ސްލޮވޭކިއާއަށް އެކަނިމާއެކަނި ދިޔަ 11 އަހަރުގެ ޙަސަން، އޭނާގެ މަންމައާ ބައްދަލުވެއްޖެ
ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރޭނަށް އަރައި ކުރަމުންދާ ހަނގުރާމައިން ރައްކާތެރިކަން ހޯދުމަށް ގައުމުދޫކޮށް އެކަނިމާއެކަނި ސްލޮވާކިއާއަށް ދިޔަ 11އަހަރުގެ ކުއްޖާއަށް އޭނާގެ މަންމައާ ބައްދަލުވެއްޖެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި 11 އަހަރުގެ ޙަސަންއާ އޭނާގެ މަންމަ ޖޫލިއާއާ ބައްދަލުވީ މިދިޔަ ބުދަދުވަހުއެވެ. ޖޫލިއާ ޙަސަންއާއި އަންހެން ތިންކުދިން އަދި ދޮށީ ފިރިހެން ދަރިފުޅާ ބައްދަލުކުރީ 24ގަޑިއިރުގެ ރޭލުދަތުރަކަށް ފަހު ޙަސަންއާއި އާއިލާ ތިބި ސްލޮވާކިއާއިންނެވެ.
ޙަސަންގެ ބައްޕައަކީ ސީރިއާއަށް ނިސްބަތްވާ މީހެކެވެ. ކުރީން ސީރިއާގައި އުޅެމުން ދިޔަ ނަމަވެސް އެ ގައުމުގައި ވެސް ދިރިނޫޅެވި މަންމަގެ ގައުމު ، ޔޫކްރޭނަށް ބަދަލުވާން ޖެހުނީ ސީރިއާ ހަނގުރާމައިގެ ސަބަބުންނެވެ. ނަމަވެސް އާއިލާއިން ޔޫކްރޭނަށް ހިޖުރަކުރި އިރު ޙަސަންގެ ބައްޕައަށް ޔޫކްރޭނަށް ދެވޭ ގޮތެއް ނުވިއެވެ. އަދި އޭނާ ވަނީ ސީރިއާގައި ނިޔާވެފައެވެ.
އޭގެ ފަހުން ޙަސަންއާއި އެއްބަނޑުއެއްބަފާ ހަތަރު ކުދިން ބަލަހައްޓަމުން ދިޔައީ ޙަސަންގެ މަންމައެވެ. އަދި ޔޫކްރޭންގައި ހަނގުރާމަކުރަމުންދާތީ ޙަސަންގެ މަންމައަށް އަނެއްކާ ވެސް ޖެހުނީ ދަރީން ރައްކާތެރި ހިސާބަކަށް ފޮނުވާށެވެ. އެގޮތުން އޭނާގެ ތިމާގެ މީހުން ދިރިއުޅޭ , ޔޫކްރޭނާ އިންވެގެން އޮންނަ ސްލޮވޭކިއާއަށް ފުރަތަމަ ފޮނުވީ އަންހެން ތިންކުދީންނާއި ދޮށީ ފިރިހެން ދަރިފުޅެވެ. އަދި ފަހުން ޙަސަން އެކަނިމާއެކަނި ފޮނުވީ ނޯޓްކޮޅެއްދީފައި އަތުގައި ފޯން ނަމްބަރެއް ވެސް ޖަހައިފައެވެ. ސްލޮވޭކިއާގެ ބޯޑަރު ބަލަހައްޓާ ސިފައިން ވަނީ ޙަސަންގެ އަތުގައި ހުރި ތަފްސީލްތައް މެދުވެރިކޮށް އޭނާގެ ތިމާގެ މީހުންނާ ގުޅުވައިދީފައެވެ.
1000 ކިލޯ މީޓަރުގެ ދިގު ރާސްތާއެއް ރޭލުގައި ކަޑައްތުކޮށްފައި ޙަސަން އެކަނިމާއެކަނި ސްލޮވޭކިއާއަށް އެތެރެވުން ވެގެން ދިޔައީ މީޑިއާގެ ސަމާލުކަން ލިބުނު ކަމަކަށެވެ.
މީޑިއާތައް ބުނާ ގޮތުގައި ޙަސަންގެ މަންމައަށް ކުދީންތައް ވަކީން ފޮނުވައިލާން ޖެހުނީ ބަލިވެ ހިނގާބިނގާވެ އުޅުމަށް ނުކުޅެދޭ ކުދީންގެ މާމަ ބަލަހައްޓަން ޖެހޭތީ މާމަ ގާތުގައި މަޑުކުރުމަށެވެ. ނަމަވެސް އެންމެ ފަހުން ކުދީންގެ މާމަ ގޮވައިގެން ޙަސަންގެ މަންމަ ވަނީ ދިގު ދަތުރަކަށް ފަހު ސްލޮވާކިއާއަށް އެތެރެވެ އާއިލާއާ ގުޅިފައެވެ.
މީޑިއާއާ ވާހަކަ ދައްކަމުން ޙަސަންގެ މަންމަ ބުނެފައި ވަނީ ހުރިހައި އެއްޗެއް ގެއްލިއްޖެ ކަމަށާއި ދިރިއުޅުން އަނެއްކާ ވެސް މިވަނީ ސުމަކުން ފަށަން ޖެހިފައި ކަމަށެވެ.
ރަޝިއާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޔޫކްރޭންގެ ދެމިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ގައުމުދޫކޮށް ހިޖުރަކޮށްފައެވެ. މި ގޮތުން ދަތުރުކުރާ ބަސްތަކުގައި މީހުން ގިނަވެ ، ތޮއްޖެހި ހިތާމަވެރި ހާދިސާތައް ވެސް ހިނގައިފައި އެބަހުއްޓެވެ. މިފަދަ ހާދިސާއެއްގައި އިޓަލީއަށް ދަތުރުކުރި ބަހެއް ފުރޮޅައިލައި ހަތަރުމީހަކު މަރުވެފައި ވެއެވެ.