ދިމާކޮށް ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ދިވެހި އުފެއްދުންތަކުގެ އަގުތައް ރަމަޟާން މަހާ އުފުލިއްޖެއެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ވެސް ދިވެހި އުފެއްދުންތަކަށް އޮންނަ ޑިމާންޑު އިތުރުވުމާ އެކު އަގުތައް އުފުލެއެވެ.
ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނި ގޮތުގައި ތަކެތީގެ އަގުތައް އުފުލިފައި ވަނީ ދަނޑުވެރިންގެ އަތުން ގަނެ، މާލެ ގެނެސް މާރުކޭޓުގައި ވިއްކަން ލިބޭ ތަކެތި މަދުވީމައެވެ. އެހެން ނަމަވެސް ރަމަޟާން މަސް ފެށުމުން ތަކެތީގެ ޑިމާންޑު އޮންނަ މިންވަރަށް ބަލާފައި މި އަގުތައް ތިރިވުމުގެ ފުރުސަތު އޮންނާނެކަމަށް ވިޔަފާރިވެރިން ބުނެއެވެ.
ބާޒާރުގައި އުފުލިފައިވާ ތަކެތީގެ އަގުތަކަށް ބަލާއިރު މިރުސް އުޅެނީ 100 ގްރާމް ، 50 ރުފިޔާއާއި 60 ރުފިޔާއާ ދެމެދެވެ. މިރުހުގެ އަގު ކުރީން ހުރީ 100 ގްރާމް ، 30 ރުފިޔާއާއި 35 ރުފިޔާއާ ދެމެދެވެ. ވިޔަފާރިވެރިން ބުނި ގޮތުގައި މިހާރު މިރުސް ކިލޯއެއް ދަނޑުވެރިން އަތުން ގަންނަން ލިބެނީ 500 ރުފިޔާއަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެންމެ ބޮޑަށް އަގު އުފުލޭނެކަމަށް ބެލެވެނީ މިރުހުގެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.
ކަރަލުގެ އަގަށް ބަލާއިރު ކިލޯއެއް ލިބެން ހުރީ 25 ރުފިޔާއާއި 30 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. ކުރިން ކަރާ ކިލޯއެއް ވިއްކަމުން ދިޔައީ 20 ރުފިޔާއަށެވެ.
ބާޒާރުގައި އަގު އުފުލުނު އަނެއް ބާވަތަކީ ޖުމްހޫރީ މޭވާއެވެ. މީގެ ކުރިން ކިލޯއެއް 70 ރުފިޔާއަށް ވިއްކަމުން އައިއިރު މިހާރު ކިލޯއެއްގެ އަގު ވަނީ 80 ރުފިޔާއަށް އަރައިފައެވެ.
ލުނބޯ ކިލޯއެއްގެ އަގު މިހާރު ހުރީ 100 ރުފިޔާގައެވެ. އަދި ކާއްޓެއް 6 ރުފިޔާއާއި 15 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައި ހުރިއިރު ގަބުޅި ވިއްކަނީ 15 ރުފިޔާއާއި 25 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ.
މާރުކޭޓުގައި އަގުތަކަށް ބަދަލު ނާންނަ ބައެއް ތަކެތި ވެސް އެބަ ހުއްޓެވެ. އަނެއްބައި ތަކެތީގެ އަގުތައް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ޓޮމާޓޯ ކިލޯއެއް ކުރިން 40 ރުފިޔާއަށް ވިއްކި ނަމަވެސް މިހާރު އޭގެ އަގު ވަނީ 25 ރުފިޔާއަށް ތިރިވެފައެވެ. ފިޔާގެ އަގަށް ބަދަލެއް ނާދެއެވެ. މިހާރު ވެސް 18 ރުފިޔާއާއި 20 ރުފިޔާއަށް ފިޔާ ކިލޯއެއް ލިބެން އެބަހުއްޓެވެ.
މިރުހަކީ ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށްވެސް އަގު އުފުލޭ ބާވަތެކެވެ. އެގޮތުން މިދިޔަ 2020 ވަނަ އަހަރު މިރުސް ކިލޯއެއްގެ އަގު 1000 ރުފިޔާއަށްވެސް އަރައިގެން ދިޔައެވެ. ކަނޑޫދޫ މިރުހުގެ އަގު އެއަހަރު ކިލޯއެއް 2500 އަށްވެސް އުފުލުނެވެ.