ޑެޕިޔުޓީ ކޮންސިލް ސަޢީދު ، ކޮވިޑްގެ ޕެންޑަމިކްގައި ފާމަސިސްޓަކަށް!

(ޓްރިވެންޑްރަމް، އިންޑިއާ) މި ރަށުގައި ހުންނަ ދިވެހީންގެ ސިފާރުޚާނާގައި އިބްރާހީމް ސަޢީދު މުޙައްމަދުގެ މަސައްކަތަކީ މިތަނުގައި އުޅޭ ދިވެހީންނަށް އައިޑީކާޑާއި ޕާސްޕޯޓްގެ އެކި ޚިދުމަތް ދިނުމާއި ދަތުރުފަތުރުގައި ދަތިވާކަންކަމުގައި އެހީތެރިވެދިނުމެވެ. މި މަސައްކަތުގައި އަހަރުތަކާއި ދުވަސްތައް ހޭދަކުރަނިކޮށް އެ ޚިދުމަތްތައް ވެސް އޮންލައިންކޮށް ގޭގައި މަޑުކުރަން މަޖުބޫރު ކުރުވީ ކޮވިޑް19ގެ ޢާލަމީ ވަބާއެވެ.
މި ވަބާގައި އެންމެންގެ ދިރިއުޅުން ހަނިކޮށް ދަތިކޮށްލިއެވެ. އާންމުކޮށް ކުރަމުން ދިޔަ ކޮންމެ ކަމެއްގައި ވެސް އެހެން ގޮތެއް ހޯދަން ޖެހުނެވެ. ބޯޑަރުތައް ބަންދުކުރުމާ އެކު އެކުލާމެހިފައި މި އޮތް ދުނިޔޭގެ ކަން ހިނގާ މިސްރާބު ބަދަލުވެ ފުރޮޅުނެވެ. މިއާ އެކު އެންމެ ބޮޑު ދަތިކަމެއް ލިބުނީ ދިގު މުއްދަތަށް ބޭސްކުރާ މީހުންނަށެވެ. އެހެންކަމުން ގޭގައި ހުރި ސަޢީދަށް ޒިންމާ އިތުރުވެ އިސްސަފަށް ނިކުތެވެ.
ސަޢީދުއާއި އޭނާގެ ޓީމަށް ޖެހުނީ ކޮންސިޔުލޭޓްގައި ބޭސް ނަންބަރެއް ހުޅުވައި ރާއްޖެއަށް ބޭސް ފޮނުވުމުގެ ކަންތައް ހަމަޖައްސާށެވެ. ޑޮކްޓަރީ ބޭހުގެ އިލްމު އެއްވެސް ވަރަކަށް ލިބިފައި ނެތް ނަމަވެސް ސައީދާއި އޭނާގެ ޓީމުގެ މެންބަރުން ޖެހުނީ ފާމަސިސްޓުންނަށް ވާށެވެ.
އެ މަސައްކަތް ސައީދާއި ކޮންސިއުލޭޓުގައި ތިއްބަވާ އިތުރު ފަސް މުވައްޒިފުން ފެއްޓެވީ، އޮފީހުގެ އާންމު މަސައްކަތްތައް ވެސް ތަރުތީބުން ރާވައިލުމަށް ފަހުގައެވެ.
ޓްރިވެންޓްރަމްގައި ހުންނަ ދިވެހި ރާއްޖޭގެ ކޮންސިއުލޭޓްގައި މަސައްކަތް ކުރަނީ ޖުމްލަ ފަސް ދިވެހި މުވައްޒިފުންނާއި އިންޑިއާގެ ހަ ބިދޭސީންނެވެ. ކޮވިޑް-19އާ އެކު، ކޮންސިއުލޭޓުގައި ވެސް ތަޅުއެޅުވި މަސައްކަތްތައް އޮންލައިން ކުރެވިގެން ދިޔައެވެ. ގޭގައި މަސައްކަތް ކުރަން ފަސޭހަވި ނަމަވެސް، ސައީދުގެ ޓީމަށް އެ ގޮތެއް ކަމަކު ނުދިޔައެވެ. އޮފީހަށް ނިކުމެ މަސައްކަތް ކުރެވޭ އެންމެ އަަވަސް ތާރީޚަކަށް ތިބީ ފޫގަޅައިގެންނެވެ.

