ ބިޒްނަސް ސައިޑުން ބައިވަރު ކޮންޓެކްޓްސްއާ ދިމާކޮށްދިނީ. އަދި އަހަރެންގެ ކެރިއަރ ފަށައިދިނީ.' ފަޒީލް ވާހަކަ މެދުކަނޑައިލީ އެއްވެސް ޖެހިލުމެއް ވެސް ނެތިއެވެ. ނުހަނު ކެތް ވެސް މަދުވެ އިނދެއެވެ. 'އެއީތަ މިހާރުގެ ފިރިމީހާ؟'

ޖެނީއަށް ހޭން ފެށުނެވެ. ފަޒީލްގެ މޫނުމަތިން އެއްވެސް ހިނިތުންވުމެއް ފެންނާކަށް ނެތެވެ. ޖެނީ ހުނުން ހުއްޓައިލައިފައި ބުންޏެވެ. 'އެއީ އަހަރެންގެ ޓީމްގައި މިހާރު ވެސް އުޅޭ މީހެއް. އެއީ ފަރީ. މަގޭ ބެސްޓީއެއް. ފިރިމީހާއާ ބައްދަލުވީ އަހަރެންގެ ފުރަތަމަ ފޮތް ނެރުނު ފަހުން.'

ފަޒީލް ހަމަޖެހިލައިފައި ބޯ ޖަހައިލިއެވެ. މޫނުމަތީގައިވާ ޖެލަސީ ފޮރުވާކަށް މިހާރު އޭނާ މަސައްކަތެއް ވެސް ނުކުރެއެވެ.

'ކުރިއަށް ކުރިއަށް.' ކުޅިގަނޑުން މިހައިތަނަށް ބަލިވެއްޖެކަން އިހްސާސްވީކަންނޭނގެއެވެ. ސިނގިރޭޓެއް ނަގައި ރޯކޮށްލީ ޖެނީއަށް ކިތަންމެ އުނދަގޫ ވިޔަސް ހެޔޮ ކަމަށެވެ. ސިގިރޭޓު ބޯން އިނދެގެން ޖެނީގެ ވާހަކަ އަޑު އަހަން ގޮނޑީގައި ހަމަޖެހިލިއެވެ. މުޅި ހަށިގަނޑަށް ހީވީ އަރާމު ކިޔާއެއްޗެއްގެ ބަސްތާއެއް އޮއްސައިލިހެންނެވެ.

ދުންތަކުގެ ސަބަބުން ކިތަންމެ އުނދަގޫ ވިޔަސް، ޖެނީ ބޭނުންވީ އިންޓަވިއުއައިގެން ކުރިއަށް ދާށެވެ. މިހާރު ދޫކޮށްލައިފައި ދެވޭ ވަރަށް ވުރެ މާ އަޑިއަށް ފީނިއްޖެއެވެ.

(ނުނިމޭ)

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!