އައްޑޫ ޖިންސީ ގޯނާގެ މައްސަލަ: ތުހުމަތު ކުރި 59 އަހަރުގެ އަންހެން މީހާ ދޫކޮށްލައިފި
އައްޑޫ ސިޓީގައި އުމުރުން ހަ އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަންހެން މީހާ މިނިވަންކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި އުމުރުން ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މާރިޗު މަހުގެ 23 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން އުމުރުން 59 އަހަރުގެ ދިވެހި އަންހެނެއް މާރިޗް 24 ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި ކަމަށެވެ.
އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތުން ގޮތެއް ނިންމަންދެން ބަންދު ކޮށްފައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރި ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލަ ހުށަހެޅުމާ އެކު ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރިއަށް ގެންގޮޮސް މައްސަލައާ ގުޅިގެން ސުވާލު ކުރަންޖެހޭ އެންމެހާ ފަރާތްތަކާ ސުވާލުކޮށް، ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް ވެސް ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އެގޮތުން މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ހޯދާފައިވާ އެންމެހައި ހެއްކާއި ގަރީނާ، އަދި މައްސަލައާ ގުޅުންހުރި އެންމެހާ ލިޔެކިޔުންތަކާއެކު، ޖިނާއީ ދައުވާއެއް ކުރުމާމެދު ގޮތެއް ނިންމަވައިދެއްވުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިމަހުގެ 20 ވަނަ ދުވަހު މައްސަލަ ވަނީ ފޮނުވައިފައި ކަމަށާއި މި މައްސަލައިގެ ތަހުގީގުގައި ހޯދައިފައިވާ ހެއްކާއި ގަރީނާ ވަޒަން ކުރުމަށް ފަހު، ޖިނާއީ ދައުވާއެއް ކޮށްގެން ކުށް ސާބިތު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާކަމަށް ބަޔާން ކުރައްވައި މިއަދު ޕީޖީ އޮފީހުން ވަނީ މިމައްސަލަ އަނބުރާ ފޮނުއްވައިފައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
"އެހެންކަމުން މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުގައި ހުރި މީހާ 21 އޭޕްރިލް 2022ވަނީ ދުވަހުގެ ރޭ ވަނީ ބަންދުން ދޫކޮށްލައިފައި" ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ފުލުހުން ވިދާާޅުވެފައި ވަނީ މި މައްސަލައިގެ ތަހުގީގަށް ލިބުނު ހުރިހައި މައުލޫމާތެއްގެ ވަށައިގެންވާ އެންމެހއި ކަންކަން ބަލައި، އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދުމަށް މި މައްސަލައިގެ ތަހުގީގުގައި ފުލުހުން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ހައްޔަރު ކުރި މީހާ ފިޔަވައި، އިތުރު މީހެއް ނުވަތަ ބައެއްގެ މައްޗަށް ތުހުމަތު ކުރެވޭ ވަރުގެ އެކަށީގެންވާ ހެއްކެއް ނުވަތަ ގަރީނާއެއް ތަހުގީގަށް ލިބިފައި ނުވާކަމަށް ފުލުހުން ވިިދާޅުވެފައިވެއެވެ.