އާޒިމާއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ހިމެނޭ ނޯޓުގައި ނުބައި އެކައުންޓު ނަންބަރެއް
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް ސެކްރަޓަރީ އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށްފައިވާ ދެ ދައުވާ ސާބިތުކުރުމަށް ހުށަހަޅައިފައިވާ ހެކީގެ ތެރޭގައި ހިމެނޭ ނޯޓްގައި އޮތީ ދައުވާގައި ބުނާ މައްސަލައިގައި ހިމެނޭ އެކައުންޓް ނަންބަރު ނޫން ކަމަށް އޭނާ މިއަދު ކޯޓުގައި ވިދާޅުވެއްޖެއެވެ.
އާޒިމާގެ މައްޗަށް ދައުލަތުން އުފުލައިފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން، މަނީ ލޯންޑްރިންގައި ރައީސް ޔާމީނަށް އެހީތެރިވިކަމުގެ ދައުވާއާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެފައިވާ ދައުވާއެވެ.
މި މައްސަލައިގައި މިއަދު އޮތް އަޑުއެހުމެއްގައި އާޒިމާ ވިދާޅުވީ އޭނާގެ މައްޗަށް ދައުވާކުރަނީ ދެ ހެއްކެއްގެ މައްޗަށް ބިނާކޮށްގެން ކަމަށާއި އެއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ލަފައެއް ދިނުމާއި ރައީސް ޔާމީންގެ ފައިސާ ޖަމާކުރިކަން އަންގައި ނޯޓެއް ފޮނުވުން ކަމަށެވެ.
ބަންޑާރަނައިބުކަން ވެސް ކުރިން ކުރައްވައިފައިވާ އާޒިމާ ވިދާޅުވީ، އޭނާ އޭސީސީއަށް އެއްވެސް ލަފައެއް ނުދެއްވާ ކަމަށާއި ލަފާ ދެއްވިކަމުގެ އެއްވެސް ހެއްކެއް ވެސް ނެތް ކަމަށެވެ. އަދި އާޒިމާ ފޮނުވިކަމަށް ބުނާ ނޯޓުގައި އޮތް އެކައުންޓު ނަންބަރު ވެސް ނުބައި ކަމަށާއި ދައުލަތުން ދައުވާކޮށްފައި ވަނީ އެކައުންޓު ނަންބަރު ނުބައިކަން އެނގިހުރެ ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ އޭނާ ލިޔެފައިވާ ނޯޓުގައި އެސްކްރޯ އެކައުންޓްގައި ބެހެއްޓުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެކައުންޓަށް ފައިސާ ޖަމާކުރި ވާހަކަ ދެންނެވިއޭ ކިޔައިފައި އޭނާ ސޮއިކުރި އިރު އެ ނޯޓްގައި އޮތީ ބީއެމްއެލްގެ، ދައުލަތުން ބުނެފައިވާ އެކައުންޓް ނަންބަރެއް ނޫން ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އާޒިމާ އިތުރަށް ވިދާޅުވީ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭނީ ދައުވާގައި އެ ބުނާ ގޮތުން ނަމަ، އޭނާ ކުރެއްވި އަމަލެއްގެ ސަބަބުން މަނީ ލޯންޑަރިން ހިންގަން ފުރުސަތު ލިބުނުކަމުގެ ހެކި ހުރެގެން ކަމަށާއި އާޒިމާ އޭސީސީއަށް ލަފައެއް ދެއްވި ކަމަށް ދައުލަތުން ކުރިން ބުނެފައި ވާއިރު އެކަން އެނގޭނެ ހެއްކެއް ވެސް ދައުލަތުން ހުށަހަޅައިފައި ނެތް ކަމަށެވެ.