ފުވައްމުލަކުގެ މަގުހަދައި ފްލެޓު ޑިޒައިން ކުރާނީ ކައުންސިލުގެ ލަފާގެ މަތިން: ރައީސް ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ ފުވައްމުލައް ސިޓީ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި އެ ސިޓީގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ކައުންސިލަރުން ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ފާހަގަ ކުރެއްވި ގިނަ ކަންކަމަށް ޙައްލު ހޯދައިދެއްވައިފައި ވާތީ އެކަން ފާހަގަ ކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެ ސިޓީގެ އިތުރު މަގުތައް ހެދުމުގެ މަސައްކަތް ކުރިޔަށްދާއިރު ފަހިކުރަން ޖެހޭ އިތުރު ކަންކަމަށް ބޭނުންވާ ފައިސާ ކައުންސިލަށް ލިބޭނެގޮތެއް ހަމަޖެއްސުމާއި ހައުސިންގ ޔުނިޓްތައް ތަރައްޤީކުރާ އިރު ސިޓީ ކައުންސިލުން ބޭނުންވާ ގޮތަށް އެ ތަންތަން ޑިޒައިން ކުރެވޭނެ ގޮތްވުމާއި ސިޓީގައި އިތުރުވަމުންދާ އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ބޭނުންވާ ކަންކަމާއި ސިޓީގެ މާސްޓަރ ޕްލޭނެއް ހެދުމަށް ބަޖެޓު ހޯދުން ފަދަ ކަންކަންކަމާއި އަދި މި ނޫން ވެސް ސިޓީގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަން ހިމެނެއެވެ. މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ސިޓީގެ ތަރައްޤީއަށް އަދި ޞިއްޙީ ދާއިރާއިން ބޭނުންވާ ކަންކަން ފާހަގަކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ ސިޓީގެ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިޔަށް ގެންދިއުމާއި އަލަށް ހަދާ މަގުތަކާ އެކު ޕާކިން ފަދަ ކަންކަން ހިމެނުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މަގުހެދުމުގެ މަސައްކަތާ ގުޅިގެން ފާހަގަކުރެއްވި ކަންކަމާއި އަދި ހައުސިންގް ޔުނިޓްތަކުގެ ޑިޒައިނާ ގުޅޭ ގޮތުން ފާހަގަކުރެއްވި ކަންކަން ކުރިޔަށް ގެންދާނީ ކައުންސިލުގެ ޚިޔާލާއި މަޝްވަރާގެ މަތިންކަން ފާހަގަކުރެއްވިއެވެ. އަދި އިޖްތިމާޢީ އެންމެ ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުޅި ރާއްޖޭގައި ހުރި މި ފަދަ މައްސަލަތައް ޙައްލުކުރުމަށް ޓާސްކްފޯހެއް އެކުލަވައިލައްވައިގެން މަސައްކަތް ކުރިޔަށްދާކަން ފާހަގަކުރައްވައި މި މަސައްކަތުގައި ސިޓީތަކަށް އިސްކަންދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުވައްމުލައް ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.