ރިޕޯޓް

ޑައިއާއި އޭނާގެ ކުޑަ ޓީމާއި ބޮޑު މަސައްކަތް!

މުޙައްމަދު އަރީޙް ، ދެން އޮންލައިން

(ޓްރިވެންޑްރަމް، އިންޑިއާ) މިއީ ސިލޯނުގެ ކޮޅުނބު ފިޔަވައި ރާއްޖޭއިން ބޭރުގައި އެންމެ ގިނަ ދިވެހީން ދިރިއުޅޭ ރަށެވެ. ބޭސްވެރިކަމާއި ކިޔެވުމާއި ވިޔަފާރިއާއި މި ނޫން ވެސް ގިނަ ބޭނުންތަކުގައި އެތައް އަހަރެއް ވަންދެން މި ރަށުގައި ދިރިއުޅެމުން އަންނަ ދިވެހީން ގިނައެވެ. ޘަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅީގައި ދިވެހީންނާއި އެއްގޮތް ކަންތައްތަކެއް ހުންނަ މި ރަށުގެ ކިިތަންމެ ބަޔަކު ވަނީ ދިވެހީންނާ ވެސް ގުޅިފައެވެ. ކައިވެނިކޮށް އެ ކައިވެންޏަށް ދަރީން ލިބި އެތައް އާއިލާތަކެއް ވަނީ ގުޅިލާމެހިފައެވެ.  އެހެންކަމުން އެ އާއިލާތަކާއި އެކި ބޭނުންތަކުގައި މި ތަނުގައި ދިރިއުޅޭ ދިވެހީންގެ ކަންކަން ހަމަޖެއްސުމަށް މި ރަށުގައި ދިވެހި ކޮންސިޔުލޭޓެއް ހުރެއެވެ.

Ads by Sosun Fihaara

ރާއްޖޭގެ ފޮރިންގ މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ އެންބަސީ ހުންނަނީ ޖުމްލަ 16 ޤައުމެއްގައެވެ. އެންބަސީގެ އިތުރުން ކޮންސިއުލޭޓެއް ހުންނަނީ ސައުދީގެ ޖިއްދާގެ އިތުރުން އަވައްޓެރި އިންޑިއާގެ ޓްރިވެންޑްރަމްގައެވެ.

"ދެން"ގެ ފައްސިޔަ ޓީމުން އިންޑިއާއަށް ކުރި ދަތުރުގައި އިންޑިއާ ޓްރިވެންްޑްރަމްގައި ހުންނަ ކޮންސިއުލޭޓް ޖެނެރަލްއަށް ޒިޔާރަތްކޮށްލީމެވެ. ފަޚްރުވެރި ދިވެހި ދިދައިގެ ދަށުގައި މަސައްކަތް ކުރާ އެ ކޮންސިއުލޭޓްގައި މަސަައްކަތް ކުރަނީ އެހައި ފަޚްރުވެރި ދިވެހި ދަރިންތަކެކެވެ. އަމިއްލަ ވަޒަން ދޫކޮށް، ބޭރު ކަރައެއްގައި ތި ކުރާ ޤައުމީ ޚިދުމަތަށް އައްސަރިބަހާއި ސާބަހެވެ.

ރާއްޖޭގެ އެންބަސީއިންނާއި ކޮންސިއުލާގެ މަސައްކަތް އޮޅުން ފިލުވައިލުމަށް ބައްދަލުކޮށްލީ ކޮންސިއުލާ ޖެެނެރަލް އޮފް ރިޕަބްލިކް އޮފް މޯލްޑިވްސް، ތްރިވަންތަޕޫރަމް، އިންޑިއާ، އައިމިނަތު އަބްދުﷲ ދީދީ (ޑައި) އާއެވެ.

"ދެން" އަށް ޑައި މައުލޫމާތު ދެއްވަނީ.. ދެން އިމޭޖްސް/ޒައީމް

ކޮންސިއުލޭޓްއިން މައިގަނޑު ގޮތެއްގައި ދޭ ޚިދުމަތްތައް

ޓްރިވަންތަޕޫރަމް (ޓްރިވެންޑްރަމް)ގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ ބެލެނިވެރި ފަރާތަކީ ދިއްލީގައި ހުނުްނަ ރާއްޖޭގެ އެންބަސީގެ އިތުރުން ރާއްޖޭގެ ފޮރިންގ މިނިސްޓްރީއެވެ. މި ކޮންސިލުލޭޓްގެ ޖުރިޝްޑިކްޝަންގައި ހިމެނެނީ ކެރެލާ ސްޓޭޓެވެ. ކެރެލާ ސްޓޭޓްގެ ސިޓީތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ދިވެހިން އުޅެނީ އަދި ދަތުރު ކުރަނީ މައިގަނޑު ދެ ސިޓީއަކަށެވެ. އެއީ، ޓްރިވެންޑްރަމްއާއި ކޮޗިންއެވެ.

ޑައި ވިދާޅުވާ ގޮތުގައި ކެރެލާ ސްޓޭޓްގައި ޖުމްލަ 300 މީހުން ރެޖިސްޓްރީވެގެން ދިރިއުޅެއެވެ. އިންޑިއާގައި ދިރިއުޅޭ ދިވެހިން ކޮންސިއުލޭޓްގައި ރެޖިސްޓްރީ ކުރުމަކީ ކޮންމެހެން މަޖުބޫރު ކަމެއް ނޫނެވެ. ނަމަވެސް އެކަމަށް ކޮންސިއުލޭޓްއިން ބާރު އަޅައެވެ. ޑައި ވިދާޅުވީ، ކޮންސިއުލޭޓްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި އެމަޖެންސީ ހާލަތެއްގައި ދިވެހިން ލޮކޭޓް ކުރުމަށް މިކަން ކުރުމުން ފަސޭހަވާނެއެވެ.

ކޮންސިއުލޭޓްގައި ރެޖިސްޓްރީ ވާން އެއީ މާ އުދަނގޫ ކަމެއް ނޫނެވެ. ކޮންސިލޭޓުން ހިންގަމުން އަންނަ ވައިބާ ކޮމިއުނިޓީގެ ލިންކް މެދުވެރިކޮށް، ފޯމެއް ފުރައިލައިގެން މި ކަންކޮށްލެވޭނެއެވެ.

ކޮންސިއުލޭޓްގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ޑައި ވިދާޅުވެއެވެ. ހަމައެކަނި އޮފީސް ހުޅުވައިފައި ހުންނަ ވަގުތުގައެއް ނޫނެވެ. އޮފީހުގައި ނޫން ނަމަ ކޮންސިއުލޭޓްގައި މަސައްކަތް ކުރައްވާ ފަސް ދިވެހި ޑިޕޮލޮމެޓުން ވައިބާގައި ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ޑައިގެ ވާހަކަފުޅުގައި ކޮންސިއުލޭޓުން ދޭ ބައެއް ޚިދުމަތްތަކަށް ވަނީ އަލިއަޅުއްވައިލައިފައެވެ. މިގޮތުން ރާއްޖޭގެ ޑިޕާޓްމެންޓް އޮފް ރެޖިސްޓްރޭޝަންއާ ގުޅިގެން، ކޮންސިއުލޭޓް މެދުވެރިކޮށް އައިޑީކާޑު ހެއްދުމާއި އައުކުރުމާއި އިމިގްރޭޝަން މެދުވެރިކޮށް ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ވެސް ކޮންސިއުލޭޓުން ދެއެވެ. އިންޑިއާގައި ހުއްޓާ ޕާސްޕޯޓް ނުވަތަ އައިޑީ ކާޑު މުއްދަތު ހަމަވެއްޖެ ނަމަ، ރާއްޖެ ނުގޮސް ކޮންސިއުލޭޓް މެދުވެރިކޮށް އެ ޚިދުމަތް ހޯދޭނެއެވެ. އިމުގަ މެދުވެރިކޮށް ޕާސްޕޯޓް އެޕްލިކޭޝަން ފުރައިލުމަށް ފަހު، ޕާސްޕޯޓް ބަލާ ކޮންސިއުލޭޓަށް ދުރުވުމަކީ އެންމެ ފަސޭޙަ ގޮތް ކަމަށް ޑައި ވިދާޅުވިއެވެ.

ކޮންސިއުލޭޓުން ދޭ އިތުރު ޚިދުމަތްތަކުގެ ތެރޭގައި ސެޓިފިކޭޓް އޮފް އައިޑެންޓިފިކޭޝަން (ސީއައި) ހައްދައި ދިނުން ހިމެނެއެވެ. ސީއައިއަކީ އަލަށް ވިހާ ކުދިންނަށް ޕާސްޕޯޓްގެ ބަދަލުގައި ދޭ، ކާކުކަން އަންގައިދޭ ލިޔުމެކެވެ.

