ވާހަކަ މުނިފޫހިފިލުވުން

ކުރުވާހަކަ: ހިތަކުން ނުފިލާނޭ

ނައުފާ ، ދެން އޮންލައިން

ކަނޑުގެ ލޮނުގަނޑު ކަފަމުން ބާރަށް ކުރިއަށް ދިޔަ ލާންޗުގައި އިންއިރު، އަހަރެންގެ ހަށިގަނޑަށްވީ ފާޑެއްގެ ހަރުކަށިކަމެއް ވެރިވެފައެވެ. ގުޑިލަން ވެސް ހަނދާން ނުވެފައި ކުރިމަތިން ފެންނަމުންދިޔަ ރަށުގެ މަލަމައްޗަށް ބަލަހައްޓައިގެން އަހަރެންނަށް އިނދެވުނީއެވެ. ޙަޔާތުގައި ދެވަނަ ފަހަރަށް އެރަށުގެ ފަސްގަނޑުގައި ފައި ނުޖައްސާނެކަމުގައި އަމިއްލަ ނަފުސަށް އެތައް ފަހަރަކު ވަޢުދުވެފައިވީ ނަމަވެސް، އަހަންނަށް މަޖުބޫރުވީ އެ ވަޢުދު އުވައިލުމަށެވެ. ކިތަންމެ ބަހަނާއެއް ދެއްކިއެއްކަމަކު ތަޤުދީރުގެ ނިޔާއަށް ފުރަގަސްދިނުމުގެ ބާރެއް އަހަރެމެން އިންސާނުންނަކަށް ލިބިގެނެއް ނުވެއެވެ. ހަނދާންކުރަން ބޭނުން ނުވާ އެތައް ހާދިސާއަކުން އަހަރެންގެ ސިކުނޑި ތޮއްޖެހެމުން ދިޔައެވެ. އަމިއްލަ ނަފުސުގެ މައްޗަށް ބާރުފޯރުވަން އުނދަގޫވެފައި އިން މީހަކު ފަދައިން އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ރަށާ ލާންޗު ކައިރިވަމުންދިޔަ ވަރަކަށް އަހަރެންގެ ހިތުގެ ވިންދު ވެސް އައީ ފަހަރަކަށް ވުރެ ފަހަރެއް އަވަސްވަމުންނެވެ. ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދުމާ އެކު ނިތުގައި ދާހިއްލައިލައިފިއެވެ.

Ads by STELCO

ރަށުގެ ފަޅުތެރަށް ލާންޗު ވަނުމާ އެކު އަހަންނަށް ހިންދިރުވައިލެވުނެވެ. ލަސްލަހުން ނަޒަރު ތިރިކޮށްލެވުނީ މެޔަށް ފިނިވެލުމުންނެވެ. ޖެހިލުންވެފައި އިނދެއެވެ. ގާތުގައި އިން އަރީކް ފަރުވާތެރިކަމާ އެކު އަހަންނަށް އަންނަމުންދިޔަ ކޮންމެ ބަދަލަކަށް ބަލަން އިންކަން އެނގުނު ނަމަވެސް އެ އަސަރުތައް ފޮރުވުމަށް އަހަރެން ނުކުޅެދިފައިވީ ފަދައެވެ.

"ނާޔާ... ހުރިހައި ކަމެއް ރަނގަޅުތަ؟" ރަށުގެ ފަސްގަނޑުގައި ފައިޖެހުމާ އެކު އަހަންނަށްވީ ގޮތް ފެނިފައި ކަންބޮޑުވުން އެކުލެވިގެންވި ރާގަކަށް އަރީކް އަހައިލިއެވެ. އަރުތެރެ ހިކިފައިވުމުން ވާހަކަދެއްކުމަށް އަހަރެންނަށްވީ ދަތިކަމަކަށެވެ. އެހެނަސް ކޮންމެވެސް ޖަވާބެއް ދޭންޖެހޭނެކަން އެނގޭތީ މަޑުމަޑުން ބޯޖަހައިލީމެވެ. އިރުކޮޅަކު އަހަންނަށް ބަލަން ހުރުމަށް ފަހު ވަކި އެއްޗެކޭ ނުބުނެ ލާންޗުން ބޭލި އަހަރެމެންގެ ދަބަސްތަކުގައި ހިފަމުން އަންނާށޭ ބުނެ އަރީކް ކުރިއަށް ހިނގައިގަތެވެ.

