Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދުބާއީގައި ކުރިއަށްދާ ޤުރުއާން މުބާރާތުގެ ފައިނަލްގައި ނަބީޙް ރާއްޖެ ތަމްސީލުކޮށްފި

ދުބާއީގައި ކުރިއަށްދާ ޤުރުއާން މުބާރާތުގެ ފައިނަލްގައި ނަބީޙް ރާއްޖެ ތަމްސީލުކޮށްފި

ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022ގެ ފައިނަލް ރައުންޑުގައި ޙާފިޡް އަޙުމަދު ނަބީޙް ރާއްޖެ ތަމްސީލުކޮށްފިއެވެ.

1443ވަނަ އަހަރުގެ ރަމަޟާންމަހުގެ 1ވަނަ ދުވަހުން ފެށިގެން 14ވަނަ ދުވަހާ ހަމައަށް ދުބާއީގައި މިހާރު ކުރިއަށްދާ މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކޮށް އަލްޙާފިޡް އަޙްމަދު ނަބީޙް ވަނީ މުބާރާތުގެ ފައިނަލް ބުރުގައި ކިޔަވައިފައެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން މަޢުލޫމާތު ދެއްވި ގޮތުގައި ނަބީޙުގެ ކިޔެވުން އަޑުއަހައިފައި ޙާޒިރުވެ ތިބި އެތައް ބައެއްގެ ތަޢުރީފު ނަބީޙްއަށް ލިބިގެން ދިޔައެވެ. އަދި މުބާރާތް އިންތިޒާމްކުރެއްވި ފަރާތުން ނަބީހުއާ ކުރި އިންޓަރވިއުގައި ސޫރަތެއްގެ ނަން ބުނުމަށް ފަހު އެ ސޫރަތުގެ އާޔަތެއްގެ ނަންބަރު ބުނުމުން ނަބީޙު ވަނީ އެ އާޔަތް ކިޔައިފައި ކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ބުނެއެވެ. އަދި އެ ވަގުތު ނަބީހުގެ އާދަޔާ ޚިލާފު ހުނަރު ފެނިފައި އިންޓަރވިއު ކުރި ފަރާތުން ފެންކަޅިވިކަމަ ށްވެސް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނެއެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން ތަފާތު އެކި ރާގުރާގަށް ކިޔެވުން ފަދަ ހުނަރުތައް ނަބީޙް ވަނީ މިމުބާރާތުގައި ދައްކައިފައެވެ. ނަބީޙުގެ އެ ހުނަރުތައް ފެނިފައި ދުބާއީގެ ރޭޑިއޯ ޗެނަލަކުން ވަނީ ނަބީޙުގެ ކިޔެވުން ރިކޯރޑުކުރުމަށް ބޭނުންވާކަމަށް ވެސް ބުނެފައެވެ.

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒު ހިންގުމާ ޙަވާލުވެ ހުންނެވި އައްޝައިޚް އިލްޔާސް ޖަމާލް ވިދާޅުވި ގޮތުގައި ނަބީޙުއަކީ ވަރަށް ކުރިންސުރެ ޤުރުއާން ހިތުދަސްކޮށް، ޤުރުއާން މޮޅަށް ކިޔެވުމުގެ ހުނަރު ލިބިފައިވާ ކުއްޖެކެވެ. އެގޮތުން ބައިނަލްއަގުވާމީ މިފަދަ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު މީގެ ކުރިން ވެސް ނަބީޙްއަށް ލިބެންޖެހޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަދުގެ ސަރުކާރުގެ ސިޔާސަތަކީ މިފަދަ ކުދިންނަށް ފުރުޞަތު ފަހިކޮށްދީ ތަފާތުކުރުންތައް ނައްތާލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެކަމަށް ވަރަށް ބޮޑަށް އަދުގެ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ޢަލީ ބާރުއަޅުއްވާ ކަމަށާއި، ނަބީޙްގެ ޢާއިލާއާ ބައްދަލުކުރައްވައި، ނަބީހުއަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވާފައިވާކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް