ކޮވިޑް ޖެހުނު 72 މީހަކު އެޑްމިޓް ކޮށް ފަރުވާ ދޭން ފަށައިފި
ކޮވިޑް-19 އަށް ފައްސިވި 72 މީހަކު އެޑްމިޓް ކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިބައްޔަށް ރާއްޖޭގައި ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދު 1305 އަށް އިތުރުވެފައިވާ ކަމަށެވެ. މީގެތެރެއިން 72 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. މީގެތެރެއިން 65 މީހުންނަށް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދާއިރު ވެންޓިލޭޓަރުގައި ދެ މީހަކަށް ދަނީ ފަރުވާދެމުންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަސް މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
އެޗްޕީއޭ އިން ރޭ ބުނީ އިއްޔެ އިތުރު 156 މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ. މި އަދަދާއި އެކު މިބަލި ޖެހުނު މީހުންގެ ޖުމްލަ މިހާރު މިވަނީ ގާތްގަޑަކަށް 4000 ގާތްކޮށްފައެވެ.
ކޮވިޑުން ރައްކާތެރިވުމަށް މާލެ ސަރަހައްދު ފުރަބަންދުގައި އޮންނަތާ 40 ދުވަސްފަހުން ފުރަބަންދު އުވާލާ ދިން ލުއިތަކާއި އެކު ދިވެހިންގެ ތެރޭގައި މި ބަލި ފެތުރޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އަދި މާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްތަކުންވެސް މި ބަލީގެ މީހުން އަންނަނީ ފެންނަމުންނެވެ. އެޗްޕީއޭއިން ރޭ އާއްމުކުރި ހިސާބުތައް ދައްކާގޮތުން މާލޭ އިތުރުން 10 ރަށަކުން މި ބަލީގެ މީހުންވަނީ ފެނިފައެވެ.