ޑޮލަރު ވިއްކާނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދިކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ
އައްޑޫ ސިޓީ ،ގަމު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ޑޮލަރު ވިއްކާނެކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް މީހަކު ހޯދަން ފުލުހުން އިއުލާނު ކުރައްވައިފިއެވެ.
ފުލުހުން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވެފައި ވަނީ، މި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއާއި އާއިލާއަށް ވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް އޭނާ ހާޒިރުވުމަށް އަންގައި އިއުލާނު ކުރާކަމަށެވެ.
ފުލުހުން ހޯދަން އިއުލާނު ކޮށްފައިވަނީ ނ. މިލަދޫ / ކަންމަތީގެ، ޢަލީ ޞަބާޙް (30އ)، އައިޑީކާޑު ނަންބަރު A392520 އެވެ.
ޞަބާޙް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފައި ވަނީ، ޑޮލަރު ވިއްކާނެކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށެވެ.
މި މައްސަލައާ ގުޅިގެން ޞަބާޙް ހާޒިރުވާން ޖެހެނީ ޝަހީދު ޙުސައިން އާދަމް ބިލްޑިން ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް، 2022 އޭޕްރީލް 30ވަނަ ދުވަހުގެ 12:00އަށެވެ.
ޞަބާޙްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ގަމު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792058އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުން އިލްތިމާސް ކުރައްވައިފައިވެއެވެ.