ގާސިމްގެ މަރު: ރިޕޯޓު ތައްޔާރުކުރި ޑޮކްޓަރުގެ ހެކިބަސް އަދި ނުނެގޭ
ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރައިލި މައްސަލައިގައި މެޑިކޯ ލީގަލް ރިޕޯޓާއި ޑެތު ސަމަރީ ރިޕޯޓު ތައްޔާރުކުރި ޑޮކްޓަރުގެ ހެކިބަސް އަދި ނުނެގޭކަމަށް ދައުލަތުން ބުނެފިއެވެ.
މި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލައިފައި ވަނީ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ އަދުހަމްއާ ދެކޮޅަށް ދައުލަތުން ހުށަހަޅައިފައިވާ ތިން ހެއްކެއްގެ ހެކިބަސް ނެގުމެވެ.
އެގޮތުން ގާސިމް މަރައިލައިފައި އޮތް އިރު އެ ސަރަހައްދު ބަލައި ފާސްކުރި އޮފިސަރު ބުނީ ކުރިކީލަމަގު ބަލައި ފާސްކުރަމުން ދިޔައިރު ގަސްތަކެއްގެ ތެރޭ ހުރި ވަޅުގަނޑަކުން ދިގުމިނުގައި 12 އިންޗި ހުރި ވަޅިއެއް ފެނިފައިވާ ކަމަށެވެ. ނަމަވެސް އެ ވަޅީގެ ބޭރުފުށުން އެއްވެސް ކަމެއް ފާހަގަ ނުވާ ކަމަށް ބުންޏެވެ.
އެ ސަރަހައްދުން ފެނުނު ވަޅިން ތިން މީހެއްގެ ޑީއެންއޭ ފެނުނުކަމަށް ޑީއެންއޭ ތަހުލީލުކުރި އޮފިސަރު ވަނީ ހެކިބަސް ދީފައެވެ. އެގޮތުން އެ ވަޅިން ގާސިމް އަދި އަދުހަމްގެ އިތުރުން ކާކުކަން ނޭނގޭ ތިންވަނަ މީހެއްގެ ޑީއެންއޭ ފެނުނުކަމަށް ވެސް ބުންޏެވެ. އަދި ގާސިމް ދުއްވި ކާރުންނާއި އެ ސަރަހައްދުން ގިނަ ސާމްޕަލްތަކެއް ނެގި ކަމަށް ވެސް ހެކިބަސް ދީފައިވެއެވެ.
ހެކިބަސް ދިން މީހާ އިތުރަށް ބުނީ، މި މައްސަލައިގައި އަޅައިކިޔަން ބޭނުން ކުރި ރިފަރަންސް ސާމްޕަލަކީ އެހެން މައްސަލައެއްގައި ނަގައިފައިވާ ސާމްޕަލެއް ކަމަށެވެ. އެގޮތުން މި މައްސަލައިގައި ބޭނުންކޮށްފައި ވަނީ ކުރިން ފޭރުމުގެ މައްސަލައެއްގައި ފުލުހުން ނަގައިފައިވާ ސާމްޕަލެކެވެ.
ގާސިމް މަރައިލި މައްސަލައިިގެ ތަހުގީގުގައި ވީޑިއޯ އެންޑް އިމޭޖް އެނަލިލިސް ހެދި އޮފިސަރު ވެސް ވަނީ ހެކިބަސް ދީފައެވެ. ގާސިމް މަރައިލި ދުވަހު އަދުހަމް އުޅުނު ތަންތަނާއި ކުރި ކަންކަން އެނގޭ ބައިވަރު ސީސީޓީވީ ފުޓޭޖްތަކެއް ތަހުލީލުކޮށްފައި ވާނެ ކަމަށް އޭނާ ބުނެފައިވެއެވެ. އެގޮތުން އަދުހަމް މާލެއާއި ހުޅުމާލޭގައި ހަރަކާތްތެރިވެފައިވާ ކަމަށް އޭނާ ވަނީ ހެކިބަސް ދީފައެވެ.
މި މައްސަލައިގައި ދައުލަތުން ހުށަހެޅި ތިން ހެކިވެރިއެއްގެ ހެކިބަސް އަދިވެސް ނުނެގި އެބައޮތެވެ. އެއީ މެޑިކޯ ލީގަލް ރިޕޯޓާއި ޑެތު ސަމަރީ ރިޕޯޓު ތައްޔާރު ކުރި ޑޮކްޓަރުގެ ހެކިބަހާއި، ފުލުހެއްގެ އިތުރުން އާންމު މީހެއްގެ ހެކިބަހެވެ.
ދައުލަތުން ކުރިން ބުނެފައި ވަނީ މެޑިކޯ ލީގަލް ރިޕޯޓާއި ޑެތު ސަމަރީ ތައްޔާރުކުރި ޑޮކްޓަރު މިވަގުތު ރާއްޖޭގައި ނެތުމުން އޭނާގެ ބަދަލުގައި އެހެން ޑޮކްޓަރަކު ކޯޓަށް ހާޒިރުކުރުމަށް ހެލްތު މިނިސްޓްރީއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.