ޕްލާސްޓިކުގެ މައްސަލަ ހައްލު ކުރަން ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން: ނައިބު ރައީސް
ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލައަކީ ޕްލާސްޓިކު ކުނީގެ މައްސަލަ ކަމަށާއި އެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ކުރާ މަސައްކަތް ހުއްޓައި ނުލައްވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގުޅިގެން މިދިޔަ އަހަރު ޖެނުއަރީ 27ގައި ފެށި "ޕްރޮމިސް- ޕްރިވެންޝަން އޮފް މެރިން ލިޓަރިން ދަ ލަކްޝަދީޕް ސީ" ޕްރޮގްރާމުގެ ފުރަތަމަ ޕޮލިސީ ރައުންޑްޓޭބަލް ބައްދަލުވުންތައް ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ، ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން މިހާރު ވެސް ވަރަށް ގިނަ ކަންކަން ކޮށްފައިވާ ކަމަށެވެ.
"ރާއްޖެއަކީ ވަރަށް ބޮޑަށް ކަނޑަށް ބަރޯސާވާ ގައުމެއް. ރާއްޖޭގެ ޓޫރިޒަމާއި މަސްވެރިކަން ވެސް ގުޅިފައި ވަނީ ކަނޑުގެ ދިރުންތަކާ. އެހެންވެ، ރާއްޖޭގެ އިގްތިސާދަށް ސާފު، ރީތި ކަނޑެއް ވަރަށް މުހިންމުވޭ،" ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ފުރަތަމަ ޕޮލިސީ ރައުންޑްޓޭބަލް ބައްދަލުވުންތައް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަކީ ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ތިމާވެށީގެ މިނިސްޓަރު އައިމިނަތު ޝައުނާއާއި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާއި ސަރުކާރުގެ އެހެން ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.