"އެ ހުރީ ހާދީބެ.. އަހަރެމެން ތިބެން ހަމަޖެހުނީ އެގޭގައި.. އޮފީސް ޕްރޮޖެކްޓްގެ ހުރިހައި ކަމެއް ނިމެންދެން މިރަށުން ހުރިހައިކަމެއްގައި އަހަރެމެންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނީ ހާދީބެ.. މިއަދު އިހަށް ގެއަށް ގޮސް ކުޑަކޮށް އަރާމުކޮށްލާނީ.. މާދަމާ މަސައްކަތްތައް ފަށަން ހަމަޖެހިފައި އޮތް ވޯރކް ސައިޓަށް ދާނީ.. އެންމެ ރަނގަޅެއްނު.. ނާޔާއަށް ފެންނަގޮތެއް ބުނެބަލަ.." މަޑުމައިތިރިކަން އަރީކްގެ އަޑުގައިވިއެވެ. ކުލުނުން ފުރިފައިވި ގޮތަކަށް އޭނާ އަހަންނަށް ބަލަން ހުރީ އަހަރެންގެ ޖަވާބެއްގެ އިންތިޒާރުގައިކަން އަހަންނަށް އެނގެއެވެ. އެހެނަސް އެ ދެލޮލަށް ބަލައިލުމާ އެކު، އެހިތުގެ ހަގީގަތް އެއްވެސް ފޮރުވުމެއް ނެތި އަހަރެންނަށް ފައުޅުވިއެވެ. އަރީކް އަހަރެން ދެކެ އިންތިހާއަށް ލޯބިވާކަމީ އޮފީހުގެ އެންމެންގެ އިތުރުން އަހަރެންގެ އާއިލާއަށް ވެސް އެނގޭ ކަމެކެވެ. އޭނާ އަހަންނަށް ދެތިން ފަހަރު ލޯބި ހުށައެޅި ވެސް މެއެވެ. ނަމަވެސް އެ ލޯތްބަށް ފުރަގަސްދީ އަރީކްއާ ދުރަށް ދުވަމުންދިޔަ މީހަކީ އަހަންނެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ލޯބީގައި އަހަންނަށް ކުރެވިފައިވީ ހިތި ތަޖުރިބާއެކެވެ. ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަޖުރިބާކުރާނެހައި ހިތްވަރެއް އަހަރެންގެ ނެތެވެ. އެއް އޮފީހެއްގައި މަސައްކަތް ކުރިއެއްކަމަކު އަރީކްއާ ވަކި ދުރުމިނެއް ބަހައްޓަން އަހަރެން އިސްކަންދޭ އެންމެ ބޮޑު އެއް ސަބަބަކީ އެއީއެވެ. އެ ހިތި ހަގީގަތް އެއްވެސް މީހެއް ކުރިމަތީގައި ފައުޅުކުރާކަށް އަހަރެންގެ ޟަމީރު އެއްބަހެއް ނުވެއެވެ. އަރީކްގެ އޯގާތެރިކަމާއި ކެތްތެރިކަމުގެ ސަބަބުން އަހަރެންގެ ހިތުން ނޭނގި ނަމަވެސް އޭނާއަށް ޓަކައި ޖާގައެއް އައީ ހުސްވަމުންނެވެ. އެހެނަސް ފިނޑިއެއް ފަދައިން އަހަރެން އައީ އެ އިހުސާސުތަކަށް ވެސް ފިލަން ދުވަމުންނެވެ. ތަޤުދީރުގެ ސަމާސާ ނިކަން ދެކިބަލާށެވެ. މިއަދު އޮފީހުގެ މަސައްކަތެއްގައި އަހަރެން އަންނަން މިޖެހުނީ މުޅި ދުނިޔެއިން ވެސް އަހަރެން އަންނަން އެންމެ ބޭނުންނުވާ ފަސްގަނޑަށެވެ. އަދި އެ ވެސް އަހަރެން އެމީހެއްގެ އިހުސާސުތަކަށް ފޮރުވެން މަސައްކަތް ކުރަމުން އަންނަ މީހާއާ އެކުގައެވެ.

"ނާޔާ.." ހާދީބެއާ އަރައި ހަމަކޮށްފައި ސަލާމް ކޮށްލަމުން ހިނިތުންވެފައި އަރީކް އޭނާގެ އިތުރުން އަހަރެންގެ ތަޢާރަފެއް ވެސް ދިނެވެ. ފުން ނަޒަރަކުން ހާދީބެ އަހަންނަށް ބަލައިލުމާ އެކު އަހަންނަށް ހިތާމަވެރި ގޮތަކަށް ހިނިތުންވެލެވުނެވެ. އަހަރެންގެ ހާލަތު އެނގޭ މީހަކު ފަދައިން އޯގާތެރި ހިނިތުންވުމަކާ އެކު އަންނާށޭ ބުނެ ހާދީބެ ހިނގައިގަތީ ބަނދަރާއި ނުހަނު ކައިރީގައި ހުންނަ އޭނާގެ ގެއާ ދިމާއަށެވެ.

"އަހަރެން ކުރި ސުވާލަށް ޖަވާބެއް ނުދެމެއްނު.." ހާދީބެއަށް ބަލައިލަމުން އަރީކް ބުނެލީ ކިރިޔާ އަހަންނަށް އަޑުއިވޭ ވަރަށެވެ. އެއާ އެކު އަރީކްގެ ނިންމުމާ އަހަރެން ވެސް ރުހޭ ކަމުގައި ބުނެލީމެވެ. އިތުރު އެއްޗެއް ނުބުނެ އަރީކް ބޯޖަހައިލީއެވެ. އަހަރެންގެ ދުރުކަމުން އޭނާއަށް އުނދަގޫ ކުރުވާކަން އަހަރެން ދެނެހުރީމެވެ. އެކަމުން ޚުދު އަހަރެންގެ ހިތަށް ވެސް ބަޔާންކުރަން ދަތި ވޭނެއްގެ އަސަރު ކުރުވިއެވެ. ހިތުގެ ސިއްރު އަރީކް ކުރިމަތީގައި ފައުޅުކޮށް އެ ލޯތްބަށް އާނބަސް ދިނުމަށް އެތައް ފަހަރަކު އެދެވުނެވެ. ދެފަރާތަކަށް އަހަރެން ބޯހޫރައިލީ ހިތާއި ސިކުނޑިއާ ދެމެދު ކުރެވެމުންދިޔަ ބަހުސްގެ ސަބަބުން ހާސްވީވަރުންނެވެ. މަޑު ތުރުތުރެއް އުފެދިފައިވި އަތުން ކޮނޑުގައި އަޅުވައިލައިގެން ހުރި ދަބަހުގައި ހިފަމުން އަމިއްލަ ނަފުސު ހަމައަކަށް އަޅުވަން އަހަރެން މަސައްކަތް ކުރީމެވެ.

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ތުނޑީގައި އެކަނި އަހަރެން އިނށީދެލައިގެން އިނީ ފުންވިސްނުމަކަށް ގެއްލިފައެވެ. ކުދިކުދި ރާޅުތައް ބޯކިރުކޮޅެއް ފަދަ ހިމުން ދޮންވެލިގަނޑުގައި އޯގާތެރިކަމާ އެކު ބޮސްދީފައި ދާ މަންޒަރަށް ގެއްލިފައި އިންއިރު އެކަމުން އަހަރެންގެ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބިފައިވިއެވެ. ފިކުރުތަކަށް ގެއްލިފައި އިން ވަރުން އަހަރެންގެ ދެލޮލުން ކަރުނަ އޮހޮރެމުންދިޔަކަން ވެސް އަހަންނަށް އިހުސާސްނުވެއެވެ. ފަހަތުން އަރީކް އަހަރެންގެ ނަމުން ގޮވައިލިއަޑަށް ސިހިފައި އަހަރެންނަށް އަވަސް އަވަހަށް ދެލޮލުން ފައިބަމުންދިޔަ ކަރުތައް ފުހެލެވުނެވެ. އަހަރެންގެ ފަސްފަހަތުން އަރީކް މި ތަނަށް އައިސްދާނެ ކަމަކަށް ކުޑަކޮށް ވެސް އަހަރެން ހިއެއް ނުކުރަމެވެ. އަހަންނާ ޖެހިގެން ކަހަލަ ގޮތަކަށް އަރީކް އިނށީދެލިއިރު އެ މޫނުމަތީގައިވީ ކަންބޮޑުވުމުގެ ކުލަވަރެވެ. ތަކުރާރުކޮށް އަހަންނާ އެތައް ސުވާލެއް އޭނާ ކުރަމުން ދިޔައެވެ. ވީ ކިހިނެއްތޯއާއި އޭނާއާ އެކަމެއް ހިއްސާ ނުކުރާނެތޯ އެއްސެވެ. އޭނާއާ އެހައި ދުރުދުރުން އަހަރެން އުޅެނީ ކީއްވެތޯ އެއްސެވެ. އަރީކްގެ ސުވާލުތަކުން އަހަރެންގެ ހިތްވަރު އެލި ބަލިކަށިވާ ގޮތްވިއެވެ. މަޑުމަޑުން ހިތުގެ ލަގަން ދޫވަމުން ދިޔައެވެ. އަމިއްލަ ނަފުސުގެ މައްޗަށް އޮތް ބާރު ގެއްލިއްޖެއެވެ. ދުރަށް ނަޒަރު ހުއްޓައިލުމާ އެކު އަހަރެންނަށް ދެލޯ މަރައި ފިއްތައިލެވުނެވެ. ހިތުގެ ހަގީގަތް އަރީކްގެ ކުރިމަތީގައި ހުޅުވައިލަމުންނެވެ.

*****

އެއީ މީގެ ފަސްއަހަރު ކުރިއެވެ. އާދިލްއާއި އަހަރެން ބައްދަލުވީ ކިޔަވަމުން ދިޔަ ކޮލެޖުންނެވެ. ދެމެދުގައި އެކުވެރިކަން އުފެދުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސް އަހަރެމެންގެ ގުޅުމުގައި ލޯބީގެ ކުލަ ޖެހިއްޖެއެވެ. އާދިލް ދެކެ އަހަރެން ހިތާއި ފުރާނައިން ލޯބިވީމެވެ. ދުވަހަކު ވެސް އެހެން ފިރިހެނަކާ މެދު އެފަދަ ފުން އިހުސާސުތަކެއް މީގެކުރިން އަހަރެންގެ ހިތުގައި އުފެދިފައެއް ނެތެވެ. އަހަރެން ބޭނުންވީ މައިންބަފައިންގެ ހުއްދައާ އެކު އަވަހަށް އެ ގުޅުމުގައި ކައިވެނީގެ ގޮށް ޖަހައިލުމަށެވެ. އެއީ ޚުދު އާދިލް ވެސް ބޭނުންވި ގޮތެވެ.

މައިންބަފައިންނަށް އާދިލް ތަޢާރަފް ކޮށްދިނެއް ކަމަކު އެމީހުން އެހައި ގާޔާވާ ޒުވާނަކަށް އޭނާ ނުވިއެވެ. އާދިލްގެ ލޯބީގައި ދީވާނާވެފައި ވީލެއް ބޮޑުކަމުން އަހަރެންގެ ދެލޮލަށް އާދިލްގެ އެއްވެސް އުނިކަމެއް ނުފެނެއެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެތާއެވެ. އެހެނަސް އަހަރެންނަށް ނުފެނުނު އެތައް އުނިކަމެއް އަހަރެންގެ ވިސްނުން ތޫނު މައިންބަފައިން ދެނެގަތެވެ. އެމީހުން އެ ގުޅުމާ ނުރުހުނީ އެހެންވެއެވެ. އެކަންވީ އަހަރެންގެ ހިތުގައި މައިންބަފައިންގެ މައްޗަށް ފޫހިކަން އުފެދުނު ކަމަކަށެވެ. އަހަރެންގެ އުފަލަށް އެމީހުން ހުރަސްއަޅަނީ ކަމުގައި ހީކުރެވުނެވެ. އާދިލަކީ ރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވާ ޒުވާނަކަށްވުމުން ކަމުނުދަނީކަމުގައި ހީކުރެވުނެވެ. ހަގީގަތަކީ އެއީ ނޫން ކަމުގައި ވިޔަސްވެހެވެ. މައިންބަފައިންގެ ނުރުހުމުގައި ވިޔަސް އަހަރެން ހުރީ އާދިލްއާ އެކުގައި އުޅޭގޮތަކަށެވެ. އޭނާ ބޭނުންވީ ކިޔެވުން ދޫކޮށްލުމަށް ފަހު އަހަރެންނާ ކައިވެނިކޮށްގެން އޭނާގެ އުފަން ރަށަށް ބަދަލުވުމަށެވެ. އެކަމާ އެއްވެސް ދެކޮޅުހެދުމެއް ނެތި އަހަރެން އެއްބަސްވީމެވެ. އަހަރެންގެ މައިންބަފައިން ހިތްހަމަނުޖެހުނަސް ހެޔޮކަމަށެވެ. އެންމެ ފަހުން އަހަރެންގެ މުޅި އާއިލާއާ ދެކޮޅަށް ކޮލެޖުން ވަކިވުމަށް ފަހު އާދިލްއާ ކައިވެނިކޮށް އެރަށަށް އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކުރީމެވެ. ގެއިން ނުކުމެގެން އައީ އަހަރެންނަކީ އެ އާއިލާއާ އެއްވެސް ގުޅުމެއް ނެތް މީހެއްކަމަށް ބުނެފައެވެ. ނުދިއުމަށް އެދި އަހަރެންގެ މައިންބަފައިން ރޮއެ އާދޭސްކުރަމުން ދަނިކޮށެވެ. އެމީހުންގެ ލޮލުން އޮހޮރުނު ކަރުނައަކީ އަހަރެންނަށް މާ މުހިންމު އެއްޗަކަށް ނުވިއެވެ. ހުރިހައި ކަމަކަށް ވުރެ ބޮޑަށް އަހަރެންގެ ހިތުގައިވީ އާދިލެވެ. އަހަންނަށް މުހިންމުވީ އެ ލޯތްބެވެ.