ސައީދު "ދެން"ގެ ޓީމާ ވާހަކަ ދައްކަނީ.. ދެން އިމޭޖްސް
މިހެން ތިއްބައި ދިވެހިންނަށް ކުރިމަތިވީ ބޮޑު ކާރިސާއާއެކެވެ. މުޅި ދުނިޔެ ފުރަބަންދުކުރުމުން ރާއްޖޭގެ ބޭހުގެ ސްޓޮކް ދަށްވާން ފެށިއެވެ. ދިގު މުއްދަތަކަށް ބޭނުންކުރާ ބޭސްތައް އެއްކޮށް ކަހަލަ ގޮތަކަށް ބޭސް ފިހާރަތަކުން ހުސްވިއެވެ. ޤައުމުތަކުން ބޭސް ބޭރުކުރުން މަނާ ކުރިއެވެ. ދިވެހިން ބޭހަށް ޖެހުނެވެ.
އެ ވަގުތު އެކަމުގައި ކޮންސިޔުލޭޓުން އަވަސް ފިޔަވަޅުތަކެއް އެޅިއެވެ. އިންޑިއާއިން ބޭސް ބޭރުކުރުން މަނާކޮށްފައިވީ ނަމަވެސް، ބޭސް ސިޓީތަކަށް ބޭސް ބޭރު ކުރުމުގެ ހުއްދަ ހޯދައި އިންޑިއާގައި ދިވެހިން އެންމެ ބައިބޯ ސިޓީގައި ހުންނަ ދިވެހި ރާއްޖޭގެ ކޮންސިއުލޭޓުން އެ މަސައްކަތް ފެށިއެވެ.
މަސައްކަތުގެ މާހައުލުގައި ސައީދުގެ ހިތުން ފޮހެވިގެން ނުދާނެ އެ ދުވަސްތަކުގެ ހަނދާންތައް އައުކޮށްލުމަށް އަހަރެމެން އިޚްތިޔާރުކުރީ ސްޓާބަސް ކޮފީ ޝޮޕެކެވެ. ރިކޯޑަރުގެ އިތުރުން ފޮތާއި ގަލަން ނަގައި އަހަރެން ހަމަޖެހިލި އިރު ކޮފީގެ ވަސްގަނޑު އޮތީ ވާހަކަތަކަށް މަރުޙަބާ ކިޔައިފައެވެ. ފޮދުވަރެއް ދަމާލައި ސަޢީދުގެ ވިސްނުން އެ ދުވަސްތަކަށް ގެންގޮސް ހުއްޓުނީ ކަންބޮޑުކަމެއްގެ ތެރޭގައެވެ.
"ދިވެހިން ހާދަ ގިނަ ބޭސްކައޭ" ދިރާސާއެއް ނުހެދި ނަމަވެސް އެކި ބަލިބައްޔަށް ދިވެހީން ބޭސް ކާ މިންވަރު ލޮލުން ދެކެ އަތުން ހިފި ތަޖުރިބާއިން ނަގައިގަނެވުނު ފިލާވަޅު އޭނާ ކިޔައިދިނެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އެދުމަކަށް ޓްރިވެންޑްރަމްގެ ކޮންސިއުލޭޓުން މަސައްކަތް ކުރީ، ރާއްޖެއިން ލިބެން ނެތް، ނުވަތަ ލިބުން ދަތި ، ދިގު މުއްދަތަކަށް ކާ ބޭސް ދިވެހިންނަށް ފޯރުކޮށްދޭށެވެ. މިކަން ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރެވުނެވެ.

ބޭސްތައް ރެޖިސްޓްރީ ކުރުމަށް ޚާއްސަ ޑެސްކެއް ކޮންސިއުލޭޓްގައި އޭރު ހުރި
މިގޮތުން އިންޑިއާއިން ނަގާ ޑޮކްޓަރީ ބޭސް ކޮންސިއުލޭޓް މެދުވެރިކޮށް ރާއްޖެ ގެނެވޭނެ ގޮތް ހެދިއެވެ. އިންޑިއާގައި ހުރި އާއިލާގެ މީހެއް ނުވަތަ ރައްޓެއްސެއް މެދުވެރިކޮށް ބޭސް ފިހާރައަކުން ބޭސް ނެގުމަށް ފަހު، ކޮންސިއުލޭޓް އޮފީހަށް ބޭސް ފޯރުކޮށްދިނުމުން، ރާއްޖޭގެ އެ މީހެއް ދިރިއުޅޭ ގެއާ ހަމައަށް ބޭސް ގެންގޮސްދެއެވެ. ބޭސްތައް އެއީ ބޭސް ސިޓީގައި ހުރި ބޭސްތޯ ރަނގަޅަށް ޗެކްކޮށް، އެ ޕެކްކޮށް، ލޭބަލް ޖަހަނީ ސައީދުގެ ޓީމުންނެވެ. ބޭސްތައް ގެންދަނީ މޯލްޑިވިއަންގެ ކާގޯ ފްލައިޓުންނެވެ. ފްލައިޓުން ނަގައިގެން ބޭސްތައް ގޭ ދޮރަށް ގެންގޮސްދެނީ ފޮރިން މިނިސްޓްރީގެ އެހީތެރިކަމާ އެކު އެމްއެންޑީއެފާއި ފުލުހުން އަދި ރެޑް ކްރެސެންޓްގެ ހީވާގި ޓީމުންނެވެ. ކޮވިޑް-19ގެ ފުރަބަންދުގެ ދުވަސްވަރު ކޮންމެ ހަފްތާއަކު އެއްފަހަރު މިގޮތަށް ރާއްޖެއަށް ބޭސް ފޯރުކޮށްދެމުން ދިޔައެވެ.