ކޮންސިއުލޭޓުން އިރުޝާދު ދެނީ އިންޑިއާއަށް ވިހަން އަންނަ ބޭފުޅުން، ކުއްޖާ ވިހެވުމުން ވީހައި ވެސް އަވަހަކަށް ސީއައި އެޕްލިކޭޝަން ފުރުއްވުމެވެ. އެއީ މިކަމަކީ ވަގުތު ނަގާ ކަމަކަށް ވާތީއެވެ.

"ގިނަ ފަހަރަށް މިކޮޅަށް މި ވިހަން އަންނަ ދިވެހިން، ނިއު-ބޯން ބޭބީ ރާއްޖެ ގެންދަން ވެގެން އެޕްލައި ކުރަން ޖެހެނީ ސީއައިއަކަށް. އެކަހަލަ ކޭސެސްތަކުގައި ފާހަގަވޭ، ވިހަން މިކޮޅަށް އަންނައިރު ރަނގަޅަށް މައުލޫމާތު އޮޅުން ނުފިލުވައި އަންނަކަން. އެންމެ ފަހު ވަގުތުގައި ފުރަން ވެގެން ޓިކެޓާ އެކީގައި އަޅުގަނޑުމެންނާ ހަމައަށް މި އަންނަނީ ރިއުއެސްޓް" ޑައި ވިދާޅުވީ، އެޕްލިކޭޝަން ފުރިހަމަ ކުރުމަށް އިމިގްރޭޝަންއާއި އިންޑިއާގެ އެފްއާރުއޭއިން އެގްޒިޓް ޕާމިޓެއް ހޯދަން ޖެހޭތީ ސީއައި ހޯދުމަށް ފަސް ވަރަކަށް ދުވަސް ނަގާ ކަމަށެވެ. އަދި ސީއައި ކޮޗިންއަށް ފޮނުވަން ޖެހެނީ ޕޯސްޓް މެދުވެރިކޮށް ކަމުން، އެކަމަށް ދުވަސްތަކެއް ނަގާ ކަމަށް ޑައި ވިދާޅުވިއެވެ.

"އިލްތިމާސް ކުރަން ވިހަން އަންނަ ފަރާތްތަކުން ޓިކެޓް ނެގުމުގެ ކުރިން ހޮޓްލައިންއަށް ގުޅުއްވައިގެން މިކަން ކުރުން"

މީގެ އިތުރުން އިންޑިއާގައި ނިޔާވާ ދިވެހިންގެ ކަށުމަކާކެމީގެ ކަންކަން ކޮށްދިނުމާއި ހަށިގަނޑު މާލެ ގެންދިއުމުގައި އެހީވުމުގައި ވެސް ކޮންސިއުލޭޓުން ތިބެނީ 24 ގަޑިއިރު ޚިދުމަތުގައެވެ. ކޮންސިއުލޭޓްގެ ހޮޓްލައިން ނަންބަރަކީ، 919847702554+ އެވެ.

އިންޑިއާގައި ކައިވެނި ކުރާ ފަރާތްތަކަށް ކޮންސިއުލޭޓުން ދޭން ބޭނުންވާ މެސެޖެއް އެބައޮތެވެ. ޑައި ވިދާޅުވީ، އިންޑިއާގައި ކުރާ ކައިވެނިތައް ރެޖިސްޓްރީ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ކައިވެނިކުރި ކަމުގެ ލިޔުން ހިފައިގެން ދިޔަސް ރާއްޖޭގެ ފެމިލީ ކޯޓުން ކައިވެނި ރެޖިސްޓްރީނުކޮށްދޭ ކަމާއި އިންޑިއާގައި ކައިވެނިކުރާ ނަމަ ރާއްޖެ ދިއުމުގެ ކުރިން ޚާއްސަ އެޕްލިކޭޝަންއެއް ފުރަން ޖެހޭކަން ޑައި ފާހަގަ ކުރެއްވިއެވެ. އަދި ކައިވެނި ވެރިފައި ކުރުމަށް ކޮޗިންގައި ހުންނަ ވަޤްފް ބޯޑަށް ފޮނުވައެވެ. ކައިވެނި ކުރިކަމުގެ ލިޔުން ލިބޭނީ، އެކަމަށް ރެޖިސްޓްރީކޮށްގެން އިންޑިއާގައި ހުންނަ މިސްކިތްތަކުން ކޮށްދޭ ކައިވެނިތައް އެކަންޏެވެ. ޑައި ވިދާޅުވީ، އެޕްލިކޭޝަން ފުރުއްވައިފައި ރާއްޖެ ދުރުވިޔަސް ހެޔޮ ކަމަށާއި، ކައިވެނި ވެރިފައިވުމުން ލިޔުން މެއިލް ކޮށްދޭނެ ކަމަށެވެ.

ވިސާއާ ގުޅޭ ވާހަކަތަކެއް

2018ވަނަ އަަހަރު ޑިސެންބަރު މަހު ސޮއި ކުރެވި، 2019 މާރިޗް މަހު އަމަލު ކުރެވެން ފެށި އެގްރީމެންޓެއްގެ ދަށުން އިންޑިއާއަށްދާ ދިވެހިންނަށް ކުރީބައިގައި ވިސާ ނެގުމަކާ ނުލާ ތިން މަސް (90 ދުވަސް) އިންޑިއާގައި މަޑު ކުރެވެއެވެ. ކޮވިޑް-19އާ އެކު އިންޑިއާއަށް މީހުން އެތެރެވުން އެ ޤައުމުގެ ސަރުކާރުން މަނާ ކުރުމާއި އޮން-އެރައިވަލް ވިސާ ދިނުން ވަނީ މެދު ކަނޑައިލައިފައެވެ. އޮޮން-އެރައިވަލް ވިސާ އަލުން ދޫކުރަން ފަށައިފައި ވަނީ އޮކްޓޯބަރު 2021ގައެވެ.

އޮން-އެރައިވަލް ވިސާއާ ގުޅޭ ގޮތުން ބައެއް ކުން ހީތައް ޑައި ވަނީ ތަފްސީލްކޮށް ދެއްވައިފައެވެ. މިގޮތުން އޮން-އެރައިވަލް ވިސާގައި 90 ދުވަސް ލިބެނީ 180 ދުވަސް ތެރޭގައެވެ. އިންޑިއާއަށް އަންނަ ކޮންމެ ފަހަރަކު 90 ދުވަސްް ލިބެނީއެއް ނޫނެވެ.

މެޑިކަލް ކަމެއްގައި އިންޑިއާއަށް އައިސް ކަނޑައެޅިފައިވާ ދުވަހަށް ވުރެ އިތުރަށް މަޑު ކުރަން ޖެހިއްޖެ ނަމަ އޮންލައިންކޮށް ވިސާ އެކްސްޑެންޑް ކުރެވޭނެއެވެ. އޭރުން ޖެހޭނީ އޮން އެރައިވަލް ވިސާއަކުން މެޑިކަލް ވިސާއަކަށް ކޮންވާޓް ކުރާށެވެ. މިގޮތަށް އެކްސްޑެންޑު ކުރަން ވިސާ ހަމަވުމުގެ 15 ދުވަސް ކުރިން ޖެހެއެވެ. ނަމަވެސް ކޮންސިއުލޭޓުން ބާރު އަޅަނީ، މެޑިކަލް ކަމެއްގައި އިތުރަށް މަޑު ކުުރަން ޖެހޭކަން އެނގޭ ހިސާބުން ވިސާ އިތުރު ކުރުމަށް ހުށަހެޅުމެވެ.

ޑައިގެ ޓީމާއެކު "ދެން"ގެ ޓީމް

ދިވެހިންގެ ޚިދުމަތްތެރީންނަށް ވެގެން ފަރުޖައްސައިލާކަށް ކޮންސިއުލޭޓްގެ މުވައްޒިފުން ބޭނުމެއް ނުވެއެވެ. ދިވެހިންނާ އެކު އޮންނަ ބޮންޑް ވަރުގަދަކޮށް، ދިވެހިންގެ އެކުވެރިޔަކަށްވުމަށް އެ ޓީމުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޘަޤާފަތް ދިރުވުމަށް ރާއްޖޭގައި ފާހަގަކުރާ ޤައުމީ ދުވަސްތައް އިންޑިއާގެ ބިމުގައި ވެސް ކޮންސިއުލޭޓުން ފާހަގަ ކުރެއެވެ. (މި ރަމަޟާން މަހު ބޭއްވި ތަރާވީޙަށް އަޅުގަނޑުމެންނަށް ދައުވަތު ލިބުނު ނަމަވެސް، ދަތުރުގެ ޝެޑިއުލް އެ ކަމަށް ތަނެއް ނުދިނެވެ.)

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!