ލުއި ޚަބަރު

އަނބިމީހާއާ ބައްދަލުކުރުމަށް ތައިލެންޑުން އިންޑިއާއަށް ދާން ފުރީ ޑިންގީއެއްގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަނބިމީހާއާ ބައްދަލުކުރުމަށް، ރަބަރު ޑިންގީއެއްގައި ތައިލެންޑްގެ ޕުކެޓުން ފުރައިގެން އިންޑިއާއަށް ދަތުރުކުރަމުން ދިޔަ މީހަކު ތައިލޭންޑްގެ ކޯސްޓްގާޑުން ހައްޔަރުކޮށްފިއެވެ.

Ads by STELCO

ތައިލޭންޑްގެ ޚަބަރުތައް ބުނާ ގޮތުގައި އުމުރުން 37 އަހަރުގެ ހޯ ހަންގް ނަމަކަށް ކިޔާ އެ މީހާ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުއެވެ. އޭނާ އަތުލައިގެންފައި ވަނީ ޕުކެޓާ 119 ކިލޯމީޓަރު ދުރުގައި އޮންނަ ސިމިލަން އައިލެންޑްސް ކައިރިން ކަމަށާއި އޭރު އޭނާގެ ދަތުރަށް 18 ދުވަސް ވެއްޖެކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އޭނާގެ މައުލޫމާތު ކޯސްޓްގާޑަށް ރިޕޯޓްކުރީ އެ ސަރަހައްދުން ދަތުރުކުރި މަސްވެރިންތަކެކެވެ. އޭރު ބޭ އޮފް ބެންގާލްގައި ތޫފާނެއް އުފެދެމުންދާތީ މަސްވެރީން ވެސް ދަތުރުކުރަމުން ދިޔައީ ރައްކާތެރި ސަރަހައްދަކަށެވެ.

ހޯ ހަންގް އިންޑިއާއަށް ފެށި މި ދަތުރަކީ މުމްބާއީގައި ވަޒީފާ އަދާކުރާ އޭނާގެ އަނބިމީހާ ގާތަށް ކުރާ ދަތުރެއްކަމަށް މީޑިއާ ބުނެއެވެ. ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން އެ ދެމީހުން ބައްދަލުނުވާތާ ދެއަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި އެހެންކަމުން އަނބިމީހާއާ ބައްދަލުކުރުމަށް މީގެ ކުރީން ވެސް ހޯ ހަންގް މަސައްކަތްކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އެގޮތުން މުމްބާއީއަށް ދިޔުމަށް ޓަކައި މިމަހުގެ ދެވަނަ ދުވަހު ތައިލެންޑްގެ ސައިގޮންއިން ބެންކޮކަށް އޭނާ ދިޔަ ކަމަށާއި ނަމަވެސް ވިސާ ނުލިބުމުގެ ސަބަބުން އިންޑިއާއަށް ނުދެވުނު ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ވިސާ ނުލިބުމުން އޭނާގެ ދަތުރުގެ މިސްރާބު ބަދަލުކޮށް މިމަހުގެ ފަސްވަނަ ދުވަހު ބެންކޮކުން ބަހެއްގައި ނައްޓައިލީ ޕުކެޓަށެވެ. އަދި ޕުކެޓުން ޑިންގީއެއްގައި ދަތުރު ފެށީ ލަގެޖްގެ އިތުރުން 10 ޕެކެޓް ނޫޑްލޫހާއި ފެންހަމެއް ހިފައިގެން ކަމަށް ޚަބަރުތައް ބުނެއެވެ. އޭނާގެ އަތުގައި ސަމުގާއެއް ފަދަ އެއްވެސް ވަސީލަތެއް ވެސް ނެތްކަމަށް ރިޕޯޓްތައް ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!