ބޭސްތައް ކެޗް ކުރުމުގައި ކޮންސިއުލޭޓްގެ ޓީމުން ހަރަކާތްތެރި ވަނީ
"ބޭސްތައް ވަރަށް ރަނގަޅަށް ޗެކްކޮށްފައި ރާއްޖެއަށް ފޮނުވަނީ. މިކޮޅަށް ވަރަށް ގިނަ ބޭސް ސިޓީތައް އައި. ހާހަކަށް ވުރެ ގިނަ މީހުންގެ، އެތައް ސަތޭކަ ކިލޯއެއްގެ ބޭސް ފޮނުވިން" ސައީދު ކިޔައިދިނެވެ.
"ކޮންސިއުލޭޓުން ބޭސް ގަނެއެއް ނުދޭނެ، އެ ބޭފުޅުން ޖެހޭނީ، މިކޮޅުގައި ފެމިލީ ބޭފުޅެއް ނޫނީ ރައްޓެއްސެއް އުޅެންޏާ، އެ ބަޔަކު ލައްވައި ގަނެގެން (ހަވާލުކުރަން)، އޮންނާނެ ފޯމެއް ފުރާލަން ޖެހޭ. އެއީ މިކޮޅުން ހުއްދަ ނަގަން ޖެހޭ ކަމަށްވާތީ، ފުރަން ޖެހޭ މައުލޫމާތު."
ސައީދު ކިޔައިދިން ގޮތުގައި ބޭސްތައް ފޮނުވުމުގައި ފުރަތަމަ ދަތިތަކެއް ހުއްޓަސް އެކަން ފަހުން ފަސޭހަވެގެން ދިޔައެވެ.

ރާއްޖެ ގެންދިއުމަށް ބޭސްތައް ޕެކްކޮށްފައި
"ފުރަތަމަ ދަތިތަކެއް ދިމާވި. ބޭސް ފަދަ ތަކެތި އިންޑިއާއިން ބޭރު ކުރުމުގެ ހުއްދަ ނެތުމުން. ރާއްޖެއާއި އިންޑިއާއާ އޮންނަ ގާތްގުޅުމުގެ ތެރެއިން، ދެ ސަރުކާރުން މަޝްވަރާ ކުރުމަށް ފަހު ލުއިތަކެއް ދެވިގެން ދިޔައީ" ބޭސް ފޯރުކޮށްދިނުމުގައި ދިމާވި ގޮންޖެހުންތައް ހިއްސާ ކުރަމުން ސައީދު ކިޔައިދިނެވެ.
ސައީދާއި އޭނާގެ ޓީމުން އެ ކުރީކީ ކުޑަ މަސައްކަތެއް ނޫނެވެ. އެއީކީ ކުޑަކުޑަ އެހީތެރިކަމެއް ވެސް ނޫނެވެ. ކޮވިޑް-19ގެ އެންމެ ދަތި ދުވަސްވަރު މުޅި ދިވެހީން ދެއްކި ނަމޫނާގައި ހިންދުކަރައިގައި ތިބި ޒިންމާވެރީން ވެސް ބައިވެރިވީ ގައުމީ މަސައްކަތަށް މަރުޙަބާ ކިޔަމުންނެވެ.
މިއީ ކޮންސިއުލޭޓް އިން ކޮށްދިން ވަރަށް ފުރިހަމަ ޙިދުމަތެއް. އަޅުގަޑުގެ މަންމަގެ ބޭސް ހުސްވެ ހާލުގަ ޖެހުނު ވަގުތު އެހީތެރިވި ބަޔަކީ މި ބޭފުޅުން. ވަރަށް ރަގަޅު.