Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސަރުކާރު

ޕޮލިސް އެކަޑަމީއަކީ އިންޑިއާގެ ނިޔަތް ހެޔޮކަން ދައްކައިދޭ ރަމްޒެއް: ރައީސް ޞާލިޙް

ޕޮލިސް އެކަޑަމީއަކީ އިންޑިއާގެ ނިޔަތް ހެޔޮކަން ދައްކައިދޭ ރަމްޒެއް: ރައީސް ޞާލިޙް
އައްޑޫގައި އިންޑިއާގެ ހިލޭ އެހީގެ ދަށުން ހަދައިފައިވާ ޕޮލިސް އެކަޑަމީއަކީ، ރާއްޖޭގެ އަމިއްލަ ވަންތަކަން ދެމެހެއްޓުމަށް ޓަކައި އިންޑިއާއިން ބޭނުންވާ ކަމުގެ ރަމްޒެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ފުލުހުންގެ ޚިދުމަތަށް 89 އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޞާލިޙް ވިދާޅުވީ، ޕޮލިސް އެކަޑަމީއަކީ ދިވެހިންގެ ޤައުމީ މަސްލަތު ދިވެހިންނަށް ހިމާޔަތް ކުރެވި، އަދި އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ދިފާއުކޮށްދޭނެ ފަދަ ބަޔަކު އުފެއްދުމަށް މުހިންމު މަރުކަޒެއް ކަމަށެވެ. އަދި އެއީ ރާއްޖެ، ރާއްޖޭގެ އަމިއްލަވަންތަ ކަމުގައި ހިންދެމިލުމަށް އަވަށްޓެރި އިންޑިއާގެ ނިޔަތް ހެޔޮކަން ދައްކައިދޭ ރަމްޒެއް ކަމަށް ވިދާޅުވިއެވެ. "އެއީ ދިވެހިންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި ޤައުމީ މަސްލަހަތު ދިފާއު ކުރުމުގެ ޤާބިލުކަން ދިވެހިންގެ ކިބައިގައި އުފެއްދުމުގެ އެއް ބިނާ، އެއީ ރާއްޖެ، ރާއްޖޭގެ އަމިއްލަ ވަންތަކަމުގައި ހިންދެމިލުމަށް އަވައްޓެރި އިންޑިއާގެ ނިޔަތް ހެޔޮކަން ދައްކައިދޭ ރަމްޒެއް." ރައީސް ވިދާޅުވީ އެ އެކަޑަމީ ހުޅުވިގެން ދިޔައީ އެކި ސަރުކާރުތަކުގެ ބުރަ މަސައްކަތުން ކަމަށާއި އެ ސަރުކާރުތަކަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށެވެ.
"ފުލުހުން ބިނާކުރުމަށް ޓަކައި ރާއްޖޭގެ އެންމެ ދެކުނުގައި ހުޅުވިގެން އެދިޔަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓަކީ އެކި ސަރުކާރުތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ."
އައްޑޫ ޕޮލިސް އެކަޑެމީއަކީ އިންޑިއާ ސަރުކާރުން ރާއްޖޭގައި ހިންގަން ނިންމައިފައިވާ މަޝްރޫއުތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު މަޝްރޫއެވެ. ޕޮލިސް އެކަޑެމީ ރަސްމީކޮށް ހުޅުވިޔަސް އެ ތަނުގެ މަސައްކަތް އަދިވެސް އެއްކޮށް ނުނިމެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް