ޚަބަރު ޝަރުޢީ ދާއިރާ

ފައިސާ ލިބުނީ ޑޮލަރު ގަތުމުން، އެއީ ރިޝްވަތެއް ނޫން: ވަކީލުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ރައީސް ޔާމީން.. ފޮޓޯ: ރާއްޖެ.އެމްވީ

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ހިފިކަމުގެ ތުހުމަތު އުފުލިފައިވާ ކުރީގެ ރައީސް,ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރިޝްވަތު ނަންގަވައިފައި ނުވާ ކަމަށާއި އަދި އެ މަނިކުފާނަށް ލިބިވަޑައިގަތް ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްކަމަށް ޔާމީންގެ ވަކީލުން މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުފުޅު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަމުގެ ތުހުމަތުގައި، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލައިފައި ވަނީ ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާއާއި މަނީ ލޯންޑްރިންގެ ދައުވާއެވެ. ރައީސް ޔާމީނަށް ރިޝްވަތު ދިން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ ކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ އެންމެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، ޔޫސުފް ނައީމްގެ ކުންފުންޏަކަށް އާރަށް ހޯދައިދިނުމަށް ޓަކައި ރައީސް ޔާމީން ނުފޫޒު ފޯރުއްވައި އަދި ރިޝްވަތުގެ ނެންގެވި ކަމަށް ދައުވާގައި އޮތަސް، އެ ރަށް ކުއްޔަށް ދީފައި އޮތީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި ރައީސް ޔާމީނަށް ލިބިވަޑައިގަތް ފައިސާއަކީ އެކަމާ އެއްވެސް ގުޅުމެއް ހުރި ފައިސާއެއް ނޫން ކަމަށާއި އެއީ ޑޮލަރު ގަތުމުގެ ވިޔަފާރީގެ މުއާމަލާތެއް ކަމުގައި ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.

އެހެންކަމުން އެއީ ސައްހަ ވިޔަފާރިއެއްގެ އުސޫލުން ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވާ ފައިސާއަށް ވާއިރު، އެ ފައިސާ ރައީސް ޔާމީން ބޭނުންފުޅު ކުރެއްވުމަކީ މަނީ ލޯންޑާކުރުން ކަމުގައި ނުބެލެވޭނެ ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.

ޑރ. ޖަމީލްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ދައުލަތުން ވިދާޅުވީ، އެ މުއާމަލާތް ހިންގެވި އިރު ރައީސް ޔާމީން ހުންނެވީ ރައީސްކަމުގައި ކަމަށް ވާތީ ގާނޫނުއަސާސީ އޮތްގޮތުން ވިޔަފާރި ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

ދައުލަތުގެ ވަކީލުން އެފަދައިން ވިދާޅުވުމުން، މައްސަލައާ ނުގުޅޭ ވާހަކަތައް ދައުލަތުން ދައްކާ ކަމަށް ވިދާޅުވެ ރައީސް ޔާމީންގެ ވަކީލުން އިއުތިރާޒްކުރެއްވިއެވެ. އަދި އެ އިއުތިރާޒް ބަލައިގަނެ، މައްސަލައިގެ ބޭރުން ވާހަކަ ނުދައްކަން އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ދައުލަތަށް އެންގެވިއެވެ.

މިއަދުގެ އަޑުއެހުމުގައި ދެފަރާތުގެ ވާހަކަތަކަށް ފަހު އިސްގާޒީ ނިންމެވީ މަދަނީ މިންގަނޑުން ބަލާއިރު ރައީސް ޔާމީންގެ މައްޗަށް ކޮށްފައި މިވާ ދައުވާތަކުގެ މައްސަލަތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން 15 ދުވަހުގެ މުއްދަތެއް ވެސް ދެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!