ޚަބަރު ސިޔާސީ

ފުލުހުންގެ ނާތަހުޒީބު އަމަލުތަކަށް ނޫނެކޭ ބުނަން ގޮވައިލައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު

ފުލުހުންގެ ނާތަހުޒީބު، އަދި ޒަމާނަށް ނުފެތޭ އަމަލުތަކަށް ނޫނެކޭ ބުނުމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު(ސެމްބެ) ގޮވާލައްވައިފިއެވެ.

Ads by Sosun Fihaara

އޭނާ މިފަދައިން ގޮވާލެއްވީ، ހުކުރު ދުވަހު ވެރިރަށް މާލޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ބައިވެރީންނަށް ފުލުހުން ހަރުކަށި އިންޒާރެއް ދިނުމާ ގުޅިގެންނެވެ.

"ނޭވާހޮޅިއަށް" މިނަމުގައި ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވާ ހަރަކާތުގައި އަތޮޅުތެރެއިން ވެސް ވަރަށް ގިނަ ބަޔަކު ބައިވެރިވާނެ ކަަމަށް އިދިކޮޅުން ބުނެއެވެ. ނަމަވެސް ފުލުހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޕީޕީއެމުން ބާއްވަން ނިންމައިފައިވާ ހަރަކާތަކީ ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގުގެ ގާނޫނާ އެއްގޮތަށް ކުރިއަށްގެންދާ ހަރަކާތެއް ނޫންކަމަށް ބެލެވޭ ތަފާތު ސަބަބުތައް ފެންނަން ހުރި ކަމަށެވެ.

އަދި އެފަދަ އެއްވުމުގެ ސަބަބުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއެރުމުގެ ފުރުސަތު ބޮޑުވުމުގެ ސަބަބުން އެ އެއްވުން ނުބޭއްވޭނެ ކަމަށް ފުލުހުން ޕީޕީއެމަށް އަންގައިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ފުލުހުންގެ މި ބަޔާނާ ގުޅިގެން ސެމްބެ ވިދާޅުވީ، މިއީ ފުލުހުންގެ ތެރޭގައި އިލްމަށާއި ތަހުޒީބަށް ލޯބިކުރާ ފަރާތްތަކަށް ކުރި މަލާމާތެއް ކަމަށެވެ.

"ފުލުހުންގެ ތެރެއިން މިހިނގާ ޒަމާނަށް ނުފެތޭ ނާތަހުޒީބީ އަމަލުތަކަށް ނޫނެކޭ ބުނަން ގޮވާލަން. ހަރަކާތް ހިނގާނެ، އަދި ހިންގޭނެ." ސެމްބެ ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ އެއްވުމާ ގުޅިގެން ފުލުހުން ވަނީ އިދިކޮޅަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކޮށްފައެވެ. އެގޮތުން ރަށްރަށުން މީހުން ގެންނަން ނިންމައިފައިވާ ކަމަށާއި ދުއްވާ އެއްޗެހި ބޭނުންކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކުކޮށް ރައްޔިތުންނާއި އާންމު ދަތުރުފަތުރުގެ ޚިދުމަތަަށް ހުރަސްއެޅޭ ގޮތަށް ކަންކަން ރާވައިފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!