ކައިވެނިކޮށްގެން އާދިލްގެ ރަށަށް ބަދަލުވި ފުރަތަމަ ދުވަސްކޮޅު އޭނާގެ އާއިލާ އަހަންނަށް ނުހަނު ހެވެވެ. އާދިލްގެ ފަރާތުން ވެސް އަހަރެންނަށް ލިބިގެން ދިޔައީ އިންތިހާ ދަރަޖައިގެ ލޯތްބާއި ގާތްކަމެވެ. އެއީ އަހަރެންގެ ހަޔާތުގައި ވެސް އައި އެންމެ އުފައުވެރި ދުވަސްކޮޅެވެ. ހިނިތުންވުން އަހަރެންގެ މޫނުންފިލާ އެންމެ ހިނދުކޮޅެއް ވެސް ނުދެއެވެ. ރަށުން ވަޒީފާއެއް ހޯދައި އާދިލް މަސައްކަތްކުރަން ފެށުމުން އަހަންނަށް ލިބިފައިވި އުފައުވެރިކަން އެތައް ގުނައެއް އިތުރުވީ ފަދައެވެ. އަހަރެން އަބަދުވެސް އުއްމީދުކުރި ފަދަ ޒަވާޖީ ޙަޔާތެއް ލިބުނީކަމުގައި ހީކުރެވުނެވެ. އެހެނަސް.... އާހް... އެ އުފައުވެރިކަމަކީ ވަގުތީ ކަމެއްކަން އަހަރެންގެ ޅަ ސިކުނޑިއަކަށް ނުވިސްނުނެވެ. އެއީ ގަދަ ކޮޅިގަނޑެއް އައުމުގެ ކުރީގައި އެވެރިވާ ހަމަހިމޭންކަން ކަމުގައި ކުޑަކޮށް ވެސް އަހަރެންނަށް ހިއެއް ނުކުރެވުނެވެ. އަހަރެންނަށް ލިބިފައިވި އުފައުވެރިކަން ދެމިއޮތީ މަދު ދުވަސްކޮޅަކަށެވެ. ހާލަތު ބަދަލުވީ އަހަރެން ކުޑަކޮށް ވެސް އެކަމަށް ތައްޔާރުނުވެ ހުއްޓައެވެ. ކަޅު ވިލާތަކުން އަހަރެންގެ ހަފަރާތް ބައްދައިލީ އަންނަން އޮތް ތޫފާނުގެ އިންޒާރުދެމުންނެވެ. މައިންބަފައިންގެ ހިތުގައި ޖައްސައި އެމީހުންގެ ލޮލުން ކަރުނަ އޮހޮރުވައިފައި އައިސް އަހަރެންނަށް ވަކި އުފަލުން އުޅެވިދާނެކަމުގައި ހީކުރެވުނީ ކިހިނަކުން ހެއްޔެވެ؟

ކައިވެންޏަށް ބަރާބަރު ދެމަސްވީތަނާ އާދިލްގެ މިޒާޖަށް މަޑުމަޑުން ބަދަލު އަންނަން ފަށައިފިއެވެ. ރުންކުރުވެފައި އޭނާ ހުންނަ ވަގުތުތައް ގިނައެވެ. އަހަރެން ހީކުރީ އޮފީހުގައި މާބޮޑަށް ބިޒީވުމުން ދިމާވާކަމެއް ކަމަށެވެ. ސުވާލުކުރިއެއްކަމަކު އެދެވޭ ޖަވާބެއް ނުލިބެއެވެ. މައިދައިތައާއި ގޭގެ އެހެންމީހުންގެ އަސްލު ކުލަވަރު ވެސް ފައުޅުވާންފެށީ އެހިސާބުންނެވެ. އެމީހުން ހިތްހަމަޖެހޭ ގޮތަކަށް އަހަރެންނަށް އެއްކަމެއް ވެސް ކުރެވޭ ކަމަކަށް ނުވިއެވެ. އެމީހުންގެ ހިތް ރުއްސުމަށް އަހަރެންނަށް ކުރެވުނު ހުރިހައިކަމެއް ކުރީމެވެ. ނަމަވެސް އެއިން އެއްވެސް ކަމަކީ އެމީހުންގެ ކުރިމަތީގައި އެއްވެސް އަގެއް ހުރި ކަމެއްކަމަކަށް ނުވިއެވެ. މައިދައިތަގެ ނުރުހުމުގެ ބަސްތަކާއެކު އާދިލްގެ ދުލުން ވެސް އަހަރެންނާ މެދު ނުރުހުމުގެ ކުދިކުދި ބަސްތައް ބޭރުވާން ފެށިއެވެ. ރެޔާއި ދުވާލު އަހަންނަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއްކަމާ މެދުގައި ވިސްނެން ފެށިއެވެ. އަހަރެންގެ މުޅި ދުވަސްތައް ފުރެމުންދިޔައީ އެކިކަންކަމާ މެދު ކުރެވެމުންދިޔަ ފިކުރުތަކުންނެވެ. އެ ގޭތެރޭގައި އަހަންނާ މެދު ހަމްދަރުދީވާނެ އެއްވެސް މީހެއް ނެތެވެ. ކޮންމެ މީހެއްގެ ދުލުން ވެސް ބޭރުވަމުންދިޔައީ ނަފުރަތުގެ އަލިފާނުން އަނދަމުންދިޔަ ފަދަ ރުޅިވެރި ބަސްތަކެވެ. ސަބަބު އެއްގޮތަކަށް ވެސް އަހަންނަކަށް ނުވިސްނުނެވެ.

ރޭގަނޑުގެ ވަގުތުތައް އަހަރެން އެކަނި ހޭދަކުރަންޖެހޭ ފަހަރު އައީ އިތުރުވަމުންނެވެ. ހެދުނު އޮފީހަށް ދާގޮތަށް އާދިލް ގެއަށް އަންނަނީ އިރުއޮއްސުނީމައެވެ. އެ އަންނަގޮތަށް ފެންވަރައި ތާޒާވެލައިގެން އޭނާ އަނެއްކާ ވެސް ދަނީ ބޭރަށެވެ. ދެން އަންނައިރު ހުންނާނީ ފަތިސްވާން ގާތްވެފައެވެ. މިވާ ގޮތް ކޮންމެ ވެސް ވަރަކަށް އަހަންނަށް އިހުސާސުކުރެވެން ފެށިއެވެ. ހިތްވަރުކޮށްފައި އާދިލްއާ ސުވާލުކުރުމުން އަހަރެންނަށް ލިބުނީ އެ އަތުގެ ހަމަލާއެކެވެ. ލިބުނު ޝޮކުގައި ބަސްހުއްޓިފައި އަހަންނަށް ހުރެވުނީ މީގެ ކުރިން ދުވަހަކު ވެސް އާދިލް އަހަންނަށް އަނިޔާކޮށްފައި ނުވުމުންނެވެ. އެރޭ އަހަންނާ ދިމާއަށް ހަޑިހުތުރު އެތައް ބަސްތަކެއް ކިޔުމަށް ފަހު އެއީ އަހަންނާ ބެހޭކަމެއް ނޫންކަމުގައި އޭނާ ބުންޏެވެ. އެރެއަށް ފަހު އަހަރެންގެ ދެލޮލުން ކަރުނަ ހިކޭ އެންމެ ހިނދުކޮޅެއް ވެސް ނާދެއެވެ. އާދިލްގެ ފުށުން އަހަންނަށް ލިބެމުންދިޔަ އަނިޔާގެ އިތުރުން މައިދައިތައާއި އެއާއިލާގެ ފުށުން ވެސް އަހަންނަށް އެތައް މަލާމާތަކާއި ފުރައްސާރައަކާ ކުރިމަތިލާން ޖެހުނެވެ. ހިތުގައި ލަމުންދިޔަ ޒަޚަމްތައް އަހަރެންގެ ހަށިގަނޑުގައިވީ ޒަޚަމްތަކަށްވުރެ ފުންވެފައިވިއެވެ. ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައި ވަނިކޮށް އަހަންނަށް ކުޑަވެސް އުއްމީދެއް ލިބުނީ އަހަރެންގެ ބަނޑުގައި ކުޑަކުޑަ ފުރާނައެއް އަށަގަންނަމުން އައި އުފައުވެރި ޚަބަރުންނެވެ. އެ ޚަބަރާ އެކު އަހަރެން ގެއަށް ދިޔައީ އެކަމުން އެމީހުންގެ ހިތުގައި އަހަރެންގެ މައްޗަށް ކުޑަ ނަމަވެސް ރަހުމެއް ނުވަތަ ހަމްދަރުދީއެއް އުފެދޭނެކަމުގައި ހީކުރަމުންނެވެ.

(ނުނިމޭ)

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!