ޚަބަރު ސިޔާސީ

"އެމްއާރްއެމް ނުކުތީ އިސްލާހީ މަސައްކަތަށް، އެކަމަށް ހުރަހެއް އެޅުނަކަ ނުދޭނަން!"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) ނުކުތީ އިސްލާހީ މަސައްކަތަށް ކަމަށާއި، އިރާދަކުރެއްވިއްޔާ އެ މަސައްކަތަށް ހުރަހެއް އެޅުނަ ނުދޭނެ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

Ads by STELCO

ކުރީގެ ރައީސް ، ރައީސް މައުމޫން އަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި އަދި ސަރުކާރު ކޯލިޝަނުގައި ވެސް ހިމެނޭ އެއް ޕާޓީކަމަށްވާ އެމްއާރްއެމުން މިހެން ބުނެފައި މިވަނީ، ގާނޫނު ބުނާ އަދަދަށް މިހާރު އެ ޕާޓީގައި މެންބަރުން ނެތުމުން އެމްއާރްއެމް އުވިގެން ގޮސްދާނެކަމުގެ ވާހަކަތަކަށް ރައްދު ދެމުންނެވެ.

ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިފަރާތް ކަމުގައިވާ އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމައިފައި ވަނީ، 3000 މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކަށް، މެންބަރުން ހަމަކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އެ އަދަދަށް މެންބަރުން ހަމަނުވާ ޕާޓީތައް އުވައިލުމަށެވެ. އެގޮތުން މެންބަރުން ހަމަނުވާ ޕާޓީތަކުގެ ލިސްޓުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނެވި އެމްޓީޑީއާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ލީޑަރުކަން ކުރައްވާ ޑީއާރްޕީއާއި ލޭބަރ ޕާޓީ ވެސް ހިމެނެއެވެ.

އެމްއާރްއެމްގައި 3000 މެންބަރުން ހަމަނުވެ 2300 މެންބަރުން މިހާރު ތިބުމުން، އެ ޕާޓީ އުވިގެން ގޮސްދާނެ ކަމުގެ ބިރު އެބައޮތްތޯ ސުވާލު ކުރުމުން "ދެން"އަށް ޖަވާބު ދެއްވަމުން އެމްއާރްއެމްގެ ސެކްރަޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ، އެފަދަ އެއްވެސް ބިރެއް ނެތް ކަމަށާއި ދީފައިވާ މުއްދަތުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އެ އަދަދަށް ވުރެ ގިނަ މެންބަރުން ހަމަކުރާނެ ކަމަށެވެ.

"ސިޔާސީ ޕާޓީއެއްގެ ސިފައިގައި އެމްއާރްއެމް ނުކުތީ ރާއްޖޭގެ އެކިއެކި އިސްލާހީ މަސައްކަތަށް. އިރާދަކުރެއްވިއްޔާ އެ މަސައްކަތަށް ހުރަހެއް އެޅުނަކަ ނުދޭނަން. ތިން މަސް ދުވަހުގެ މުއްދަތެއް އީސީން ވަނީ ދީފައި، އިރާދަކުރެއްވިއްޔާ މިބަލަނީ އެ މުއްދަތުގެ ކުރިން 3000އަށް ވުރެ ގިނަ މެންބަރުން ހަމަކުރެވޭތޯ" އަލީމް ވިދާޅުވިއެވެ.

އެމްއާރްއެމް އުފެދުނު އިރު 3000އަށް ވުރެ ގިނަ މެންބަރުން ތިބެފައި، މިހާރު 2300 މެންބަރުންނަށް ވެއްޓުނީ ކިހިނެއްތޯ ސުވާލު ކުރުމުން އަލީމް ވިދާޅުވީ، އެމްއާރްއެމްގައި ކުރިން ތިބި މެންބަރުން (އެ މެންބަރުންނަށް ނޭނގި) އެހެން އެކިއެކި ޕާޓީތަކަށް ވައްދައިފައި ތިބި ކަމަށެވެ. އެގޮތުން ދަނގެތީ ދާއިރާގެ މެންބަރު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް އުފައްދަވައިފައިވާ އެމްއެންޕީއަށް ވެސް އެމްއާރްއެމްގެ ގިނަ އަދަދެއްގެ މެންބަރުން ވައްދައިފައިވާ ކަމަށް އަލީމް ވިދާޅުވިއެވެ.

"އެމީހުންނާ (އެމްއާރްއެމްއިން އެހެން ޕާޓީތަކަށް ނޭނގި ގެންދިޔަ މެންބަރުންނާ) ގުޅައިގެން އެމީހުން އަލުން މި ޕާޓީއަށް ގެނައުމުގެ މަސައްކަތްތައް ވެސް ކުރިއަށް ދަނީ. އެގޮތުން އެމީހުންގެ ފޯމުތައް ވެސް މިހާރު ވަނީ ލިބިފައި." އަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަލީމް ވިދާޅުވީ، އިލެކްޝަންސަށް ހުށަނާޅާ ފޯމުތައް އެބަހުރި ކަމަށާއި ރޯދައިގެ ފަހުން ރަށްރަށަށް ދަތުރުތަކެއް ކުރުމަށް ވެސް ރާވައިފައިވާ ކަމަށެވެ. ޕާޓީގެ އެފަދަ ހަރަކާތްތައް އެމްއާރްއެމުން މަޑުޖައްސައިލައިގެން ތިބީ ކޮވިޑާ ގުޅިގެން ކަމަށް ވެސް އަލީމް ފާހަގަ ކުރެއްވިއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!