Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކައުންސިލް އިންތިޚާބުތަކުގައި ޕީޕީއެމްއިން ވާދަކުރާތީ އަޖައިބުވޭ: ރައީސް ނަޝީދު

ކައުންސިލް އިންތިޚާބުތަކުގައި ޕީޕީއެމްއިން ވާދަކުރާތީ އަޖައިބުވޭ: ރައީސް ނަޝީދު

ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި، އިދިކޮޅު ޕާޓީ، ޕީޕީއެމްއިން ވާދަ ކުރައްވާތީ އަޖައިބުވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ޅ. ކުރެންދޫ ކަައުންސިލްގެ ރައީސްގެ ބައިއިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓް، އަލީ ނަަސީމަށް ތާއީދު ހޯދުމުގެ ގޮތުން މިރޭ ބާއްވި ޖަލްސާގައެވެ.

ކުރެންދޫ ކައުންސިލްގެ ރައީސްގެ މަޤާމު ހުސްވެފައި ވަނީ އެ ކައުންސިލްގެ ރައީސް އިބްރާހީމް ސިމާއު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. މި މަހު 26ވަނަ ދުވަހު އޮންނަ މި އިންތިޚާބުގައި، ދެން ވާދަ ކުރައްވަނީ އިދިކޮޅު ޕީޕީއެމްއިން އިސްމާއީލް މަދީހެވެ.

Advertisement
Ooredoo — Square (box)

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ޕީޕީއެމްއަކީ ރާއްޖެ މަރުކަޒު ކުރަން އުޅޭ ބައެއް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފައެވެ. އަދި ޕީޕީއެމްއިން މިފަދަ އިންތިޚާބުތަކުގައި ވާދަކުރާތީ އަޖައިބުވާ ކަމަށް ވިދާޅުވިއެވެ.

"ޕީޕީއެމްއަކީ ލާމަރުކަޒީ އުސޫލާ މުޅިން އިދިކޮޅު ބައެއް. އަޅުގަނޑު ކޮންމެ ފަހަރަކު ވެސް އަޖައިބުވާ ކަމެއް މިއީ، ކޮންމެ ފަހަަރަކު ވެސް އެ ބޭފުޅުން މި އިންތިޚާބުތަކުގައި ވާދަކުރާތީ." ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ މަރުކަޒީ ސިޔާސަތުތައް އަބަދުވެސް ހާމަ ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ރައީސް ޔާމީން ވަރަށް ސާފުކޮށް އެބަ ވިދާޅުވޭ، އެ ބޭފުޅާގެ ތަސައްވުރަކީ، ޕީޕީއެމްގެ ތަޞައްވުރަކީ މި ކުރެންދޫ އުވާލުމޭ. މާލޭ ހިއްކި ބިމަކަށް، ހަނަފަސް ތަނަކަށް ރާއްޖޭގެ ހުރިހައި ރައްޔިތުން ގެނެެސް ޖަމާކުރުމޭ."ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއިން މިރޭ ބޭއްވި ޖަލްސާއަކީ އެ ޕާޓީގެ އެތެރޭގެ އިންތިޚާބާ ގުޅިގެން ޕާޓީތެރޭގައި ކޯޅުންތައް ބޮޑުވެފައި ދަނޑިވަޅެއްގައި ބޭއްވި ޖަލްސާއެކެވެ. އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލާއި މަޖިލިސް މެމްބަރު އިމްތިޔާޒު ފަހުމީއަށް ތާއީދު ކުރައްވާ އެ ޕާޓީގެ އިސްބޭފުޅުން ވެސް މިރޭގެ ޖަލްސާގައި ބައިވެެެރިވެވަޑައިގަތެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް