ޚަބަރު ސަރުކާރު

އައްޑޫސިޓީގައި 120 އެނދުގެ ހޮޓަލެއް އަޅަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އައްޑޫސިޓީގައި ބޭއްވި މާހެފުމުގައި ރައީސް ޞާލިޙް ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް

އައްޑޫސިޓީގެ ގަމު ދޫގަސް ހުރި ބިމުގައި، 120 އެނދު ހިމެނޭ ހޮޓަލެއް އެޅުމަށް ނިންމަވައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by STELCO

އައްޑޫ ސިޓީގެ ރައްޔިތުންނަށް ރައީސް ޞާލިޙާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު މިރޭ ދެއްވި ހާއްސަ މާހެފުން ފެށުމުގެ ކުރިން އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދޫގަސް ހުރި އިމާރާތުގައި ހޮޓަލެއް އެޅުމަށް ޓަކައި އެ ބިން ގަން އެއާޕޯޓަށް ދިނުމަށް މިއަދު ސަރުކާރުން ނިންމަވައިފައިވާ ކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ އެ ބިމުގައި 120 އެނދުގެ ހޮޓަލެއް މި އަންނަ އަހަރުގެ މޭ، ޖޫން ހިސާބުގައި ހުޅުވޭނެެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އެ ހޮޓެލް ވެގެންދާނީ ފުރިހަމަ ހޮޓަލަކަށް. އެގޮތުން އެ ތަން ބިނާ ކުރެވިގެންދާނީ ބޮޑެތި ބައްދަލުވުންތައް ވެސް އެތަނުގައި ބޭއްވޭ ގޮތަށް، އިތުރު ވަސީލަތްތަކާ އެކު" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ އެހޮޓަލު ހުޅުވުމާ އެކު އައްޑޫގައި އޮތް ވަޒީފާގެ ދަތިކަމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!