ލަންކާގައި ތިބި ދިވެހިންނަށް އެހީވާން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
އަވަށްޓެރި ޝްރީލަންކާގެ މަސްރަހު މިހާރު ގޯސްވެފައިވުމާ ގުޅިގެން އެ ޤައުމުގައި ތިބި ދިވެހީންނަށް ސަރުކާރުން އެހީވުމަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރެވެ. އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައި ވަނީ ސްރީލަންކާގެ ސިޔާސީ މަސްރަހާއި އިގްތިސޯދު ހާލަތު ވަރަށް ބޮޑަށް ގޯސްވެ އެ ގައުމުގެ އާންމު ހާލަތު ދަށަށް ގޮސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ލަންކާގައި މުޒާހަރާތަކާއި ހަމަނުޖެހުންތައް ހިނގަމުންދާތީ އެ ގައުމުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންނަށް ބޮޑެތި ދަތިތަކާ އުދަނގޫތައް ކުރިމަތިވެފައިވާ ކަމަށެވެ.
މީގެ އިތުރުން ލަންކާގައި ކަރަންޓާއި އަސާސީ ހިދުމަތްތަށް ގިނަ ވަގުތުތަކަކަށް މެދުކަނޑާލަމުންދާތީއާއި އެ ޤައުމުގައި ކާފިއު ހިންގަމުން ދިޔުމުގެ ސަބަބުން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކެއިން ބުއިން ވަރަށް ބޮޑަށް ދަތިވެ، ދަތުރުކުރަން ވަރަށް ބޮޑަށް އުނދަގޫވެފައިވާ ކަމަށް ވެސް އާދަމް ޝަރީފު ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވައިފައި ވެއެވެ. ދިވެހިން މިއަދު ލަންކާގައި ވޭނާއި ތުރާ އުފުލަމުންދާއިރު ރަމަޟާން މަހުގެ ދުވަސްތައް އެ ދިވެހިން ހޭދަކުރަނީ ވަރަށް ހާލުގައި ކަމަށް ވެސް މައްސަލައިގައި ވިދާޅުވެފައިވެއެވެ.
އެހެންކަމުން މިކަމާ ގުޅޭގޮތުން ކުއްލި މައްސަލައެއް ހުށަހަޅުއްވައި އެ ކުއްލި މައްސަލައިގައި ގޮވައިލައްވައިފައި ވަނީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ދުވަހުން ދުވަހަށް ބަލައި މޮނިޓާކުރުމަށް ފަހު ދިވެހިންނަށް މާލީ އެހީތެރިކަމާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ. އަދި ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހައްގުގައި ދިވެހި ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ވެސް ކުއްލި މައްސަލައިގައި ގޮވައިލައްވައިފައި ވެއެވެ.